މިނިވަންވެ އެންމެންގެ ތުންފުއްސަކަށްވީމާ އެދެވެނީ ނަރަކައާ ދިމާއަށެވެ! ނަރަކައިން ސަލާމަތްވާން އެދޭ ނަމަ ފިރިމީހާއަށް އަޅުވެތިވުން މާރަނގަޅު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 55ސ
މިނިވަންވެ އެންމެންގެ ތުންފުއްސަކަށްވީމާ އެދެވެނީ ނަރަކައާ ދިމާއަށެވެ! ނަރަކައިން ސަލާމަތްވާން އެދޭ ނަމަ ފިރިމީހާއަށް އަޅުވެތިވުން މާރަނގަޅު!

ހިލޭ ފިރިހެނުންނާއިއެކު ދަތުރުކުރުމާއި ކެއުންބުއިންތަކަށް އަދި ޑިސްކޯތަކަށް ނުދާނަމަވެސް އެއަންހެނަކު ވަނީ އެއްވެސް ތަހުޒީބުކަމެއް ނެތް ކަޓު އަންހެނަކަށެވެ. މޫނުބުރުގާއަޅައިފިނަމަ ކުރާ ފުރައްސާރަ އިތުރުވެއެވެ.

މިކަންކަން ބޮޑުވަމުން އައިސް މިހާރަކަށް އައިސް ހަމަ ވަރަށް ގިނަ ފަހަރު ޤަބޫލުކުރެވިފައި އޮންނަނީ އަންހެނަކު ނަމަވެސް ތައުލީމް ޙާޞިލުކޮށްފިނަމަ ހިލޭ ފިރިހެނުންނާއިއެކުގައި މަސްހުނިވެ އުޅެން ވަޒީފާއަކަށް ކޮންމެވެސް އޮފީހަކަށް ދާން ޖެހޭނެ ކަމަށެވެ. އަދި ވަޒީފާއަށް ދާން ޖެހޭނީ ވީހައި ގައަށް ބާރު، ކުރު ހެދުމެއްވެސް ލައިގެން ކަމަށެވެ. މިކަންކަން ނުކުރާނަމަ އެ އަންހެނަކީ ކަޓު، މުސްކުޅި، ބޯދާ އަންހެނެއް ކަމަށެވެ.

އަހަރެންނަކީވެސް ހަމަ މާސްޓަރސް ފެންވަރަށް ކިޔަވައިގެން އިން އަންހެނަކީމެވެ. ދެން އަހަރެންނަކީ ކޮންމެ މީހަކަށްވީނަމަވެސް އަހަރެން ވަޒީފާއަކަށް ނުދަމެވެ. ހެދުން މިލަނީވެސް މާތް ﷲ އެންގެވި ގޮތަށެވެ. ދިރި އުޅެމުން އައީވެސް ތަނަވަސްކަމުގައެއް ނޫނެވެ. ފިރިމީހާއަށް ލިބޭ މުސާރައިން ފުއްދާލައިގެންނެވެ.

ފިރިމީހާއަށް ކިޔަމަންތެރިވެ ޒުވާން އުމުރުގައި ގޭގައި އިނުމުން ބައެއް އެކުވެރިން ފުރައްސާރަވެސް ކުރިއެވެ. އަދި ގޭގައި އިންނަނީ ފިރިމީހާއަށް އަޅުވެތިވެގެން ކަމަށް ބުނެ މަލާމާތްވެސް ކުރިއެވެ. އެމީހުންނަށް ދޭނެ ޖަވާބު އަހަރެންގެ ހިތުގައި އެއިރުވެސް އޮތެވެ. ނަމަވެސް އެއްވެސް މީހަކާއި ދިމާއަށް އެއްވެސް އެއްޗެއް ނުބުނަމެވެ. އެ ޖަވާބަކީ "މިނިވަންވެ ފެންނަ ހުރިހާ ފިރިހެނުންގެ ތުންފުއްސަކަށްވުމަށްވުރެ ފިރިމީހާގެ އަޅަކަށްވުން ވެސް މާރަނގަޅެވެ. އެއިރުން ހަމަގައިމުވެސް ނަރަކައިން ސަލާމަތްވާނެއެވެ! އިން ޝާ ﷲ."

އަހަރެން މިވާހަކަ މިކިޔައިދެނީ ކޮންމެހެން މިއަދު މާމޮޅު ކަމެއް ކުރެވިގެން ފަޚުރުވެރިވާކަށް ވެސް ނޫނެވެ. ނަމަވެސް ހުރިހާ އަންހެނުންނަށްވެސް ހަމަ ޢިބްރަތަކަށެވެ.

އަހަރެން ކުރިން ބުނިފަދައިން ގޭގައި އިނީ ހަމަ ދެއަތް އުރާލައިގެނެއް ނޫނެވެ. އަހަރެން އަހަރެންގެ ވަޒީފާ އަދާކުރީމެވެ. އަހަރެމެންގެ ތިބީ 3 ދަރިންނެވެ. 3 ދަރިން ޔުނިވަރސިޓީ ތައުލީމް ނިންމައިގެން ނުކުތީ އެ ޔުނިވަރސިޓީތަކުން ކިޔވައިގެން ނުކުތް އެންމެ ހަގު ކުދިންގެ ގޮތުގައެވެ. އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންގެވެސް ގޮތުގައެވެ.

3 ކުދިންވެސް މިއަދު އެގެންދަނީ ހަމަ ރަނގަޅު ވަޒީފާ އަދާކޮށް، އަމިއްލަ މަސައްކަތް ވެސް ކޮށް ގެއަށް ކޮންމެ މަހަކު ބައިވަރު ފައިސާތައް ވައްދަމުންނެވެ. މިއަދު ދަތުރުކުރަނީ ބަހަކު ނޫނެވެ. ހަމަ އަގުބޮޑު ކާރުގައެވެ. ދެން ނިކަން ބުނެބަލާށެވެ! އަހަރެން އޮފީހަކަށް ގޮސް ހިލޭ ފިރިހެނުންތަކެއްގެ އަޅަކަށް ވެގެން ނުއުޅުނީމައި އަހަރެން މިއަދާކުރީ ވަޒީފާއެއް ނޫން ހެއްޔެވެ؟ އަދި މިއީ ބުނާ ދެރަ ބަހެއް ނޫނެވެ. އަހަރެންނަށް ފުރައްސާރަކުރި އެއްވެސް މީހަކަށް އަހަރެންގެ ދަރިންގެ ފެންވަރުގެ ދަރިން އުފެއްދިފައެއް ނުވެއެވެ. ތަރުބިއްޔަތުކުރެވިފައެއް ނުވެއެވެ. އެ ގޮތަށް ތއުލީމް ދެވިފައެއްވެސް ނުވެއެވެ. ވީއިރު ފައިދާ ބޮޑީ ކާކު އަދާކުރި ވަޒީފާގެ ހެއްޔެވެ؟

މުސްކުޅިވި ދުވަހު އެމީހުން އެއުޅެނީ ޕެންޝަނަށް ލިބޭ ފައިސާކޮޅުން ނުފުދިގެންނެވެ. އަހަރެން މިއުޅެނީ ދަރިން ގެނެސްދޭ ފައިސާއިން ފުދި އިތުރުވެގެންނެވެ. ވީމާ ބުނެލަން ބޭނުންވީ ދިރިއުޅުން ކިރިޔާވެސް ހަމަޖައްސައިގެން އުޅެވެން އޮތް ނަމަ ކިޔަވައިގެން ހުރުމަކީ ކޮންމެހެން ހުރިހާ އަންހެނުން ވަޒީފާ ކިޔާ މަސައްކަތަކަށް އޮފީހަށް ދިއުން މަޖުބޫރު ސަބަބެއް ނޫން ކަމެވެ. އަދި އެންމެ ފައިދާ ހުރި ކަމަކީ އޮފީހކަށް ގޮސް ވަޒިފާ އަދާކުރުންވެސް ނޫން ކަމެވެ.

މުސްލިމް އަނބިން އެމީހުންގެ ފިރިންނަށް ޚިދުމަތް ކުރަނީ އެކަމަށް ﷲ އަންގަވާފައިވާތީއެވެ! އެއީ އަޅުވެތިވުން ކަމަށް ދެކެނީ ﷲ އެންގެވި ގޮތް ނޭނގޭތީއެވެ! މިނިވަންވެ އެންމެންގެ ތުންފުއްސަކަށް ވުމަށްވުރެ ފިރިމީހާއަށް އަޅުވެތިވުން ވެސް މާ ރަނގަޅެވެ.

--އުއްމި ޢާމިރާ

--ޢިބްރަތްތެރި ފިލާވަޅު

މިއަދު އޮންލައިން