ކާންނުދީ ތަޅާއަނިޔާކުރަމުން ގެންގުޅުނު ދޮންދަރިފުޅު، ދަރަނިން ސަލާމަތްވާން ވިއްކާލުމުން އޭނާއަށް އޭނާދެކެ ލޯބިވާ ތަނަވަސް ފިރިއަކު ލިބި ދޮންމަންމަ ޙާލުގަ ޖެހުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 53ސ
ކާންނުދީ ތަޅާއަނިޔާކުރަމުން ގެންގުޅުނު ދޮންދަރިފުޅު، ދަރަނިން ސަލާމަތްވާން ވިއްކާލުމުން އޭނާއަށް އޭނާދެކެ ލޯބިވާ ތަނަވަސް ފިރިއަކު ލިބި ދޮންމަންމަ ޙާލުގަ ޖެހުނު ގޮތުގެ ވާހަކަ-

އޭނާގެ އުމުރުން 14 އަހަރުގައި މަންމަ ޢާއި ބައްޕަ ވަކިވެއްޖެއެވެ. މަންމަ ވަރިކޮށްފައި ފޮނުވައިލީ ދަރިފުޅުވެސް އަތުލައިފައެވެ. ދުވަސްކޮޅަކުން ދޮންމަންމައަކު ހޯދިއެވެ. އެދޮންމަންމަ ރުއްސަން ބައްޕަ ނުކުރާ ކަމެއް ނެތެވެ. ބައްޕަގެ ގެވެސް ދޮންމަންމައަށްދިނީއެވެ.

އެހިސާބުން ދެބަފައިންނަށްވެސް އުޅެންޖެހުނީ ދޮންމަންމަގެ އަޅުންގެ ގޮތުގައެވެ. ބައްޕައަށްވެސް އުޅެންޖެހެނީ ބަލިކަށި ކަނބިއްޔަކަށްވެގެންނެވެ. ދަރިފުޅުގެ ކިޔެވުން ހުއްޓުވާލައި ގޭގެ ނޯކަރަކަށް ބަދަލުކޮށްލިއެވެ. ކާންވެސް ޖެހެނީ ދޮންމަންމަ ހުއްދަދިން އިރަކުން ހުއްދަދިން އެއްޗެއް ހުއްދަ ދިން ވަރަކަށެވެ. އެޙާލުގައިވެސް ދުވާލަކު އެތައް ފަހަރަކު ގައިގާ ތަޅައި އަނިޔާވެސްކުރެއެވެ. 

ދޮންމަންމައަކީ ބައްޕަގެ އަތުން ހޯދިފައިސާގައި އަތިރިމަތީގައި ރެސްޓޯރަންޓެއް ހިންގާ އަންހެނެކެވެ. ކުއްލިއަކަށް ކަސްޓަމަރުން ލިބުން މަދުވެ ވިޔަފާރި ދަށަށްދިއައެވެ. ސަބަބެއްކަމަށްވީ ކައިރީގައި އިތުރު ރެސްޓޯރަންޓެއް ހުޅުވައި ޚިދުމަތްދޭން ރީތި އަންހެންކުދިން ބޭތިއްބުމެވެ.

ފުރަތަމަ ކަމަކަށްވެސް ދޮންމަންމަ ކުރިކަމަކީ ކިރިޔާ ބަނޑު ނިވާވާރުގެ ކުރު ހެދުން ލައްވާފައި ދަރިފުޅު މަސައްކަތު ނެރުމެވެ. އެކަމަށް ބައްޕަ އިންތިހާއަށް ދެކޮޅު ހެދިއެވެ. ނަމަވެސް ބުނީ ދެކޮޅު ހަދާނަމަ ދެބަފައިންވެސް ގެއިން ނެރެލާނެ ކަމަށެވެ. 

ރެސްޓޯރަންޓުގައި މަސައްކަތްކުރާއިރު ގައިގަ އަތްލުމުން ދެކޮޅުހެދުންވެސް އޮންނަނީ މަނާކޮށްފައެވެ. އެހައި އަޅުވެތި ގޮތުގައި މަސައްކަތްކުރުވަމުން ގެންދަނިކޮށް އެއް ދުވަހަކު މީހަކު ގުންޑާއިންގެ ބައަކު ގޮވައިގެން އައިސް ތަން ބަންދުކުރަން މަސައްކަތްކުރަންފެށިއެވެ. ސަބަބަކަށްވީ އޭނާގެ އަތުން ދޮންމަންމަ ދަރަންޏަށް ނަގާފައިވާ ގިނަ ޢަދަދެއްގެ ފައިސާތައް އަނބުރާ ނުދިނުމެވެ. ދެކެވުނު ވާހަކައިގައި އެމީހާ ދޮންމަންމައަށް އަނިޔާކުރާ ޙާލަތަށް ދިއުމުން ދަރިފުޅު ކުރިމައްޗަށް އެރިއެވެ. އަދި ދޮންމަންމައަށް އަނިޔާނުކުރަން އެދުނެވެ. 

އެމީހާ އަނހެންކުއްޖާއަށް ރަނގަޅަށް ބަލާލާފައި އޭނާ ގެނައި ތަގުންނަށް މަޑުން ތިބެން އެންގިއެވެ. އަދި ސިއްރުސިއްރުން ދޮންމަންމަ ގާތުގައި ބުނީ ދަރިފުޅު ވަރަށް ރީތިކަމަށެވެ. އަދި ދަރިފުޅާއި ބައްދަލުކުރަން މާދަންރޭ އަންނާނެ ކަމަށެވެ. އަނެއްރޭ އޭނާ އައުމުން ދޮންމަންމަ ގޮތަކަށް އޭނާއަށް ދަރިފުޅު ވިއްކައިލިއެވެ. ގޮވައިގެންދާންވެސް ހުއްދަދިނެވެ.   

އަންހެންކުއްޖާ ރޮއިފައި އޭނާގެ ގާތުން އެދުނީ އެންމެ ކަމަކަށެވެ. އެއީ ކައިވެނިކުރުމަށެވެ. ކައިވެނިނުކޮށް ޢެނާގެ ބޭނުން ނުކުރުމަށެވެ. އޭނާ އެގޮތް ޤަބޫލުކުރިއެވެ. ކައިވެނިކުރިއެވެ. ކައިވެނިކުރުމަށްފަހު ފިރިމީހާގެ ކިބައިން އެދުނީ ބައްޕަގެ ގެ އަނބުރާ ބައްޕައަށް ހޯދައިދިނުމަށެވެ. ދޮންމަންމަގެ އަޅުވެތިކަމުން ބައްޕަ ސަލާމަތްކޮށްދިނުމަށެވެ. 

އަނބިމީހާ އެދުނު ފަދައިން އޭނާ އެކަންކޮށްދިނެވެ. ދޮންމަންމަ ގާތުގައި ބުނީ ދަރަނީގެ މައްސަލައިގައި އަދަބުލިބެން ބޭނުން ނޫންނަމަ ފިރިމީހާގެ ގެ އަނބުރާ ފިރިމީހާއަށް ދިނުމަށްފަހު އޭނާއަށް ހެޔޮކޮށް ހިތުމަށެވެ. ނޫންނަމަ ޖަލަށް ފޮނުވައިލާނީ ގުނަވަންތައް ބިންދައިލުމަށްފަހުގައި ކަމަށެވެ. ބިރުދެއްކުމުގެ ގޮތުން އެހެންބުނި ނަމަވެސް އެއީ އެހާ ރަޙުމްކުޑަ މީހެއް ނޫނެވެ. ނަމަވެސް އެކަން ދޮންމަންމައަށް ނުއެނގޭތީ އަވަސްއަވަހަށް ގެ ބައްޕައަށް ދިނުމަށްފަހު ބައްޕައަށް ހެޔޮކޮށް ކަންކަން ކުރަން ފެށިއެވެ. 

ނަމަވެސް ދޮންމަންމަ ކުރިން ކަންކަން ކޮށްފައިވާ ގޮތުން ދޮންމަންމައާއިއެކު އުޅޭކަށް ބައްޕަ ބޭނުމެއް ނުވިއެވެ. ދޮންމަންމަ ވަރިކޮށް ފޮނުވާލުމަށްފަހު އަލުން ދަރިފުޅުގެ މަންމަ އާއި ކައިވެނިކޮށް އުފަލުގައި ދިރިއުޅެން ފެށިއެވެ. 

މިއީ އަޅުގަނޑަށް ފެނިފައިވާ ފިލްމެއްގެ ކުރު ޚުލާޞާއެކެވެ. މި ވާހަކަކޮޅުން އަޅުގަނޑަސް ފާހަގަކުރެވޭ އެއްކަމަކީ ބައެއް ފިރިން އަމިއްލައަށް އަޅުންނަށްވާކަމެވެ. ވިސްނައިނުލާ ނުބައި އަނހެނުންގެ މަޅީގައި ޖެހޭ ކަމެވެ. 

ދެވަނަ ކަމަކީ ދޮންމަންމަ އެހައި ނުބައިކޮށް ކަންކަން ކުރުމުންވެސް ދަރިފުޅު ދޮންމަންމައާއިމެދު ރަޙުމްކުރިވަރެވެ. ލިބެން އުޅުނު އަނިޔާ އާއި ގެއްލުމުން ދޮންމަންމަ ސަލާމަތްކުރިކަމެވެ. 

ތިންވަނައަށް ފާހަގަކުރެވުނީ އެންމެ މުހިންމު ކަންތަކެވެ. އެކުއްޖާ ދޮންމަންމައަށް ރަޙުމްކުރުމުން ކުއްޖާއަށް ދެއްވެވި ބޮޑު ނިޢްމަތެވެ. ތަނަވަސް އުފާވެރި ދިރިއުޅުމެއް ލިބުނު ކަމެވެ. ވީމާ ކިތަންމެ ގޯސްކޮށް ކަންކަންކުރާ މީހުންނަށްވެސް ހެޔޮކޮށް ކަންކަން ކުރުމުން ލައްވަވާ ބޮޑު ރަޙްމަތެވެ. 

ހަތަރުވަނައަށް ފާހަގަކުރަން ބޭނުމީ ޙައްޤު ނޫން ގޮތުގައި މީހުންގެ މުދައު ހޯދައި އަދި އެހެން މީހުންނަށް އަނިޔާވެރިވުމުން އެކަމުން ލިބޭނެ ދެރައެވެ. މަކަރުން ހޯދާ މުދައުވެރިކަން ދެމިނުއޮންނާނެ ކަމެވެ. 

މިއީ މިއަދުނޫހުގެ ކިޔުންތެރިންނަށް ފައިދާކުރާނެ ވާހަކައެއް ކަމަށް އުންމީދުކުރަމެވެ.

 

- ޢާއިޝަތު / މިއަދުނޫހުގެ ކިޔުންތެރިއެއް   

މިއަދު އޮންލައިން