ނަމާދު ނަމާދަށް ހެދުމަށްޓަކާ ރަސޫލް ޞޢޥ, ދަސްފުޅުކޮށްދެއްވެވި ގޮތަށް ނަމާދުކުރަން ނަމާދުގަ ކޮންމެހެން ސަމާލުކަންދޭންޖެހޭ ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
ނަމާދު ނަމާދަށް ހެދުމަށްޓަކާ ރަސޫލް ޞޢޥ, ދަސްފުޅުކޮށްދެއްވެވި ގޮތަށް ނަމާދުކުރަން ނަމާދުގަ ކޮންމެހެން ސަމާލުކަންދޭންޖެހޭ ބައެއް ކަންކަން-

ބައެއް މީހުން ނަމާދަށް ތިބޭއިރުވެސް ތިބެނީ އަނގުރު އަލިފާން ގަނޑެއްގެ މަތީގައި ތިބޭ ފަދައިންނެވެ. ނިމޭނެ ވަގުތެއްގެ އިންތިޒާރުގައެވެ. އަވަހަށް ނިމުމުގެ އިންތިޒާރުގައެވެ. ނަމަވެސް މިއީ ސަލަފުން ނަމާދުކުރަން ދަސްކޮށްދެއްވި ގޮތެއް ނޫނެވެ. ކޮންމެ ނަމާދެއްވެސް ކުރަން ޖެހޭނީ އެ ނަމާދަށްފަހު ދެން އެހެން ނަމާދެއް ކުރަން ނުލިބިދާނެ ކަމަށް ބަލައި ވީހައި ރީތިކޮށެވެ.  

ރަސޫލް () ނަމާދަށް ފަށްޓަވަމުން "ނަމާދަށްފަހު ނަމާދާއި އަލްވިދާޢު ކިޔާފައިދާ މީހެއް ފަދައިން ނަމާދުކުރުމަށް ޙަދީޘްފުޅު ކުރައްވަވައެވެ. ވީމާ ނަމާދު ނިމޭއިރަށް ފުންމައިގެން ތެދުވެ މިސްކިތުން ނުކުމެގެންދާ މީހަކަށް ނުވާށެވެ! ޤިޔާމަތް ދުވަހު އަޅުގަނޑުމެންގެ އަތުގައި އޮންނާނެ ރައުސްމާލަކީ ނަމާދެވެ. ޤިޔާމަތް ދުވަހު އެންމެ ފުރަތަމަ ހިސާބު ބެއްލެވޭނީ ނަމާދާއިމެދުގައެވެ. އެހެން އަޅުކަންތައް ޤަބޫލު ކުރެއްވެވުން އޮތީ އެއަށްފަހުގައެވެ.  

ނަމާދު ނަމާދަށް ވާނީ ރަސޫލް () ދަސްފުޅުކޮށްދެއްވެވި ގޮތަށް ނަމާދުކުރުމުންނެވެ. އެމީހެއްގެ އަތުގައި އޮތް ރޮނޑެއްގެ ހަން ދަމާނީ އެމީހަކު ބޭނުންވާ ގޮތަކަށް ކަމަށް ބުނެ ކަންކަން ކުރާ ފަދައިން ނަމާދުކޮށްގެން ނަމާދު ނަމާދަކަށް ނުވާނެއެވެ.  

ނަމާދުގައި އަތް އުފުލަން ޖެހޭ މަޤާމްތަކެއް ވެއެވެ. އެ މަޤާމްތަކުގައި އަތް އުފުލަންވީ ގޮތް ރަސޫލް () ވަނީ ދަސްފުޅުކޮށް ދެއްވަވައިފައެވެ. ބައެއް މަޒްހަބްތަކުގައި އަތް ނުއުފުލައިވެސް ނަމާދުކުރެއެވެ. ނަމަވެސް ޙަދީޘްގެ ޢިލްމްވެރިން ބަޔާން ކުރައްވަވާ ގޮތުގައި އެކަމަށް އެމީހުން ދައްކާ އެއްވެސް ދަލީލެއް ޞައްޙައެއް ނޫނެވެ. ވީމާ ޖެހޭނީ އަތްއުފުލާށެވެ!  

އިމާމް ބުޚާރީ ރަޙިމަހުﷲ ވިދާޅުވެފައިވަނީ ރަސޫލް () އަތްޕުޅު ނުއުފުއްލަވާ އެއްވެސް މަޤާމެއްވާކަން އެއްވެސް ދަލީލަކުން ސާބިތުނުވާ ކަމަށެވެ.

ފަތިސް ނަމާދާއި ހުކުރު ނަމާދުގައި ރަސޫލް () ވަނީ ވަކި ސޫރަތްތަކެއް ވިދާޅުވެފައެވެ. އެ ސޫރަތްތައް ކިޔެވުމަކީ ކޮންމެހެން ވާޖިބު ކަމެއް ނޫން ނަމަވެސް ރަސޫލް ()ގެ އެ ސުންނަތް ދިރުވުމަކީ ކުރަން ޖެހޭ ކަމެކެވެ. ވީމާ އެ ސޫރަތްތައް ދިގުވެގެން ޝަކުވާ ނުކުރާށެވެ! އެ ސުންނަތާއި އެއްގޮތަށް ނަމާދުކޮށްދޭ ބައަކު ތިބިނަމަ އެއީ ޝުކުރުވެރިވާންޖެހޭ ކަމެކެވެ.  

ވީމާ މިކުރާ އަޅުކަންތައް ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާތޯ ގަދައަޅައި މަސައްކަތްކުރާށެވެ!

 

- ޝައިޚް މުޙައްމަދު ލަޠީފްގެ ދަރުސަކުން

 

މިއަދު އޮންލައިން