ޢިބްރަތްތެރި ފިލާވަޅެއް! ބޭނުން އެއްޗެއް ކައްކައިދޭ އަނބިމީހާ ވަރިކޮށް ފޮނުވާލާފަ ހޯދި ޒުވާން އަނބިމީހާ ބުނީ ބަނޑުހައިވާނަމަ އަމިއްލައަށް ކައްކައިގެން ކާން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 51ސ
ޢިބްރަތްތެރި ފިލާވަޅެއް! ބޭނުން އެއްޗެއް ކައްކައިދޭ އަނބިމީހާ ވަރިކޮށް ފޮނުވާލާފަ ހޯދި ޒުވާން އަނބިމީހާ ބުނީ ބަނޑުހައިވާނަމަ އަމިއްލައަށް ކައްކައިގެން ކާން!

ރޭގަނޑުގެ ކެއުން ކައިނުމުނުތާ އެންމެ 2 ގަޑިއިރު ފަހެވެ. ދެމަފިރިން ތިބީ ސިޓީންގ ރޫމްގައި ފިލްމެއްބަލާށެވެ! 

"ބަލަ މިހާއިރުވާއިރު ބަނޑުހައިވާނެ ކަމެއް ނޭނގޭނގަ؟"

"ދެންމެނު ކެއީ! އެކަމަކުވެސް ބަނޑުހައިވެދާނެދޯ! ކޮންއެއްޗެއްތަ ކާން ގެނެސްދޭންވީ!"

"ބަތް" 

އަނބިމީހާ ތެދުވެގެންގޮސް ފިރިމީހާއަށް އެންމެ މީރުގޮތަށް ބަތާއި ކުކުޅު ތައްޔާރުކޮށްގެން ގެންގޮސްދިނެވެ. 

"ބަލަމިހިރީ ކޮން އެއްޗެްތަ ގެނެސްފަ؟"

"ބުނީ ބަތް ގެންނަން ނޫންތަ؟ ކަލެއަށް އެންމެ މީރުގޮތަށް ބަތް މިގެނެސްދިނީ." 

"އަހަރެން ބުނީ ހުދުބަތާ ގެރިރިހައާ ގެންނާށޭ!"

"ތިއަހެން ބުނި އަޑެއް ނީވޭ! އެކަމަކު މިގެނެސްދެނީ! ހަމަކުޑަކުޑައިރުކޮޅެއްގެތެރޭގަ"

"ބީރު އަންހެނަކާ އެކުގަ ކިހިނެއްތަ އުޅޭނީ؟" 

އެއިގެ ދެތިން ދުވަސްފަހުން ޒުވާން އަންހެންކުއްޖަކު ގެއަށް ގެނެސްފައި ބުނީ އަނބިމީހާ ވަރިކުރީކަމަށާއި ގެއިން ނުކުމެގެން ދިއުމަށެވެ. ވީދެރައިން ރޮމުން ރޮމުން އަނބިމީހާ ގެއިން ނުކުމެގެން ދިއައީއެވެ. 

ދުވަސްކޮޅެއްފަހެވެ. ޒުވާން އަނބިމީހާ ގާތުގައި ބަނޑުހައިވެއްޖެ ކަމަށް ބުނީ އަމިއްލައަށް ކައިގެން ކެއުމަށެވެ. ތަކުރާރުކޮށް އެދުމުންވެސް ދިނީ ހަމަ އެޖަވާބެވެ. 

އަނެއްކާވެސް ދުވަސްކޮޅެއްފަހެވެ. ފިރިމީހާ އޮތީ ރޯގާޖެހި ހީކަރުވާތީ މަތިމައްޗަށް ރަޖާލައިގެންނެވެ. އެތެރެހަށީގައި ހުންވެސް ހުއްޓެވެ. ޒުވާން އަނބިމީހާ އައުމުން ބޭސްކޮޅު ގެނެސްދޭން އެދުމުން ބުނީ އަމިއްލައަށް ތެދުވެ ބޭސްނަގައިގެން ކެއުމަށެވެ. އެހެން ބުނެފައި އޭސީ ޖެއްސުމުން މިއޮތީ ހީކަރުވާތީ ކަމަށްބުނުމުން ބުނީ ފިނިވާނަމަ ސިޓިންގރޫމަށް ދިއުމަށެވެ. 

ފިރިމީހާއަކަށް ކެތެއް ނުކުރެވުނެވެ. ޒުވާން އަނބިމީހާ ވަރިކޮށްލައި ގެއިން ފޮނުވާލިއެވެ. އެތައް މަސައްކަތަކުން ކުރީގެ އަނބިމީހާ އުޅޭގެ ހޯދައިގެން ގޮސް ބައްދަލުކޮށްފައި އޭނާއަށް ކުރެވުނު ކަންކަމަށް މާފުކޮށްފައި އެނބުރި ގެއަށް ގޮސްދިނުމަށް އެދުނެވެ. 

"ބަލަ އަހަރެން އެނބުރިދާންވީ ކަލެއަށް ފުރިހަމައަށް ކިޔަމަންތެރިކަން އަދާކޮށް ޚިދުމަތްކުރަމުން ދަނިކޮށް ނެރެބޭރުކޮށްލި ގެއަށްތަ؟ އަނެއްކާވެސް ގުޅެންވީ ޅައަނހެންކުއްޖަކު ފެނުމުން އަހަރެންނަކީ މުސްކުޅިއެއް ކަމަށްބުނި މީހާއާތަ؟ އޮހޮހޯ! ތިއައިން އެއްވެސް ކަމެއް ކޮށްދެވޭކަށް ނެތް! އަހަރެންނަކީ އަހަރެންގެ ސިފައަށާ ޢުމުރަށާ އަަހރެންކޮށްދޭ ޚިދުމަތްތަކަށާ ހުރިހާ ކަންކަމަށް ލޯބިކޮށް ތަޢްރީފްކޮށް އަހަރެންނާއި އަޅައިލާ އަހަރެންދެކެ ވަރަށް ލޯބިވާ ފިރިއެއްގެ އަންތބެއް! ދެން ނާންނާތި ތިބާވަތުގެ ވާހަކަދައްކަން މިގެއަށް!" 

ކުޑަކޮށް ތަފާތު ގޮތަކަށް މިގެނެސްދިނީ އަޅުގަނޑު ބެލި ފިލްމެއްގެ ޚުލާޞާއެވެ. މި ވާހަކަކޮޅު ނުވަތަ ޑައިލޮގަކީ އަޅުގަނޑުގެ ޙަޔާތާއި ވަރަށް ގުޅުންހުރި ވާހަކަކޮޅެކެވެ. އަޅުގަނޑުގެ ފުރަތަމަ ފިރިމީހާވެސް އަޅުގަނޑާއިމެދު ކަންކަންކުރީ ހަމައެފަދަ ގޮތަކަށެވެ. އަޅުގަނޑު ވަރިކޮށްލައި 2 ދަރިންނާއިއެކު ގެއިން ނެރެލީ އަޅުގަނޑުގެ ކިބައިގައި އެއްވެސް ރަނގަޅު ސިފައެއް ނެތްކަމަށް ބުނެފައެވެ. އަހަރުވެސް ނުވަނީސް ފައިބުޑަށް ސަލާންޖަހަން އައެވެ. އަޅުގަނޑުވެސް ދިނީ ހަމަ އެފަދަ ޖަވާބެކެވެ. 

ވީމާ މިވާހަކައަކީ އަޅުގަނޑާއިމެދުގައި ފިރިމީހާ ކަންކަންކުރިފަދައިން ކަންކަން ކުރުމަށްފަހު ފައިބުޑަށް ސަލާންޖަހަންދާ ފިރިހެނުންނަށް ރަނގަޅު ޢިބްރަތަކަށްވާނެ ކަމަށްހީކުރަމެވެ. 

އަނހެން ބޭފުޅުންނަށް ދަންނަވާލަން އޮތީ އަޅުގަނޑުމެން ރަނގަޅު ގޮތުގައި ތިބިނަމަ މާރަނގަލު ގޮތްތައް ދައްކަވާނެއެވެ. މާރަނގަޅު ފިރިން ލިބޭނެއެވެ. ފިރިމީހާގެ ދުލުގައި ގޮށް ނުޖެހޭތީ ކިތަންމެ ނުބައި އިލްޒާމްތައް އެޅުވި ނަމަވެސް ﷲ ދެކެދެނެވޮޑިގެން ނުވާ ހަމައެއްވެސް ކަމެއް ނުހިނގާނެއެވެ! ﷲ އަށް އިޚްލާޞްތެރިވެ އިޙްޞާންތެރިވާ އަޅުން މާޔޫސް ނުކުރައްވަވާނެތެވެ. އިން ޝާ ﷲ 

- ރަޝީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން