ފައިސާގެ ދަހިވެތިކަމުގަ ފަޤީރުއިރު އެހީތެރިވި ލޯބިވެރިޔާ ދޫކޮށްލައި މަންމަ އާ އެއްއުމުރުގެ އަންހެނަކާ ގުޅުނު މީހަކަށް އަމިއްލައަތުން ބޮލުގަ ތަޅަންޖެހުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 55ސ
ފައިސާގެ ދަހިވެތިކަމުގަ ފަޤީރުއިރު އެހީތެރިވި ލޯބިވެރިޔާ ދޫކޮށްލައި މަންމަ އާ އެއްއުމުރުގެ އަންހެނަކާ ގުޅުނު މީހަކަށް އަމިއްލައަތުން ބޮލުގަ ތަޅަންޖެހުނު ގޮތުގެ ވާހަކަ-

އެއީ ދެލޯބިވެރިންނެވެ. އަންހެން ކުއްޖާއަކީ ކޮންމެވެސް ވަރެއްގެ އާމްދަނީއެއް ލިބޭ ކުއްޖެކެވެ. ފިރިހެން ކުއްޖާއަކީ ވަޒީފާއެއް ނެތުމުން އެއްވެސްވަރަކަށް ޢާމްދަނީ ލިބޭ ކުއްޖެއް ނޫނެވެ. އެހެންކަމުން އަނހެންކުއްޖާއައީ އޭނާއަށް ލިބޭ މިންވަރުން ފިރިހެންކުއްޖާއަށް ފައިސާގެ ގޮތުން އެހީތެރިވަމުންނެވެ. 

ފިރިހެން ކުއްޖާ ވަޒީފާއެއް ހޯދަންކުރަމުން ދިއަ މަސައްކަތުގެ ތެރެއިން އޭނާގެ މަންމަގެ އުމުރުގެ އަނހެނަކާއި ބައްދަލުވިއެވެ. އޭނާއާއި ލޯބީގެ ގޮތުން ގުޅިއްޖެނަމަ ވަޒީފާއެއް ދޭނެ ކަމަށް ބުނުމުންނާއި އަނހެން މީހާގެ ތަނަވަސްކަމުގެ ދަހިވެތިކަމުގައި ޙަޤީޤީ ލޯބިވެރިޔާ ދޫކޮށްލައި މުސްކުޅި އަންހެންމީހާ އާއި ގުޅުނެވެ. 

އޭނާ ދިރިއުޅެނީ އެކުވެރި ޒުވާނެއްގެ ގޭގައެވެ. އެޒުވާނާ އެގޮތަށް އެކަން ނުކުރަން އެދި އާދޭސްކުރިއެވެ. ފަޤީރުޙާލުގައި ކިތަންމެ ކުޑަމިންވަރަކުން ނަމަވެސް ފައިސާގެ ގޮތުން އެހީތެރިވެ ހިތްވަރުދީ އެކުގައިހުރި ލޯބިވެރިޔާ ދޫކޮށްނުލަން އެތައް ފަހަރަކު ބުންޏެވެ. ނަމަވެސް އޭނާ ބުނީ އޭނާއަށް މުހިންމީ ލޯބިނޫންކަމަށާއި ފައިސާ ކަމަށެވެ. ޙަޤީޤީ ލޯބިވެރިޔާ ދޫކޮށްލާފައި އޭނާ އެމުސްކުޅި އަންހެންމީހާއާއި ގުޅުނެވެ. ދިރިއުޅުންވެސް މުސްކުޅި އަނހެން މީހާގެ ގެއަށް ބަދަލުކުރިއެވެ.

އެއަންހެންކުއްޖާއާއި އެ އެކުވެރި ޒުވާނާއަކީވެސް އަނެއް އެކުވެރިޔާގެ ސަބަބުން ދެރައްޓެހިންނެވެ. އަނހެން ކުއްޖާ އެކަނިވީ ވަގުތު ލިބުނު މާޔޫސްކަމުގެ ތެރެއިން އެދެމީހުން ގުޅުނެވެ. ގުޅިގެން ދެމީހުން ކުރިއަށް ދަނިކޮށް ފިރިހެން ކުއްޖާގެ ވިޔަފާރި ބަނގުރޫޓުވެ އިތުރު ފައިސާ ނުލިބި ކުރިއަށް ނުގެންދެވޭ ޙާލަތަށް ކަންކަން ދިއުމުން އޭނާއަށް ބޭނުންވާނެ ފައިސާ ލިބޭނެ ކަމުގެ ޔަޤީންކަން އަންހެންކުއްޖާދިނެވެ. ނަމަވެސް ލިބޭނީ ކިހިނަކުން ކަމެއް ނުބުނެއެވެ. 

ޒުވާނާ ގޭގައި އިންދާ 2 ދުވަހެއްފަހުން މުވައްޒިފަކު އައިސް ބުނީ ވިޔަފާރިއަށް ބޭނުންވާވަރަށްވުރެ މާގިނައިން އަންހެނަކު ފައިސާ ދީފީކަމަށެވެ. ވީމާ ހުރިހާ ދަތިތަކެއް ފިލައިފިކަމަށެވެ. 

އެވާހަކަދައްކަން ތިއްބާ އޭނާގެ އެކުވެރި ޒުވާނާ ދަބަސްހިފައިގެން އަނެއްކާވެސް ގެއަށް އައެވެ. ހުރީ ވަރަށް ދެރަވެފައެވެ. ބުނީ މުސްކުޅި އަންހެން މީހާ އާއި އޭނާ އާއި އޮންނަ ގުޅުން ވެރިންނަށް އެނގިގެން ދެމީހުން ވެސް ވަޒީފާއިން ވަކިކުރުމުން އަންހެންމީހާ އަށް ފައިސާ ނުލިބޭތީ ޚަރަދުކުޑަކުރަންވެގެން ގެއިން ބޭރުކޮށްލުމުން އަނެއްކާވެސް މަގުމަތިވީ ކަމަށެވެ. 

އެވަގުތު އޭނާ އެއްލައިލި އަންހެންކުއްޖާ އައިސް ގެއަށް ވަނެވެ. އޭނާ ފެނުމާއިއެކު އެތަނުގައި ހުރި މުވައްޒިފް އޭނާގެ ދެފައިގައި އަތްޖައްސައި އަދަބު އަދާކުރިއެވެ. ދެމީހުންނަކީ ރައްޓެހިންތޯ ސުވާލުކުރުމުން ބުނީ ވިޔަފާރިއަށް ފައިސާދިނީ އޭނާ ކަމަށެވެ. 

ލިބުނު ޙައިރާންކަމުގައި ދެޒުވާނުން ތިއްބައި އަންހެންކުއްޖާ ވާހަކަދައްކަން ފެށިއެވެ. އަހަރެންނަކީ ފަޤީރަކަށް ހެދިގެން އުޅުނީ ތަނަވަސްކަން ނެތިގެން ނޫންކަމަށެވެ. ތަނަވަސްކަން ނެތި މަސްގަނޑުދެކެ ލޯބިވާ މީހަކު ހޯދުމުގެ ބޭނުމުގައި ކަމަށެވެ. އެފަދަ މީހަކު ފެނުމުން އޭނާއަށް އެހީތެރިވީކަމަށާއި އެފައިސާ އަނބުރާ ބޭނުންވެސް ނުވާކަމަށެވެ. 

އޭނާ އެއްލައިލި ޒުވާނާއަކަށް މަދަކުން ނުއިނދެވުނެވެ. މާފަށް އެދިއްޖެއެވެ. އަބަދުވެސް ވަރަށް ލޯބިވާކަމަށް ބުނެ އަލުން ލޯބީގެ ގޮތުން ގުޅި ކައިވެނިކުރަން ބޭނުންކަމަށްވެސް ބުނުމުން އަންހެންކުއްޖާ ބުންނެވެ. "އަހަރެން ފަޤީރުވީމާ އެދުވަހު އެއްލާލާފައި އަހަރެންގެ ހުރި ތަނަވަސްކަން އެނގުނީމާ މިއަދު އަނެއްކާވެސް ލޯބިވީއެވެ. އަހަރެން އެއްލާލާފައި ގުޅުނު މީހާ ކަލޭ އެއްލައިލީމާ ގޮތްހުސްވީއެވެ. ބަލަ ލޯތްބަކީ ފަޤީރުވީމާ ނުވެފައި ތަނަވަސްވީމާ ވާން އޮންނަ އެއްޗެއްކަމެއް ނުދަންނަމެވެ. އަހަރެން ގޮތް ނިންމައިފީމެވެ. މިގެއަށް މިއައީ ކަލެއާ ވާހަކަދައްކާކަށް ނޫނެވެ. އަހަރެން މިއައީ އަހަރެންގެ ބައްޕަ ބުނެގެން އަހަރެންގެ ޙަޤީޤީ ލޯބިވެރިޔާ ގޮވައިގެން އަހަރެމެންގެ ގެއަށްދާށެވެ. މިރޭ ކައިވެނިކުރަންވެގެންނެވެ."

އެހިސާބުން ދެލޯބިވެރިންނާއި މުވައްޒިފް އެކުގައި ގެއިން ނުކުމެގެންދިއައީއެވެ. އޭނާ ބާކީކޮށް އެއްލައިލި ޒުވާނާ ދެއަތުން ބޮލުގައި ތަޅަން އިނީއެވެ. ފައިސާހުރި ތިޖޫރީއެއްގެ ތެރެއިން އަމިއްލައަށް ބޭރަށް ނުކުމެވުނީތީ ވީދެރައިންނެވެ. 

މިއީ އަޅުގަނޑު ބެލި ފިލްމެކެވެ. މިފިލްމް މިއަދުނޫހުގެ ކިޔުންތެރިންވެސް ވާނީ ބަލައިފައެވެ. މިވާހަކަ ލިޔުމުގެ ބޭނުމަކީ ލޯތްބަކީ ފައިސާވެރިކަން ކަމަށް ދެކެގެން އުޅޭ އަނހެނުންނާއި ފިރިހެނުންވެސް ގިނަވަމުންދާތީ މިއީ ވަރަށް ޢިބްރަތްތެރި ވާހަކައަކަށްވުމުންނެވެ. 

އަޅުގަނޑު އެމީހަކު ދެކެ އެންމެ ލޯބިވީ ޒުވާނާ އަޅުގަނޑަށް ނުލިބުނީވެސް އަޅުގަނޑު ފަޤީރުވުމުންނެވެ. ލޯބިން އެތައް ދުވަހަކު އުޅެފައި ކައިވެނިކުރަން ތައްޔާރުވަމުންދަނިކޮށް އަޅުގަނޑަށްވުރެ ތަނަވަސް އަންހެނަކު ފެނުމުން އަޅުގަނޑު އެއްލައިލީއެވެ. 

އެހިސާބުން އަޅުގަނޑަށް ލިބުނު ފަޤީރަކާއި ކައިވެނިކޮށްގެން ދިރިއުޅެމުން މިދަނީ ހަމަ އުފަލުގައެވެ. އޭނާގެ ކައިވެންޏަށް އަހަރުވެސް ނުވެ ކައިވެނި ރޫޅިއްޖެއެވެ. ތަނަވަސްކަމުގެ އުފަލުގައި އުލެވުނީ ކުޑަކުޑަ ދުވަސްކޮޅެއްގައެވެ. ވީމާ ލޯތްބާއި ތަނަވަސްކަމާއި ގުޅުވުމުގެ ނަތީޖާ ފޮނިނޫންކަން މިދަނީ އެނގެމުންނެވެ.

 

- ފަރީޝާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން