އެއްވެސް މީހަކު އެހީތެރިނުވި ލޯފަން މީހަކަށް އެހީތެރިވި އަންހެންކުއްޖަކަށް މިލިއަނަރަކާ ކައިވެނިކުރެވުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 59ސ
އެއްވެސް މީހަކު އެހީތެރިނުވި ލޯފަން މީހަކަށް އެހީތެރިވި އަންހެންކުއްޖަކަށް މިލިއަނަރަކާ ކައިވެނިކުރެވުނު ގޮތުގެ ވާހަކަ-

އެއީ ޒުވާނެކެވެ. ނަމަވެސް ލޮލަށް ނުފެންނަ ޒުވާނެކެވެ. ހުރީ ބައުވެ ވީދިފައިވާ ހެދުމެއްލައިގެން ކަޅު އައިނެއްވެސް އަޅައިގެންނެވެ. އޭނާ އާދޭސްކުރަމުން ދިއައީ މަގުހުރަސްކުރަން އޭނާއަށް އެހީތެރިވެދިނުމަށެވެ. 

އެއްވެސް މީހަކު އޭނާއަށް ސަމާލުކަމެއް ނުދެއެވެ. 2 ގަޑިއެއްހާއިރު ހުރިއިރުވެސް އެއްވެސް މީހަކު އޭނާއަށް އެހީތެރިއެއް ނުވިއެއެވެ. އެހެން ހުއްޓައި ކޮތަޅުތަކެއް ހިފައިގެން ވަރަށް ބަރުކޮށް ހިނގަމުން އައި ފަޤީރު އަނހެންކުއްޖަކު އޭނާއަށް އެހީތެރިވެ މަގުގެ އަނެއްފަރާތަށް ގެންގޮސްދިނެވެ. 

ގެންގޮސްދިނުމުން ޒުވާނާ އެދުނީ ބުރަކަމަކަށް ނުވާނަމަ އެތަނާ ވަރަށް ކައިރީގައި އޮތް ރަތްކުލައިގެ ކާރަކާއި ހަމައަށް ގެންގޮސް ދިނުމަށެވެ. އެއީ އެއްވެސް ކަމެއް ނޫންކަމަށްބުނެ ޒުވާނާ ގެންގޮސްދިނުމުން ލޮލުން ކަޅުއައިނު ނެގިއެވެ. އަދި ޖީބުން ރިމޯޓް ނަގައި ކާރުގެ ދޮރުހުޅުވާލުމަށްފަހު ފަހަތު ސީޓަށް އަރަން އަންހެންކުއްޖާގެ ކިބައިން އެދުނެވެ. 

ޒުވާނާ ލައިގެންހުރި ހެދުމަށާއި ކާރުގެ އަގުބޮޑުކަމަށާއި އަދި ލޯފަން މީހަކަށް ހެދިގެން އުޅުން ފަދަ ކަންކަމަށް ވިސްނާލުމުން އަންހެންކުއްޖާއަށް ލިބުނު ސިހުމުގައި މިއީ ނުރައްކައުތެރި މީހަކު ކަމަށް ހީކުރެވި ކުޑަކޮށް ފަސްޖެހެވުނެވެ. އެވަގުތު ޒުވާނާ އޭނާގެ ކާޑުދައްކައި އޭނާޢަކީ ކާކުކަން ބުނެދިނުމުން ﷲ އަށް ވަކީލުކުރަމުން އަވަސްއަވަހަށް ކާރަށް އެރިއެވެ. 

ޒުވާނާ އަންހެންކުއްޖާގެ އެޑްރެސް އޮޅުންފިލުވައިގެން އޭނާ ގޮވައިގެންދިއައީ އެނާގެ ގެއަށެވެ. ގެއަސް ގޮސް މައިންބަފައިންނާއި ބައްދަލުކުރުމަށްފަހު ބުންޏެވެ. "އަހަރެންނަކީ މިލިއަނަރުން ފެންވަރުގެ ތަނަވަސްކަންހުރި މީހަކީމެވެ. އަހަރެން ލޯއަނދިރިމީހަކަށްހެދިގެން މަގުމަތީގައި އެތައް ދުވަހަކު ހުރެއްޖައީމެވެ. އެއީ ކައިވެނިކުރާނެ ހިތްހެޔޮ، އޯގާތެރި ބައިވެރިއަކު ހޯދުމުގެ ބޭނުމުގައެވެ. އެއިމްތިހާނުން ކަލޭމެންގެ ދަރިފުޅު ވަރަށް ރަނގަޅަށް ފާސްވެއްޖެއެވެ. ވީމާ އަހަރެން އެދެނީ ކަލޭމެން ރުހޭނަމަ ކަލޭމެންގެ ދަރިފުޅާއި ކައިވެނިކުރާށެވެ!" 

އެމީހުން އެކަމަށް އެއްބަސްވުމުން އެމީހުންނަށް ފައިސާކޮޅެއްދީފައި މާދަމާރޭ 7 ޖަހާއިރު އެންމެން ބަލައި ފޮނުވާނެކަމަށާއި ތައްޔާރުވެގެން ތިބުމަށް ބުނެފައި ޒުވާނާ ދިއައީއެވެ. ޒުވާނާ އޭނާގެ ވައުދު ފުއްދިއެވެ. އަނެއްރޭ ޢާއިލާ އެކުގައި އޭނާގެ ގެއަށްގޮސް ކައިވެނިކުރިއެވެ. އެކައިވެނީގައި މިހާރު 20 އަހަރުވެއްޖެއެވެ. ދިރިއުޅެމުން ގެންދަނީ ނުހަނު އުފާވެރިކަމާއިއެކުގައެވެ.   

މިއީ އަޅުގަނޑަށް އެކުވެރިއަކު ޙިއްޞާކުރި ވާހަކައެކެވެ. އަޅުގަނޑަށް ވަރަށް ޢިބްރަތެރިވާހަކައެކެވެ. މީހާގެ ނިކަމެތިކަމަށް ނުބަލައި ނިކަމެތިންނަށް އޯގާތެރިވުމުން ކުރާ ފައިދާގެ ބޮޑުކަން އެނގިގެންދާ ވާހަކައެކެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށްވެސް ކަމުދާނެކަމަށް ހީކުރަމެވެ.

 

- ޝަމީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން