ރަން ލިބެން އޮއްވާ ހިލަ ހޮވާނީ ކާކު؟ ހުވަފެނީ ބައިވެރިޔާ ހަނދާން ކުރަން ނިދި ނަގައިލުމަކީ އެންމެ ފައިދާހުރި ގޮތްކަމާއިމެދު ވިސްނާލަމުހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
ރަން ލިބެން އޮއްވާ ހިލަ ހޮވާނީ ކާކު؟ ހުވަފެނީ ބައިވެރިޔާ ހަނދާން ކުރަން ނިދި ނަގައިލުމަކީ އެންމެ ފައިދާހުރި ގޮތްކަމާއިމެދު ވިސްނާލަމުހެއްޔެވެ؟

ރޭގަނޑާއި ދުވާލުގެ ގިނަ ބައަކު ވަގުތުތައް ހޭދަކުރަނީ އެމީހުންގެ ލޯބިވެރިޔާ މަތިން ނުވަތަ ހިތް އެދޭ ހުވަފެނީ ބައިވެރިޔާގެ މަތިން ހަނދާންކުރުމުގައެވެ. އެކަމުގައި ރޭގަނޑުގެ ނިދިވެސް އެބަ ނަގާލައެވެ. ސުވާލަކީ އެއިގެ ތެރެއިން ކިތަންމެ މީހުންގެ ލޯބިވެރިޔާ އެމީހުންގެ މަތިން ހަނދާންކުރޭ ހެއްޔެވެ؟

ސުވާލަކީ ދެމީހުން އެކުގައި އެއްވަރަކަށް ހަނދާންކޮށްގެން ޒަވާޖީ ޙަޔާތެއް ފަށާނަމަ މިހައި ގިނަ ކައިވެނި ހަމަ މިހައި ފަސޭހައިން ރޫޅެން ޖެހޭނެ ހެއްޔެވެ؟

ކޮންމެއަކަސް ތިބާ ތިބާގެ ހުވަފެނީ ބައިވެރިޔާ މަތިން ހަނދާންކޮށްގެން ރޭގަނޑުގެ ނިދި ނަގައިލި ނަމަވެސް އަނެކާ ހަނދާން ނުކުރުން ކައިރިކަން ތަޖުރިބާ އިން މިދަނީ އެނގެމުންނެވެ. ވީމާ ވަގުތުތައް ތިއަ ކުރެވެނީ އިސްރާފް ނޫން ހެއްޔެވެ؟

ހަމަ ޔަޤީނުންވެސް ބޭކާރު ނުވެ އެކަމުން ފައިދާކުރާނެ ހަނދުމަކުރުމެއް އެބައޮތެވެ! އެއީ އަލަބްޤަރާ ސޫރަތުގެ 152 ވަނަ އާޔަތުން އެނގެން އޮތް ޔަޤީން ކަމެކެވެ. 100 އިންސައްތަ މުޖައްރިބް ކަމެކެވެ.

"ފަހެ، ތިއަބައިމީހުން ތިމަންރަސްކަލާނގެ ހަނދުމަ ކުރާށެވެ! އޭރުން ތިމަންރަސްކަލާނގެ ތިއަބައިމީހުން ހަނދުމަކުރައްވާ ހުށީމެވެ..."

ރޭގަނޑު ނުނިދި އޮންނަން ޖެހޭނަމަ ﷲ ތަޢާލާގެ މަތިން ހަނދުމަކުރާށެވެ! ކީރިތި ޤުރްއާން ކިޔެވުމުގައި ވަގުތު ހޭދަކުރާށެވެ! ދަމުނަމާދުކޮށް ދުޢާކުރާށެވެ! އެއިރުން ދާނީ ދެ ދުނިޔެވެސް ޙާޞިލުކުރެވެމުންނެވެ. ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަކީ އެއީއެވެ.

ވީމާ ﷲ ތައާލާ ހަނދުމަކުރުން ގިނަކުރާށެވެ! އެއިރުން ﷲ ތައާލާގެ ރުހިވޮޑިގަތުން ލިބި ހިތް އެދޭ ބައިވެރިޔާ ވެސް އޮންނާނީ ލިބިފައެވެ! އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން