ޙަޤީޤީ ޙާދިސާ: ކެންސަރުޖެހިފައިވާ މަންމަ މަރުވިޔަސް ޙަރާމްކަމެއް ކޮށްގެން ފައިސާ ބޭނުން ނޫންކަމަށް ބުނެފަ އަންހެނަކަށް ގެއަށް ނުދެވެނީސް ފައިސާ ލިބުމުގެ މަގުފަހިވި ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 46ސ
ޙަޤީޤީ ޙާދިސާ: ކެންސަރުޖެހިފައިވާ މަންމަ މަރުވިޔަސް ޙަރާމްކަމެއް ކޮށްގެން ފައިސާ ބޭނުން ނޫންކަމަށް ބުނެފަ އަންހެނަކަށް ގެއަށް ނުދެވެނީސް ފައިސާ ލިބުމުގެ މަގުފަހިވި ގޮތުގެ ވާހަކަ-

މީހުންގެ އީމާންތެރިކަން މިހައި ކުޑަވެފައިވާ ޒަމާނެއްގައި މިފަދަ ވާހަކަތައް އަޑުއަހައި ޤަބޫލުކުރަން ބޭނުންވާ މީހުންގެ ޢަދަދު މަދުވެދާނެއެވެ. ނަމަވެސް އަޅުގަނޑު މިކިޔައިދެނީ އަޅުގަނޑުގެ އަމިއްލަ ޙަޔާތުގައި ތަޖުރިބާކުރެވިފައިވާ، މީގެ 25 ،30 އަހަރުކުރިން ހިނގި ކަމެއްގެ ވާހަކައެވެ. 

އަޅުގަނޑުގެ މަންމައަށް ކެންސަރުޖެހުނީއެވެ. ޑޮކްޓަރުން ބުނީ ބަލީގެ އަސަރުހުރީ ވަރަށް ކުޑަކޮށް ކަމަށާއި އަވަހަށް ފަރުވާކުރެވިއްޖެނަމަ ބަލިފަސޭހަކުރެވިދާނެ ކަމަށެވެ. ބޭސްކުރަންދާން ޖެހެނީ އިންޑިއާއަށެވެ. އަހަރެމެންނަކީ ވަރަށް ފަޤީރު ބައެކެވެ. އަތުގައި އެއްވެސް ފައިސާއެއް ނެތެވެ. 

އެހެންވެ ސަލާންޖަހައި ތަންތަނަށް ސިޓީލައި އާދޭސްކުރުމުން ވެސް ގިނަ ތަންތަނުން އެހީއެއް ނުވެއެވެ. އެހީވާތަނަކުންވެސް ދެނީ ވަރަށް މަދު ޢަދަދެއްގެ ރުފިޔާކޮޅެކެވެ. ސިޓީލާފައި އޮތްތަނަކުން ގުޅާފައި ދާންބުނުމުން ވަރަށް އުންމީދާއިއެކު ދިއައީމެވެ. 

އަޅުގަނޑަށް ވަރަށް ކަމޭހިތައި ވެރިމީހާގެ ގާތަށް ގެންދިއައެވެ. އޭނާ ބުނީ ބޭނުންވާ ހުރިހާ ފައިސާއެއް ދީފާނެ ކަމަށެވެ. ޝަރުޠެއް އެބައޮތް ކަމަށާއި ޝަރުޠަކީ ފުރުމުގެ ކުރިން އެއްރޭ އޭނާ އާއިއެކު ރޭކުރުމާއި އިންޑިއާގައި ތިއްބާ އޭނާ އިންޑިއާއަށް ދިއުމުން އިންޑިއާގައި އެއްރޭ އޭނާއާއިއެކު ރޭކުރުން ކަމަށެވެ. 

އަޅުގަނޑު ބުނީމެވެ. "ބޭސްފަރުވާ ނުކުރެވިގެން އަޅުގަނޑު މަރުވިޔަސް އަދި މަންމަ މަރުވިޔަސް ތިއަކަމެއް އެންމެ ރެއަކުވެސް ނުކުރާނަމެވެ. ބޭސްކުރިނަމަވެސް ޝިފާ ދެއްވަވާނީ ﷲ އެވެ. ﷲ ޙަރާމްކުރައްވަވާފައިވާ ކަމެއްކޮށްގެން ފައިސާހޯދުމަށްފަހު ދުޢާކުރަން އަތް އުފުލާނީ ކިހިނަކުންހެއްޔެވެ؟ ކިތަންމެ ގިނަ ފައިސާ އަތުގައި ހުރިނަމަވެސް ﷲ ރަޙްމަތް ނުލައްވަވައިފިނަމަ ލިބޭނީ ކޮން ޝިފާއެއް ހެއްޔެވެ؟ ކޮންމެ ފަދަ ޙާލެއް ޖެހުނު ނަމަވެސް ތިއަކަމެއް އަޅުގަނޑު ނުކުރާނަމެވެ." 

އެހުރިހާ ވާހަކަތަކެއް ދެއްކުމުންވެސް ބުނީ އެއީ މިޒަމާނުގައި އެހައި ބޮޑު މައްސަލައެއް ނޫން ކަމަށާއި މިޒަމާނުގައި ކޮންމެ ކަމަކަށްވެސް އަގެއް އޮންނާނެ ކަމަށާއި މިއެދެނީ ވަރަށް ކުޑަކުޑަ ކަމަކަށް ކަމަށެވެ." ކޮންމެއަކަސް އަޅުގަނޑަށް ނުކުންނަންޖެހުނީ ހަމަ ހުސްއަތާއެވެ.

އަޅުގަނޑު ހިނގަމުން ދިއައިރުވެސް ރޮވެއެވެ. ލޮލުން ކަރުނަ ފައިބައެވެ. އެފަދަ ޙާލުގައި ހުރެ ގޮސް އެޅުނު ގޯޅިއެއްގައި 4،5 ފިރިހެނަކު ތިއްބެވެ. އެމީހުން ފަސްދިންތަނާ އެތަނުން މީހަކު އަޅުގަނޑަށް ގޮވައިލިއެވެ. އަދި އައިސް އަޅުގަނޑުގެ ކައިރީގައި ހުއްޓިފައި "ތިއަހާ ދެރަވެގެންހުރެ ތިއަ ހިނގަނީ ކޮންފަދަ ކަމެއް ލައިގަނެގެންތޯ؟" ވަރަށް މަޑުމަޑުން، އެކަމަކު ބަރުއަޑަކުން ސުވާލުކުރިއެވެ. ސުވާލުކުރުމުން ތަންކޮޅެއް ބާރަށް ރޮއިގަނެވުނެވެ. އޭނާ އެސުވާލު އަނެއްކާވެސް ތަކުރާރުކުރުމުން އަޅުގަނޑަށް ކުރިމަތިވެފައިވާ ޙާލަތުގެ ވާހަކަ ކިޔައިދިނުމުން އޭނާ ސުވާލުކުރީ ބުރުމާ ޤާސިމަށް ސިޓީލިންތޯއެވެ. ޖަވާބުގައި ސިޓީލާފައިވާނެކަމަށް ބުނުމުން ސިޓީލާފައި އޮންނާނީ ކޮންނަމެއްގައިތޯ ސުވާލުކުރިއެވެ. ގޭގެނަމާ އަޅުގަނޑުގެ ނަން ބުނުމުން ތިއަކަން ބަލައިލާނެ ކަމަށް ބުންޏެވެ. 

އަނެއްދުވަހު ހެނދުނު 10 ޖެހިތަނާ މީހަކު އަޅުގަނޑަށް ފޯނުކޮށްފައި ބުނީ ވިލާ އޮފީހަށް ދިއުމަށެވެ. އެހެންބުނުމުން އެސްޓީއޯ ޓްރޭޑް ސެންޓަރު ކައިރީގައި ހުންނަ އޮފީހަކަށް ދިއައިމެވެ. ދިއައީ މާބޮޑު އެއްޗެއް ލިބޭނެ ކަމަށް އުންމީދުކޮށްގެނެއްވެސް ނޫނެވެ. އެއީ އެހީލިބޭ ކޮންމެ ތަނަކުންވެސް ދެނީ ކުޑަކުޑައެހީއަކަށްވާތީއެވެ. 

ނަމަވެސް އެއޮފީހުން ބުނީ މަންމަ އާއި މަންމަ އާއިއެކުގައިދާނެ އެހީތެރިއެއްގެ ޕާސްޕޯޓް ގެންގޮސްދިނުމަށެވެ. އަވަސް އަވަހަށް ބާރަށް ހިނގާފައި ގެއަށް އައިސް ދެމައިންގެ ޕާސްޕޯޓް ގެންގޮސްދިނުމުން ބުނީ މަންމަގެ ބޭސްފަރުވާގެ ހުރިހާ ކަމެއް ހަމަޖެހިފައިވާ ކަމަށާއި 3،3 ދުވަހެއްގެ ތެރޭގައި ފުރޭނެ ކަމަށާއި ފުރަން ތައްޔާރުވެގެން ތިބުމަށެވެ.

އެބުނިގޮތަށް 3 ވަނައަށް އޮތްދުވަހު އަޅުގަނޑުމެން ފުރުވައިލިއެވެ. އިންޑިއާއަށް ދިއުމުން ބޭސްފަރުވާކުރުމުގެ ހުރިހާ ޚަރަދުތަކެއްވެސް ކޮށްދިނެވެ. 3 މަސްދުވަހު އިންޑިއާގައި ތިބެފައި އައީ މަންމައަށް ފަރުވާކޮށް ބަލިފަސޭހަވެގެންނެވެ. މިހާރު އަޅުގަނޑުގެ އުމުރަކީ 57 އަހަރެވެ. އަދި މިއަދާއި ހަމައަށްވެސް އެކަންކޮށްދިން ބުރުމާ ޤާސިމާއި ބައްދަލެއް ނުވެއެވެ. ނަމަވެސް އޭނާއަށް އަބަދުވެސް ހެޔޮދުޢާކުރަމެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް މިކިޔައިދިނީ އަޅުގަނޑުގެ ޙަޔާތުގައި ކުރެވިފައިވާ ތަޖުރިބާއެކެވެ. މިވާހަކަ މިކިޔައިދިނީ ޙަރާމްކަމެއްކޮށްގެން ކިތަންމެ ގިނަ ފައިސާ ލިބެން އޮތަސް، ކިތަންމެ ދަތިޙާލުގައި އުޅެންޖެހުނަސް، އަދި ބޭސްފަރުވާކުރުން ފަދަ މުހިންމުކަމެއް ނުކުރެވިގެން މަރުވިނަމަވެސް ﷲ ޙަރާމް ކުރައްވަވާފައިވާ ކަމެއް ނުކުރަން ހިތްވަރުދިނުމުގެ ގޮތުންނެވެ. ﷲ އަށް ފުރިހަމަ ގޮތުގައި ކިޔަމަންތެރިވެ ﷲ އަށް ވަކީލްކުރުމުން ލައްވަވާނެ ރަޙްމަތް މާބޮޑުވާނެ ކަމަށް ބުނުމުގެ ބޭނުމުގައެވެ. 

ފަށަމުން ބުނިފަދައިން މިއަދުގެ ކުދިންނަށް މިބާވަތުގެ ވާހަކަތައް ޤަބޫލުކުރަން ވަރަށް އުނދަގޫވާނެއެވެ. އެއީ ޙަރާމް ކަންކަންކުރުމަކީ އެއްވެސް ކަމެއްކަމަށް ނުދެކި ނަފސްގެ އަގު އަމިއްލައަށް ވައްޓާލައިގެން އުޅޭތީއެވެ. އަމިއްލަ ނަފްސުގެ އަގު އަމިއްލައަށް ނީލަންކިޔާތީއެވެ.

- ވަލީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

މިއަދު އޮންލައިން