"އާހިރަތަށްވުރެ ދުނިޔޭގެ އެދުންވެރިކަން އިސްކޮށް ދުންޔަވީ ކަންތަކުގައި އެއްބަޔަކު އަނެއްބަޔަކަށްވުރެ ކުރިއަރައި ދިއުމަށް މަސައްކަތްކޮށް، އެކަމުގައި ހައްދުފަހަނައަޅާ ދިއުމަކީ ގައުމުތައް ހަލާކުވުމަށް މެދުވެރިވާ ސަބަބެއް ކަމުގައި ކީރިތި ރަސޫލާ ހަދީޡްފުޅުތަކުން އެނގެއެވެ.
ދުވަހަކަށްފަހު ދުވަހެއް، މަހަކަށްފަހު މަހެއް، އަހަރަކަށްފަހު އަހަރެއް ފާއިތުވަމުންދާއިރު، މި ތިބެވެނީ ޣާފިލުކަމުގެ ތަންމަތީގައި ނިދާފައެވެ. އެ ނިދިން ހޭލާނީ ކޮން ދުވަހަކުންބާއޭ ހިތަށް އަރައެވެ. މާތް ﷲ އަޅަމެންނަށް ހެޔޮވިސްނުން ދެއްވާށި!
ގައުމެއްގައި ނުވަތަ މުޖުތަމައެއްގައި މުންކަރާތްތައް ހިނގަމުންދާ ނަމަ، އެކަންކަން ހުއްޓުވުމަށްމުންކަރާތްތައް މަނާނުކުރެވޭ ނަމަ، އެއީ ﷲގެ ކޯފާ އެބައެއްގެ މައްޗަށް އައުން ގާތްވެގެންވާ ކަމެކެވެ."
މަތީގައި އެވާ ލިޔުންކޮޅަކީ ކައިވެނީގެ ބޭރުން ކޮންމެވެސް ދެމީހަކު ދަރިއަކު ހޯދައި އެކަން ސޯޝަލް މީޑިއާގައި އިޝްތިހާރުކުރުމުން އެމީހުންނަށް ބައަކު މަރުޙަބާ ކިޔާތީ ކަންބޮޑުވުން ފައުޅުކުރި ޓްވީޓެއްގެ ތްރެޑްގައި "ޢަލީ ޢައްބާސް" ލިޔުއްވާފައިވާ ބަސްކޮޅެކެވެ.
އެއްބައަކު ބުނަނީ އެމީހުން މިހާރު ކައިވެނިކޮށްފައިވާ ކަމަށެވެ. މިކަމާއި ގުޅިގެން އެއީ އެދެމީހުންގެ އަމިއްލަ ކަމެއް ކަމަށެވެ. އަނެއްބައަކު ބުނަނީ އެއީ އިސްލާމީ މުޖުތަމައުއެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިފަދަ ކަންކަން ކުރުމުން އިސްލާމިކް މިނިސްޓްރީން އެކަން ބަލައި ފިޔަވަޅު އަޅަންޖެހޭނެކަންވެސް ބައެއް މީހުން ވަނީ ފާހަގަކޮށްފައެވެ.
ސޯޝަލް މީޑިއާގައި މިބާވަތުގެ ކަންކަން އިޝްތިހާރުކުރުމަކީ އެފަދަ ކަންކަމަށް ހިތްވަރުދިނުން ކަމަށްވެސް ބައެއް މީހުން ވަނީ ފާހަގަކޮށްފައެވެ.