ދިވެހިރާއްޖޭގެ މިނިވަން ކަމަށް 57 އަހަރު ފުރޭ، 58 ވަނަ މިނިވަންދުވަހުގެ މުނާޞަބާގައި ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެއްޖެއެވެ.
"ހަތިޔާރުން ހަނގުރާމަނުކުރިނަމަވެސް ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނީ އެކަމަށް އެދިގެން އެތައް އަހަރުތަކެއްވަންދެން ޤައުމުގެ ލޮބުވެތި ލީޑަރުން ކުރެއްވެވި ވަރަށް ބުރަ، ޙިކްމަތްތެރި މަސައްކަތްޕުޅުތަކަކުން. އެކަމަށް ރައްޔިތުން ކުރި މަސައްކަތުން. ދިވެހިންނަކީ އަބަދުވެސް މިނިވަންކަމަށް ލޯބިކުރާބައެއް. އެއްވެސް މިންވަރެއްގެ އަޅުވެތިކަމެއް ބަލައިގަންނަން ބޭނުންވާ ބައެއް ނޫން.
މިނިވަންކަމުގައި ދެމިތިބެވޭނީ ޤައުމުގެ ހުރިހާ ރައްޔިތުން އެކަމަށް މަސައްކަތްކޮށްގެން. ދިވެހިންނަކީ އަބަދުވެސް އެކަމަށް މަސައްކަތްކުރަމުން އަންނަ ބައެއް. ކޮންމެ ދިވެހި ރައްޔިތަކުވެސް އެކަމަށް މަސައްކަތްކުރާނެ. އެކަމަށްޓަކައި ވާންޖެހުނު ކޮންމެ ޤުރްބާނީއެއްވެސް ވާނެ. ދިވެހިންނަކީ ޢަޒުމާއި ޙިތްވަރު ވަރުގަދަ އެއްބައިވަންތަކަށް ލޯބިކުރާބައެއް.
ރާއްޖެއަށް މިނިވަންކަން ހޯއްދަވައިދެއްވަން މަސައްކަތްކުރެއްވެވި އެންމެހާ އަބްޠޯލުންނަށާއި މިނިވަންކަން ދިފާޢުކޮށް ދަމަހައްޓަވަން މަސައްކަތްކުރެއްވި އެންމެހައި އަބްޠޯލުންނަށާއި އެންމެހައި ދިވެހި ލޮބެވެތި ރައްޔިތުންނަށް ދުވަހުގެ ހެޔޮއެދުމާ ތަހްނިޔާ ހިތުގެ އެންމެ ފުންމިނުން އަރިސްކުރަން.
ދުޢާއަކީ އެންމެހައި ދިވެހި ރައްޔިތުންނަށް އުފާފާޤަތިކަމާ ތަނަވަސްކަން މިންވަރުކުރެއްވެވުން. ދުޢާއަކީ ދިވެހިރާއްޖެއަކީ އަބަދުވެސް ފުރިހަމަ މިނިވަން، ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި ދާއިމަށް ލެހެއްޓެވުން." އާމީން
- ޤާސިމް އިބްރާހީމް