ފިރިހެން މީހާގެ އުމުރަކީ 72 އަހަރެވެ. އަންހެންކުއްޖާގެ އުމުރަކީ 23 އަހަރެވެ. އެއީ ދެ އަވަށްޓެރިންނެވެ. މުސްކުޅި މީހާއަކީ ވަރަށް ތަނަވަސް މީހެކެވެ. އޭނާ މަރުވުމުން އޭނާގެ ހުރިހާ ތަނަވަސްކަމެއް އަނހެންކުއްޖާއަށްދޭނެކަމަށް ވައުދުވުމުން އޭނާގެ ތަނަވަސްކަމުގެ ދަހިވެތިކަމުގަ އަންހެންކުއްޖާ އޭނާއާއި ކައިވެނިކުރިއެވެ.
ވަރަށް ލޯބިން ކަމަށް ހެދިގެން ދުވަސްކޮޅަކު އުޅެ ލިޔެކިޔުންތައް ފުރިހަމަކުރެވުމުން އަނހެން ކުއްޖާއަކަށް އޭނާ މަރުވަންދެން ކެތެއް ނުކުރެވުނެވެ. ބޭނުންވީ ޒަހަރުދީގެން އޭނާ މަރައިލާށެވެ. އެހެންވެ އެކަންކުރާނެ ގޮތް ދިއައީ ރާވަމުންނެވެ.
ނަލިވެ ކޮޓަރީގައި އޮތް ދުވަހަކު އެކަން ތަންފީޒުކުރަން އަންހެންކުއްޖާ ނިންމިއެވެ. ފެންފޮދަކަށް އެދުމުން އެއަށް ޒަހަރު އަޅައިގެން ގެންގޮސްދިނެވެ. ފެންތަށިބޯނެކަމުގެ ޔަޤީންކަމާއިއެކު ގާތުގައި ތަށިބަހައްޓާފައި އަވަސްއަވަހަށް ނުކުމެގެން އައީއެވެ. ކުލައަށް އަދި ވަހަށް ބަދަލުއައިސްފައި ނުވިނަމަވެސް ފިރިހެން މީހާއަށް ޝައްކުވެގެން ފެންތަށި ނުބޮއި ބެހެއްޓީއެވެ.
އުކާލުމަށްފަހު ފުލުހުންނަށް ގުޅާފައި އޭނާގެ ވިސްނުން ކިޔައިދިނެވެ. އަދި ކުއްލިއަކަށް އައިސް ގެއަށް ވަދެ ގެ ރަނގަޅަށް ޗެކްކޮށް އެއްވެސް ބާވަތެއްގެ ޒަހަރެއް ގޭގައި ހުރިތޯ ބަލައި ޗެކްކޮށްދޭން އެދުނެވެ.
އުމުރުން ދުވަސްވީ މީހަކު އެފަދަ ކަމަކަށް އެދުނީތީ ފުލުހުން އެކަން ވަރަށް ސީރިޔަސް މައްސަލައެއްގެ ގޮތުގައި ނެގިއެވެ. ފުލުހުންގެ ޚާއްޞަ ޓީމެއް ވަގުތުން ދިއައިރު ފިރިމީހާ ބަލިކަމުން ސިޓިންގރޫމަށް ނުދެވޭނެކަމަށް ބަލައި އުޅުނީ ލޯބިވެރިޔާވެސް ގެއަށް ގެނެސްގެންނެވެ.
ފުލުހުން ވަދެ ފުރަތަމަވެސް ޗެކްކުރަންފެށީ ބަދިގެތެރެއެވެ. ޒަހަރުފުޅި ހުރީ އެހައިބޮޑަށް ފޮރުވާފައިވެސް ނޫންކަމުން ވަރަށް ފަސޭހައިން ފުޅި ފެނުނެވެ.
ފުޅިފެނުމުން ފުޅިހިފައިގެން އަނބިމީހާވެސް ގޮވައިގެން ފިރިމީހާގެ ގާތަށް ދިއުމުން ބުނީ އެފެންތަށި ޗެކްކޮށްލުމަށެވެ. ފުލުހުން ތަށްޓަށް ޓެސްޓް ސްޓްރިޕް ލާއިރަށް ފުޅީގައި ހުރި ޒަހަރަށް ޕޮޒިޓިވްވެއްޖެއެވެ. އެހިސާބުން އަނބިމީހާއާއި އޭނާގެ ލޯބިވެރިޔާ ހައްޔަރުކޮށްގެން ފުލުހުން ދިއައީއެވެ.
ފުލުހުން ނުކުމެގެންދިއުމުން ވެގެންއުޅޭގޮތެއް އޮޅުންފިލުވާލަން އަވަށްޓެރިންގެ ތެރެއިން ހަރުއުމުރުގެ ދެމަފިރިއަކު އެގެއަށް ގޮސް އޭނާއާއި ބައްދަލުކުރުމުން ހިނގައިދިއަ ކަންކަން ކިޔައިދިނެވެ. އަދި އޭނާގެ ބަލައިދިނުމަށް އެދުނެވެ.
އެދެމަފިރިން އޭނާގެ ޙާލު ވަރަށް ރަނގަޅަށް ބަލަހައްޓަމުން ގެންދާތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި އޭނާ ނިޔާވެއްޖެއެވެ. އެއިރު އަނބިމީހާއަށް ގެއާއި ތަނަވަސްކަން ދިން ދިނުން ބާޠިލްކޮށް އެދެމަފިރިންނަށް ވަނީ ދީފައެވެ. އަނބިމީހާއަށް އެކަން އެނގުނީ އޭނާ ކޯޓަށް ހާޒިރުކުރި ދުވަހަކުއެވެ.
އަނބިމީހާ ވަރަށް ދެރަވިއެވެ. އެއީ އެހައިކުޑަ ދުވަސްކޮޅަކު ކެތްކޮށް ނުލެވުނީތީ ކެތްކޮށްލެވުނު ނަމަ ލިބެންއޮތް ނިޢްމަތް އަތުން ބީވެގެން ދިއުމުގެ އިތުރުން ޤަޞްދުގައި މީހަކު މަރަން އުޅުނު ކަމުގެ ކުށުގައި ޖަލުގައި ބަންދުވާންޖެހުމުންނެވެ.
މިވާހަކަކިޔާފައި އަޅުގަނޑަށް ވަރަށް އަސަރުކުރިއެވެ. އެއީ އަޅުގަނޑުމެންގެ ކާފަ ނިމިދިއައީ ހަމަ މިފަދަ ގޮތަކަށް ކަމަށް މަންމަ ތުހުމަތުކުރާތީއެވެ. މަންމަ ތުހުމަތުކުރާގޮތުގައި ކާފަގެ ނިމުން އަވަސްވީ ކާފަގެ ޒުވާން އަނބިމީހާ ޑޮކްޓަރުން ބުނާވަރަށްވުރެ މާގިނައިން، އޯވަރޑޯޒްކޮށް ބާރުގަދަ ބޭސްތައް ކާންދިނުމުންނެވެ.
އަޅުގަނޑުގެ ހިތަށް އަރަނީ ފައިސާގެ ދަހިވެތިކަމުގައި މީހުންގެ ފުރާނަ ދުއްވައިލާއިރު ތިމާވެސް މަރުވާނެކަން ހަމަ ހިތަށް ނާރަނީބާވައެވެ! ޤިޔާމަތްދުވަހު ﷲ ދެއްވަވާނެ ޢަޛާބަށް ބިރުވެތިނުވަނީބާވައެވެ! މީހަކު މަރާލައިގެންވެސް ލިބޭ ތަނަވަސްކަމަށް މިހައި ބޮޑަށް ދަހިވެތިވެވެނީ ކީއްވެގެންބާވައެވެ! މިހިރި ހަމަ އަޅުގަނޑުގެ ހިތުގައި އުފެދޭ ބޮޑެތި ސުވާލުތަކެވެ.
- ނަސްރީނާ / މިއަދުނޫހުގެ ކިޔުންތެރިއެއް