ޢަރުޝީގެ ހިޔާވަހިކަން ނޫން ހިޔާވަހިކަމެއް ނެތް ދުވަހު ހިޔާވަހިކަން ފުރަތަމަ ލިބޭ 3 ބާވަތުގެ މީހުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ޢަރުޝީގެ ހިޔާވަހިކަން ނޫން ހިޔާވަހިކަމެއް ނެތް ދުވަހު ހިޔާވަހިކަން ފުރަތަމަ ލިބޭ 3 ބާވަތުގެ މީހުން!

ޤިޔާމަތް ދުވަހު ޢަރުޝީގެ ހިޔާވަހިކަން ނޫން އެއްވެސް ހިޔާވަހިކަމެއް ނުވެއެވެ. ޢަރުޝީގެ ހިޔާވަހިކަން ދެއްވަވާނީ އެނިޢްމަތް ލިބިގަންނަން ދުނިޔޭގައި މަސައްކަތްކުރި މީހަކަށެވެ. 

ﷲ ތަޢާލާގެ ހިޔާވަހިކަން ފުރަތަމަ ލިބޭ މީހުންގެ ތެރޭގައި ޙަލާލް ތަކެތީގައި ނޫނީ ނުހިފާ (ބޭނުން ނުކުރާ) މީހުންނާއި އެމީހެއްގެ ކިބައިން ކަމަކު އެދިއްޖެ ނަމަ ﷲގެ ވަޖްހަފުޅަށްޓަކައި ކޮށްދިން މީހުންނާއި ޙުކުމްކުރާއިރު ގޮތް މި ނިންމަނީ ޚުދު ތިމާއަށްކަމަށް ބަލައިގެން ޙުކުމްކުރާ މީހާ ހިމެނެއެވެ." (ތިރުމިޛީ: 3711) 

މި ޙަދީޘްފުޅަށް ބަލައިފި ނަމަ އެ 3 ބާވަތުގެ މީހުންނަކީ:

1 ޙަލާލް ތަކެތީގައި ނޫނީ ނުހިފާ (ބޭނުން ނުކުރާ) މީހުންނާއި

2 އެމީހެއްގެ ކިބައިން ކަމަކު އެދިއްޖެ ނަމަ ﷲ ގެ ވަޖްހަފުޅަށްޓަކައި ކޮށްދިން މީހުންނާއި

3 ޙުކުމްކުރާއިރު ގޮތް މި ނިންމަނީ ޚުދު ތިމާއަށްކަމަށް ބަލައިގެން ޙުކުމްކުރާ މީހާ އެވެ. 

މިއިން ކޮންމެ ކަމަކީވެސް ހަމަ ކޮންމެ މީހަކަށްވެސް ކުރެވިދާނެ ކަމެކެވެ. 3 ވަނައިގައިވާ ޢަދުލުވެރިވުމުގެ ބައި ފުރިހަމަކުރުމަކީ ވެސް ކޮންމެ މީހަކުވެސް ހަމަ ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ.

ހަމަކުޑަކުޑަ މިސާލެއް ބުނެލައިދޭނަމެވެ. އަނބިމީހާއަށް ކުރެވުނު ކަމަކާއިމެދު ގޮތެއް ނިންމަނީއެވެ. ބައެއް ފިރިހެނުން އެކަން ހަދަނީ ވަރަށް ފަސޭހަ ކަމަކަށެވެ.  އަނބިން ނަމަވެސް ފިރިން ނަމަވެސް އެއީ ފަސޭހަ ކަމަކަށް ހަދައިގެން ނުވާނެއެވެ.

ގޮނޑި ބަދަލުކޮށްލާށެވެ! ކުށް ނުކުރާ މީހާ ކޮޅަށް ތެދުވެ އަމިއްލަ ކޯޓުގެ ކޮށިގަނޑުގައި ހުއްޓޭށެވެ! އެއަށްފަހު ވިސްނައިލަންވީ ތިމާއަށް އެކުށް ކުރެވުނު ނަމަ ތިމާގެ އަމިއްލަ ނަފްސަށް ތިމާ ދޭނެ އަދަބަށެވެ. އެކަމަށް ވިސްނައިލުމަށްފަހު ގޮތް ނިންމާ މީހަކަށްވާށެވެ! އެއިރުން އެވަނީ މިޙަދީޘްގައިވާ ފަދައިން ޢަމަލުކުރެވުނީއެވެ.  

ފަނޑިޔާރުންވެސް ޙުކުމްތައް ކުރާއިރު ހަމަ މި ބަޔާންކުރި އުޞޫލުން ކަންކަން ނިންމާ ނަމަ މުޖުތަމައުގައި ހުރި ހުރިހާ މައްސަލަތަކެއް ދާނީ ޙައްލުވަމުންނެވެ. އަދި އެމީހުންނަށް ޤިޔާމަތް ދުވަވު ދެއްވަވަން އޮތް މަތިވެރި ދަރަޖަ ވެސް ދެއްވަވާނެތެވެ! އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން