ހިތްދަތިކަމުގައި ހުރި މުސްލިމަކާ ދިމާއަށް އީމާންކަން ކުޑަ މީހެކޭ ނުބުނާށެވެ! އެއީ ބުނެވިގެންވާނެ ބަހެއް ނޫނެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
ހިތްދަތިކަމުގައި ހުރި މުސްލިމަކާ ދިމާއަށް އީމާންކަން ކުޑަ މީހެކޭ ނުބުނާށެވެ! އެއީ ބުނެވިގެންވާނެ ބަހެއް ނޫނެވެ!

މީހަކު ހިތާމައިގައި ނުވަތަ ހިތްދަތިޙާލުގައި އުޅޭނަމަ އެއީ އެމީހެއްގެ އީމާންކަން ކުޑަވުމުންކަމަށް ބައެއް މީހުންނަށް ބުނެވެއެވެ. މިއީ ވަރަށް ނުބައި ބުނުމެކެވެ. އީމާންކަން ވަރުގަދަވެގެން ހިތްޕުޅު ދަތި ޙާލުކޮޅުގައި އުޅެން ނުޖެހޭނެ ނަމަ ރަސޫލް އަށާއި ޞަޙާބީ ބޭކަލުންނަށް އެކަން ކުރިމަތިވެވަޑައެއް ނުގަންނަވާނެއެވެ! 

ވީމާ މީހަކު ދެރަވެ، ފިކުރުބޮޑުވެ، ކަންބޮޑުވެގެން އުޅޭ ކޮންމެ ފަހަރަކު އެމީހާއަށް އެކަން ދިމާވެގެން އެއުޅެނީ އޭނާގެ ކިބައިގައި އީމާންކަން ނެތުމުން ނުވަތަ އީމާންކަން ކުޑަކަމުން ކަމަށް ނުބުނާށެވެ! އެހެނީ ޞަހާބީންވެސް ހިތްދަތި ޙާލުކޮޅުގައި އުޅުއްވެވިއެވެ. އަދި ޚަދީޖަތުގެފާނު އަވަހާރަވުމުންނާއި ބޮޑުބޭބޭފުޅު އަބޫޠާލިބްގެފާނުގެފާނު އަވަހާރަވުމުންނާއި އަދި ލިބިވަޑައިގެންނެވި ބޭފުޅުން އަވަހާރަވުމުން ރަސޫލް () ވެސް ހިތާމަފުޅު ކުރެއްވެވިއެވެ. ހިތްޕުޅު ދަތިފުޅު ޙާލުކޮޅުގައިވެސް އުޅުއްވެވިއެވެ. 

ވީމާ މީހަކަށް ހިތްދަތިޙާލެއް މެދުވެރިވެގެން އެކަމުގެ ހިތާމައިގައި އުޅޭވަގުތު އޭނާއަށް ނުބައި ބަސްތައް ނުބުނާށެވެ! އޭނާގެ ޢަމަލުތަކަށް ބަލައި އިޞްލާޙްކުރަން ޖެހޭ ކަންކަން އިޞްލާޙްކުރަން ނަޞޭޙަތްދީ ކެތްތެރިވުމަށް ހިތްވަރުދޭށެވެ! ކެތްތެރިވުމަށް ކީރިތި ޤުރްއާނުގައި ހުރި އާޔަތްތައް ކިޔައިދީ ހިތްދަތި ޙާލުކޮޅުގައި ރަސޫލް () ޢަމަލުފުޅު ކުރެއްވެވި ގޮތް ބުނެދޭށެވެ! 

ހިތާމަފުޅު ކުރެއްވެވިއެވެ. ލޯފުޅުން ކަރުނަފޮދު އޮހޮރުނެވެ. ނަމަވެސް ކެތްތެރިވެވަޑައިގެންނެވިއެވެ. ކޮންމެ ނިޢްމަތެއްވެސް ގެންދަވާނީ އެ ނިޢްމަތް ދެއްވެވި ފަރާތުންކަން ޤަބޫލުފުޅުކުރައްވަވައި ﷲ ތަޢާލާއަށް ވަކީލް ކުރެއްވެވިއެވެ. ހިތާމަފުޅުގެ ސަބަބުން ދިރިއުޅުއްވެވުމުގެ އެއްވެސް ކަމަކަށް ބަދަލެއް ނުގެންނަވައެވެ. އަޅުކަން ކުރެއްވެވުމުގައި ސާބިތުވެވަޑައިގެންނެވިއެވެ. 

މިއީ ހަމަ އަހަރެމެން ވެސް އަމަލުކުރަން ޖެހޭނެ ގޮތެވެ. އެހެންކަމުން މިބުނެދެނީ ހިތްދަތިކަމުގެ ވަގުތުގައި ޙައްލު ހޯދަން ކުރެވިދާނެ ބައެއް ކަންތަކެވެ. 

ނަމާދުކުރުން ގިނަކުރުން، ޑޮކްޓަރުންނާއި ޢިލްމުވެރިންގެ ލަފާ ހޯދުން، ކަސްރަތުކުރުން، ޞިއްހަތަށް ފައިދާހުރި ތަކެތި ކެއުން، ސާފުތާހިރުކަން އިތުރުކުރުން، ޤަވާއިދުން ނިދަން މަސައްކަތްކުރުން، އެކަނި ވަގުތު ހޭދަ ނުކުރުން، ދިރިއުޅެން ކުރަމުން އައި ހުރިހާ ކަންކަން ކުރަމުން ގެންދިއުން 

ކޮންމެ ޙާލަތެއްގައި ނަމަވެސް މުސްލިމުންގެ އެންމެ ބާރުގަދަ ހަތިޔާރަކީ ދުޢާކުރުމެވެ. ވީމާ ދުޢާ ކުރުން ގިނަކުރުމަކީ އެންމެ ބޮޑަށް ސަމާލުކަން ދޭން ޖެހޭނެ ކަންތަކެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން