ޙަޤީޤީ ޙާދިސާ: އަނިޔާވެރިވަމުން ދަނިކޮށް އަނބިމީހާއަށް ކެންސަރުޖެހުމުން އަނބިމީހާއަށް ލޯބިދީ އެކުގަ އަޅުކަންކޮށް ދުޢާކުރަން ފެށުމުން ކެންސަރަށް ވީގޮތެއް ނޭނގުނު ހާދިސާއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 8ސ
ޙަޤީޤީ ޙާދިސާ: އަނިޔާވެރިވަމުން ދަނިކޮށް އަނބިމީހާއަށް ކެންސަރުޖެހުމުން އަނބިމީހާއަށް ލޯބިދީ އެކުގަ އަޅުކަންކޮށް ދުޢާކުރަން ފެށުމުން ކެންސަރަށް ވީގޮތެއް ނޭނގުނު ހާދިސާއެއްގެ ވާހަކަ-

އެދެމީހުންނަކީވެސް ވަރަށް ލޯބިން އެކުގައި އުޅުނު ދެމަފިރިންނެވެ. ފުރަތަމަ 2، 3 އަހަރު ފާއިތުވެ 4 ވަނަ އަހަރުގައި ފިރިމީހާ ޒުވާން ލޯބިވެރިއަކު ހޯދައި އަނބިމީހާގެ ހިތުގައި ޖައްސުވަން ފެށިއެވެ. ކުށެއް ދައްކާނެ އިތުރު ކަމެއް ނުފެންނަ ދުވަސްދުވަހު ޢާންމުކޮށް 2 ޖަހާއިރު ކާން އަންނަ މީހާ މެންދުރު 12 ޖަހާއިރު އަންނައިރު ކާން ނުހެދިހުރެގެން އެއްޗެތި ގޮވައެވެ. 

ލިބެމުން އައި ހިތްދަތިކަމުގެ ތެރޭގައި އުޅެމުން ދަނިކޮށް ކުއްލިއަކަށް އަނބިމީހާ ބަލިވާން ފަށައިފިއެވެ. ނުތެދުވެވޭ ދުވަސްތައް ވެސް އަންނަން ފަށައިފިއެވެ. ޑޮކްޓަރަށް ދައްކައި ޓެސްޓްތައް ހެދުމުން އެނގުނީ ކެންސަރު ޖެހި 4 ވަނަ ސްޓޭޖަށް ގޮސްފައިވާ ކަމެވެ. ޓެސްޓްތަކަށް ބަލައި ޑޮކްޓަރުން ބުނީ ފަސޭހަވުމުގެ ފުރުޞަތު ގެއްލިފައިވާ ކަމަށެވެ. 

އެކަން އެނގުމާއިއެކު ފިރިމީހާ މުޅިން ބަދަލުވިއެވެ. ހިތުގައި ހަމްދަރުދީ އުފެދި އަނބިމީހާ ދެކެ އިންތިހާއަށް ލޯބިވާންފެށިއެވެ. ފަރުވާބަހައްޓައި އަޅައިލާން ފެށިއެވެ. ބުނަމުން ދިއައެވެ. "އަހަރެންނަށް ވަރަށް ބޮޑެތި ކުށްތަކެއް ކުރެވިއްޖެއެވެ. މިހިސާބުން އުޅުން މުޅިން ބަދަލުކުރާނަމެވެ. އިރާދަކުރެއްވިއްޔާ އަހަރެންގެ އަނބިމީހާ މަރެއް ނުވާނެއެވެ. ފުރާނައިގެ ހުރިހާ ބާރުތަކެއް ލިބިވޮޑިގެންވަނީ ﷲ އަށެވެ. ކެންސަރަކަށް ނޫނެވެ." 

ކޮންމެއަކަސް ދެމަފިރިން އެކުގައި އަޅުކަންކޮށް ދުޢާކުރަން ފެށިއެވެ. ދަމުނަމާދުކުރަން ފެށިއެވެ. ދަމުނަމާދަށްފަހު ޛިކުރުކޮށް ދުޢާކުރަމުން ގެންދިއައެވެ. ދެން ބުނެލަން އޮތީ އެންމެ ބޮޑަށް ޙައިރާންކުރުވަނިވި ވާހަކައެވެ. އެއިގެ ފަހުން މިހާރު 12 އަހަރުވީއެވެ. ދެމަފިރިން އަދިވެސް ދިރިއުޅެމުން އެގެންދަނީ ހަމަ ވަރަށް ލޯބިންނެވެ. 

ކެންސަރުގެ އަސަރު ފިލިކަމަކަށް އަދިވެސް ޑޮކްޓަރުންނެއް ނުބުނެއެވެ. ނަމަވެސް ޢާންމު ޙާލަތުގައި ދިރިއުޅެވެއެވެ. 3 ދަރިންވެސް ވިހައިފިއެވެ. ބުރަކޮށް މަސައްކަތްކުރުމުން އަވަހަށް ވަރުބަލިވުން ނޫން އެއްވެސް ކަމެއް ފާހަގައެއް ނުކުރެވެއެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް މިވާހަކަ މިކިޔައިދިނީ ވާހަކައިގައި ކެންސަރު ޖެހުނުކަމަށް ބުނެފައިވާ އަނބިމީހާއެވެ. ސާމިޔާއެވެ. މިކިޔައިދިނީ އަޅުގަނޑުގެ އަމިއްލަ ޙަޔާތުގެ ވާހަކައެވެ. ހަމައެކަނި އެންމެ ބޭނުމަކުއެވެ. ދެމަފިރިން އިޚްލާޞްތެރިކަމާއިއެކު ލޯބިން ދިރިއުޅެ، އެކުގައި އަޅުކަންކޮށް ދުޢާކުރާނަމަ މިފަދަ އެތައް ނިޢްމަތްތަކެއް މިންވަރުކުރައްވަވާނެ ކަމަށް ބުނުމެވެ. 

އަޅުގަނޑުގެ ފިރިމީހާ އަޅުގަނޑާއި އަޅާލަން ފެށުމުން އޭނާ ކުރިން ކުރި ހުރިހާ ކަމަކަށް އަޅުގަނޑުމާފުކޮށް ޙިތްޙަލާލް ދިނީމެވެ. އެފަދަ ޙާލުގައިވެސް އަޅުގަނޑުގެ މައްޗަށް ރަޙުމްކުރިކަމަށްޓަކައި ﷲ އަށް ޙަމްދުކޮށް ޝުކުރުކުރީމެވެ. އިތުރަށް އަޅުގަނޑު ބުނެލަން ބޭނުންވަނީ ދެމަފިރިން ތެދުވެރިކަމާއިއެކު ތިބެ ﷲ އަށް ބިރުވެތިވެ ތިބެ ދިރިއުޅެމުން ގެންދާނަމަ އެދޭ ހުރިހާ ކަމެއް މިދުނިޔޭގައި ކާމިޔާބުނުވިނަމަވެސް ހަމަގައިމުވެސް ޤިޔާމަތްދުވަހު މާޔޫސްވާކަށް ނުޖެހޭނެއެވެ. އިން ޝާ ﷲ 

އިތުރަށް އެއްޗެއް ބުނާކަށް ނެތީމެވެ!

 

- ސާމިޔާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން