"ސިޔާސީ ރޭހުގަ ދުރުރާސްތާ ކާމިޔާބީއެއް ހޯދޭނީ ތިމާގެ އަމިއްލަ މަޞްލަޙަތަށްވުރެ ދީނާ، ޤައުމިއްޔަތުގެ މަޞްލަޙަތު އިސްކުރާ މީހަކަށް، ނުވަތަ ބައަކަށް" ކަމަށް ހޯމް މިނިސްޓަރު ޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޝައިޚް އިމްރާން މިފަދަ ބަސްފުޅެއް ވިދާޅުވެފައިމިވަނީ އެމަނިކުފާނުގެ ބެލެނިވެރިކަމުގައި ހުރި އިސްލާމިކް މިނިސްޓްރީން އަމަލުކުރަމުން ގެންދާ ގޮތާއިމެދު އަދި ޚުދު އެމަނިކުފާނުގެ ޢަމަލުފުޅުތަކާއިމެދު ގިނަ ބައެއްގެ ހިތުގައި ބޮޑެތި ސުވާލުތަކެއް އުފެދިފައިވާ ވަގުތެއްގައެވެ.
އެއް ސުވާލަކީ ރާއްޖޭގައި ހިންގާ ލާދީނީ ކަންކަން ހުއްޓުވައި ފިޔަވަޅުއަޅަން ފަސްޖެހި، ދިނީ އެއްބައިވަންތަކަމުގެ ޤާނޫނު ތަންފީޒުކުރަން ނުކުޅެދި، އެފަދަ މައްސަލަތައް ފުނިޖެހި އަހަރުތައް ފާއިތުވަމުން އަންނައިރު އެއިންކަމަކަށް ފިޔަވަޅުއަޅަން ނުކުޅެދިފައި ތިބެމެ ރޭގަނޑު މެންދަމު މަސައްކަތްކޮށް އެރެއިން އެރެއަށް ދެޝައިޚުންގެ ހުއްދަ ބާޠިލުކުރީ ތިއަވިދާޅުވާ ދުރުރާސްތާ ޕްރޮގްރާމުގެދަށުންތޯއެވެ؟
ތަޙްޤީޤަށް ބަންދުގައި ތިބޭއިރު ބައްދަލުވާނީ ތަޙްޤީޤް ކުރާ ފުލުހުންނާ އެމީހުން ބަލަހައްޓާ އޮފިސަރުންނާ ކަމަށްވާއިރު ސުވާލަކީ އެހާ އަވަސްއަރުވާލައިގެން އެކަންކުރީ ތަޙްޤީޤްކުރާ އޮފިސަރުންނަށް ނުވަތަ ބަލަހައްޓާ އޮފިސަރުންނަށް ދަރުސްދެއްވައިފާނެތީތޯއެވެ؟
ހަމަ އެއާއިއެކު ގިނަ ބައެއްގެ ހިތުގައި އުފެދޭ ސުވާލަކީ ޢަދާލަތު ޕާޓީން އެދޭހައި ކަމެއް ރައީސް ޞާލިޙް ކޮށްދެއްވަމުން ގެންދަވަމުން ގެންދަވާއިރު، ފުލުހުންގެ ވެރިކަން ލިބިވަޑައިގެން ހުންނަވައިމެ 2011 ވަނަ އަހަރު މަނިކުފާނު ކަންބޮޑުވުން ފައުޅުކުރެއްވި މުންކަރާތްތައް އެއިރަށްވުރެ މާބޮޑަށް އިތުރުވެ އިޝްތިހާރުކޮށްގެން ކުރިއަށް ގެންދަން ދޫކޮށްލައްވާފައިވަނީ ތިއަ ވިދާޅުވި ދުރުރާސްތާ ޕްރޮގްރާމުގެދަށުންތޯއެވެ؟
Siyasee reyhugai dhururaastha kaamiyaabee’eh hoadheynee thimaage amilla maslahathahvure dheena,qauma,rayyithunge maslahathu iskura meehakah nuvatha bayakah.
— Imran Abdulla (@ShimranAb) July 23, 2022