"ތިބާގެ އިޚްތިޔާރު ނެތް ކަންކަމަށް ވިސްނަން ވަގުތުތައް ބޭކާރުނުކޮށް އެކަންކަން ﷲ އަށް ވަކީލްކުރާށެވެ! އެކަންކަމަށް ވިސްނަން ރޭގަނޑުގެ ނިދި ނަގައިލުމުގެ އެއްވެސް ބޭނުމެއް ނެތެވެ!
ކުރެވެން ހުރި ކަންކަން ކޮށް ސުވަރުގެ ވަންނާށެވެ! ބުއްދިވެރިންނަކީ އެއީއެވެ!
ކުރެވެން ނެތް އަޅުކަންކަން ކުރަން ވިސްނުމުގައި ވަގުތުތައް ބޭކާރު ނުކުރާށެވެ! ކުރެވެން ހުރި އަޅުކަން ވީހައި ގިނައިން ކޮށް އާޚިރަތަށް ގެންދާނެ ހެޔޮ އަމަލުތައް ގިނަކުރާށެވެ!"
މިއީ މުފްތީ މެންކް ވިދާޅުވެފައިވާ ބަސްކޮޅެކެވެ. މި ބަސްފުޅުން އެނގިގެންދަނީ ކޮންމެ މީހކު ވެސް ބަލަންވީ އެމީހަކަށް ކުރެވެން ހުރި ހެޔޮ ޢަމަލުތައް ވީހައި ގިނަކުރަން ކަމެވެ.
ޙާލަތާއި ދިރިއުޅެން ޖެހޭ މާޙައުލާއި އަތްމަތި ތަނަވަސްކަން ހުރި މިންވަރާއި މިފަދަ ކަންކަން އެންމެންނަށް ހުންނާނީ އެއްގޮތަކަށް އަދި އެއް މިންވަރަކަސް ވެސް ނޫނެވެ. ވީމާ ކުރަން ކިތަންމެ ބޭނުންވި ނަމަވެސް ނުކުރެވޭނެ ކަންކަން ހުރެދާނެއެވެ.
މިސާލަކަށް ޙައްޖާއު ޢުމުރާ ވެވޭނީ އަތުގައި ފައިސާ ހުރިނަމައެވެ. ކީރިތި ޤުރްއާން ކިޔެވުމަށާއި އެ ނޫންވެސް އަޅުކަން ކުރަން ބޭނުންވާ ކޮންމެ ވަގުތަކު އެކަން ނުކުރެވިވެސް ހިނގައިދާނެއެވެ. ގޭތެރޭގައި ކުރަން ޖެހޭ މަސައްކަތް ހުންނަ ގޮތުންނާއި އަދާކުރާ ވަޒީފާގެ ގޮތުންނާއި މިފަދަ އެތައް ސަބަބުތަކެއް މެދުވެރިވާތީއެވެ.
އެހެންކަމުން ގޭތެރޭގެ މަސައްކަތުގައި އުލެން ޖެހޭތީ އަޅުކަން ކުރަން އިށީނދެ އިންނާނެ ވަގުތު ނެތް މީހުން މަސައްކަތުގައި އުޅެމުން ޛޛިކުރުތައް ކިޔާށެވެ! ވަޒިފާގެ މާހައުލުގައިވެސް ވީވަރަކުން ޛިކުރުކުރާށެވެ! އަބަދުވެސް ގިނަގިނައިން ﷲ ތަޢާލާ ހަނދުމަކުރާށެވެ! ﷲ ތަޢާލާ ހަނދުމަކުރުމަކީވެސް ހަމަ އަޅުކަމެކެވެ. އީމާންތެރިކަން ވަރުގަދަވެ ފާފަކުރުމާއި ދުރުހެލިވެވޭ ސަބަބެކެވެ.
"ފަހެ، ތިއަބައިމީހުން ތިމަންރަސްކަލާނގެ ހަނދުމަ ކުރާށެވެ! އޭރުން ތިމަންރަސްކަލާނގެ ތިއަބައިމީހުން ހަނދުމަކުރައްވާ ހުށީމެވެ..." (އަލް ބަޤަރާ: 152)
ވީމާ އަޅުކަންކުރަން ބޭނުންވާ މީހާއަށް އެކަން ކުރެވޭނެ މަގު ﷲ ތަޢާލާ މިވަނީ ވަރަށް ބޮޑަށް ތަނަވަސްކޮށްދެއްވަވައިފައެވެ. ފުރުޞަތުގެ ބޭނުން ހިފައި ވީހައި ގިނައިން އަޅުކަންކުރާށެވެ! އާޚިރަތަށް ގެންދާނެ މުދައު އެއްކުރުމަކީ އެއީއެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން