ބައެއް އިސްލާމުން ބުނެއެވެ!
"އަހަރެމެންގެ ދަރިން ފަތިސް ނަމާދަކަށް ނުހޭލައްވާނަމެވެ. އަދި ހިޖާބް އަޅާކަށްވެސް ނުބުނާނަމެވެ." މީގެ އިތުރުން ނަމާދުކުރުމާއި އަންހެން ދަރިން ޙިޖާބް އެޅުމަކީ އެކުދިން ބޮޑުވެގެން އަމިއްލައަށް ކުރާނެ ކަންކަން ކަމަށް ބުނާ ބައަކުވެސް އުޅެއެވެ!
މިފަދައިން ބުނާ މީހުން އެމީހުންގެ ދަރިން ސްކޫލަށް ގެންދަން ހޭލައްވައެވެ. ހޯމްވޯކް ހައްދުވަން ހޭލައްވައެވެ. ކަސްރަތާއި ކުޅިވަރަށް ގެންދަން ހޭލައްވުވައެވެ. އެއިންކަމަކަށް ހޭލެއްވުމަކުން ޞިއްޙަތަށް ލިބޭ ގެއްލުމެއް އޮންނަކަމަކަށް ނުވެއެވެ. ގެއްލުން މިލިބެނީ ހަމައެކަނި ﷲ ތަޢާލާގެ އަމުރުފުޅަށް ނަމާދަށް ހޭލެއްވެވުމުން ކަމަށް ޤަބޫލުކުރާމީހާގެ ޙާލަކީ ކޮބައިހެއްޔެވެ؟
ރަނގަޅަށް ވިސްނާށެވެ! ފުރަތަމަ ނުކުރާނެ ކަމަށް އެބުނަނީ ދަރިން ލައްވައި ކުރުވަން ﷲ ތަޢާލާ އެންގެވި ކަންކަމެވެ. އަދި ދަރިން ބާލިޣްވުމުން އެކުދިންގެ މައްޗަށް ކުރަން ވާޖިބުވާ ކަންކަމެވެ. ނުކުރުމުން ފާފަ ލިބި ދަރަނިވެސް ކަންކަމެވެ.
ދެވަނައަށް ބަލައިފިނަމަ ކޮންމެ ގޮތަކުން ވެސް ދަރިން ލައްވައި ތިއަކުރުވަނީ އެކަންކަން ކުރުވުމުން ދަރިންނަށް ދުނިޔަވީ ފައިދާތަކެއް ލިބިދާނެ ކަމުގެ އުންމީދު އޮތް ކަންތައްތަކެވެ. ވީމާ ދަރިން ދެކެ ލޯބިވާނަމަ ދަރިންނަށް ހޯދައިދޭނީ ހަމައެކަނި ދުނިޔެ ހެއްޔެވެ؟ ދުނިޔެއާއި އާޚިރަތް ހެއްޔެވެ؟ އިސްކަން ދޭނީ އާޚިރަތް ހޯދައި ދިނުމަށް ނޫން ހެއްޔެވެ؟
ފަށަމުން ބައެއް "އިސްލާމުން" މި ލަފުޒު ބޭނުން ކުރީ ހަމަ ޤަޞްދުގައެވެ. އެހެނީ އެއްވެސް މުސްލިމަކު މިފަދަ ބަހެއް ނުބުނާނެއެވެ. ދަރިން ލައްވައި ނަމާދުކުރުވުމާއި ދަރިންގެ އަޢުރަ ނިވާ ކުރުވުމަކީ އެމީހުންގެ މަސްއޫލިއްޔަތެއް ޤަބޫލުކުރާނެއެވެ! ދަރިންނަކީ އިސްލާމް ދީނުގެ ވާޖިބުތައް އަދާކުރާ ބައަކަށް ހަދަން މައްސަކަތްނުކޮށްފިނަމަ ޤިޔާމަތް ދުވަހު ﷲ ތަޢާލާގެ ޙަޟްރަތުގައި ޖަވާބުދާރީވާން ޖެހޭނެކަން ވެސް ޤަބޫލުކުރާނެއެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން