ޙަޤީޤީ ޙާދިސާ: ވެރިންގެ ބޭނުންތައް ފުއްދައިނުދީ އޮފީހުގަ ނޫޅެވިގެން ވަކިވި އަންހެނަކަށް ﷲ ތަނަވަސްކަން ދެއްވެވި ގޮތުގެ ވާހަކަ- ކަނބަލުން ޢިބްރަތް ޙާޞިލްކުރައްވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 27ސ
ޙަޤީޤީ ޙާދިސާ: ވެރިންގެ ބޭނުންތައް ފުއްދައިނުދީ އޮފީހުގަ ނޫޅެވިގެން ވަކިވި އަންހެނަކަށް ﷲ ތަނަވަސްކަން ދެއްވެވި ގޮތުގެ ވާހަކަ- ކަނބަލުން ޢިބްރަތް ޙާޞިލްކުރައްވާ!

އަޅުގަނޑަކީ ސަރުކާރުގެ ކުންފުންޏެއްގައި ވަޒީފާއަދާކުރަމުން އައި އަންހެނަކީމެވެ. ބައެއް ވެރިންގެ ދިމާކުރުންތަކާއިހުރެ ވަރަށް ދަތިއުނދަގޫ ޙާލަތުތައް ކުރިމަތިވިއެވެ. ކަންކަން ބޮޑުވަމުން އައިސް އެތަނުގައި މަސައްކަތްނުކުރެވޭ ޙާލަތަށް ދިއުމުން ނުބައި ބަދުނާމެއް އަޅުވާފައި ވަކިކުރުމުގެ ކުރިން އަމިއްލައަށް އިސްތިޢުފާ ދިނީމެވެ.

އަޅުގަނޑަކީ އެންމެ ކުޑައިރުންސުރެ އަލަތު ފިރިމީހާއާއިއެކު ނޫނީ އެއްވެސް ގުޅުމެއް ނުހިންގަން ޢަޒުމް ކަނޑައަޅައި އެކަން އެގޮތަށް ހިންމަވައިދެއްވެވުން އެދި ދުޢާކުރަމުން އައި އަނހެނަކީމެވެ. އެހެންވެ އަޅުގަނޑުގެ ގައިގައި ބީހެވުނު ހިލޭ ފިރިހެނަކު ނުހުންނާނެއެވެ. ވީމާ ﷲ އަޅުގަނޑަށް ހެޔޮ ގޮތް އިރާދަކުރައްވަވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަބަދުވެސް އޮވެއެވެ.

އަޅުގަނޑުގެ މަންމައަކީ ބަލިވެ އެނދުގައި އޮންނަން ޖެހިފައިވާ މީހެކެވެ. އަޅުގަނޑަށް މުސާރަނުލިބުމަކީ މަންމައަށް ބޭނުންވާ ކަންކަން ކޮށްދޭން ހުރަސްއެޅޭނެ ކަމެއްކަން އެނގިހުރެވެސް އިސްތިޢުފާދިނީ ދެން އެހެން ގޮތެއް ނެތުމުންނެވެ. އިސްތިޚާރާވެސް ކޮށްފައެވެ. އަދި ކެނޑިނޭޅި ދިއައީ ހެޔޮ ރަޙްމަތް ލެއްވެވުން އެދި ދުޢާކުރަމުންނެވެ. އެޙާލުގައި އޮވެގެންވެސް މަންމަވެސް އަޅުގަނޑަށް ދުޢާކޮށްދެއެވެ.

ތަނަވަސް ބޮޑުބޭބެއެއް ހުރެއެވެ. ބޮޑުބޭބެ މަންމަ ދެކެލަން އައިދުވަހަކު އަޅުގަނޑުގެ ވަޒީފާގެ ކަންކަން ކިހިނެއްތޯ މުސާރައަށް މިހާރު ކިހައިވަރެއް ލިބޭތޯ ސުވާލުކުރުމުން ކަންކަން ހިނގައިދިއަގޮތް ވަރަށް ރަނގަޅަށް ކިޔައިދިނީމެވެ. އަޅުގަނޑުގެ ވާހަކަތައް އަޑުއަހާފައި ބޮޑުބޭބެ ބުންޏެވެ. "އެހެންވީމާ މިދިއަމަހުގެ މުސާރަވެސް ލިބޭނެއެވެ. ދެން އެއްވެސް މީހެއްގެ ނޯކިރީކުރަން ނުއުޅޭށެވެ. ބޮޑުބޭބެ މިދޭ ފައިސާއިން އަމިއްލަ މަސައްކަތެއް ފަށާށެވެ. އެމަސައްކަތުގައި ކުރިއަރައިގޮސް އަމިއްލަ ފައިމައްޗަށް ތެދުވެވެންދެން އޮފީހުން ލިބުނުވަރަށް ކޮންމެ މަހަކުވެސް ބޮޑުބޭބެ މުސާރަދޭނަމެވެ. މަންމައަށް ހެޔޮކޮށް ހިތައި މަންމަ ބަލަހައްޓަމުން ގެންދާށެވެ. ބޮޑުބެއަށް އުޅެންޖެހޭ ގޮތުން ގިނައިން ނާދެވެނީއެވެ. ނަމަވެސް ކަމަކު ބޭނުންވެއްޖެ ނަމަ ގުޅައިލާށެވެ. ކަނބުލޮގެ އެކައުންޓް ނަމްބަރު ބޮޑުބެއަށް ފޮނުވައިލާށެވެ. އެހެން ބުނެފައި ބޮޑުބޭބެ ދިއައީއެވެ.

އަޅުގަނޑު ކިޔެވީ ވިޔަފާރީގެދާއިރާއިން ކަމަށްވުމުން ކުރިއަށްދާން ފަސޭހަވާނީ އެދާއިރާއިން ކަމަށްވުމުން ބޮޑުބޭބެގެ އެހީތެރިކަމާއިއެކު އަޅުގަނޑު ފިހާރައެއް ހުޅުވީމެވެ. ވިއްކަންފެށީ އަންހެނުންނަށް ބޭނުންވާނެ އެއްޗެއްސާއި ފޭރާމެވެ. އިރާދަފުޅުން އަހަރެއްހައި ދުވަހުގެ ތެރޭގައި ރަނގަޅު ފައިދާއެއް ލިބެން ފަށައިފިއެވެ. 7 އަހަރުވީއިރު މިހާރު 3 ފިހާރައެބަހުއްޓެވެ! ފަހާތަނުގެ 2 ތަން އެބަހިންގަމެވެ. އިން ޝާ ﷲ

އޮފީހުގައި އަޅުގަނޑަށް ޖިންސީގޯނާކުރަން މަސައްކަތްކުރި ވެރިން އެމީހުންގެ އަނބިންނާއިއެކު ބާޒާރުކުރަންވެސް އައުދެއެވެ. ފެނުނު ނަމަވެސް "އައްސަލާމް ޢަލައިކުމް" ބުނުން ނޫން ބަހެއް ނުބުނަމެވެ. އެއްދުވަހަކު އަޅުގަނޑުގެ އެއިރުގެ ވެރިއަކު "މަސައްކަތްފެށީ ކިހިނަކުންތޯ؟" ސުވާލުކުރީމާ ބުނީމެވެ. "އަނިޔާވެރި ވެރިންގެ ބިރުދެއްކުމަށާ އިބިލީހުގެ ވަސްވާހަށް ނުހެއްލުނީމާ ﷲ ލެއްވެވި ރަޙްމަތުންނެވެ."

މިއީ އަލުގަނޑުގެ ޙަޔާތުގައި ކަންކަން ދިމާވި ގޮތެވެ! މިއަދުނޫހުގެ ކިޔުންތެރިންނަށް، ޚާއްޞަކޮށް އަނހެން ބޭފުޅުންނަށް ބުނެލަން އޮތީ ސަލާން ޖަހަން ޖެހުނަސް ﷲ ޙަރާމް ކުރެއްވެވި ކަމެއް ނުކުރާށެވެ! އެއިރުން ﷲ ލައްވަވާ ރަޙްމަތް މާބޮޑުވާނެއެވެ.

- އަޒްލިފާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

މިއަދު އޮންލައިން