ގެފުޅުގެ ތާރީޚް -2: އެންމެ ފުރަތަމަ ގެފުޅު ބިނާކުރީ ކާކު؟

ކިޔުމަށް ހޭދަވާނީ 4މ 34ސ
ގެފުޅުގެ ތާރީޚް -2: އެންމެ ފުރަތަމަ ގެފުޅު ބިނާކުރީ ކާކު؟

ޢަލީ އިޙްޞާން ފިރާޤް

އެންމެ ފުރަތަމަ ގެފުޅު ބިނާކުރީ ކާކުތޯ މިއީ ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވާ މައްސަލައެކެވެ. ދާރުއްސަލާމް އިން ޝާއިއުކޮށްފައިވާ ހިސްޓްރީ އޮފް މައްކާ އޭ ކިޔުނު ފޮތުގައިވަނީ ގެފުޅު ފަސްފަހަރެއްގެ މަތީން ބިނާ ކުރެވިފައިވާ ކަމަށެވެ. އެންމެ ފުރަތަމަ ގެފުޅު ބިނާކުރީ މަލާއިކަތްބޭކަލުންނެވެ. 

ދެވަނަ ފަހަރު ގެފުޅު ބިނާކުރީ އާދަމުގެފާނެވެ. ތިންވަނައަށް ގެފުޅު ބިނާކުރެއްވީ އިބްރާހީމުގެފާނެއެވެ. ހަތަރުވަނައަށް ގެފުޅު ބިނާކުރެއްވީ ޤުރައިޝުންނެވެ. އެއީ ޖާހިލިއްޔަ ޒަމާނުގައެވެ. އެ ފަހަރު ގެފުޅު ބިނާކުރެއްވި މަންޒަރު މާތް ރަސޫލާ صلّى اللّـه عليه وسلّم  ދެކެވަޑައިގެންނެވިއެވެ. އޭރު އެކަލޭގެފާނުގެ އުމުރުފުޅަކީ 25 އަހަރުފުޅެވެ. ފަސްވަނަ އަށް ގެފުޅު ބިނާކުރެއްވީ އިބްނު ޒުބައިރު ރަޟިޔަﷲ ޢަންހުއެވެ.

{ހިސްޓްރީ އޮފް މައްކާ، ޞަފްޙާ 30-31} 

އިމާމުލް އާލޫސީ ވިދާޅުވެފައިވަނީ އިސްވެދެންނެވި ރިވާޔަތާ ކުޑަކޮށް ޚިލާފަށެވެ. އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. އެންމެ ފުރަތަމަ ގެފުޅު ބިނާކުރެއްވީ މަލާއިކަތް ބޭކަލުންނެވެ. އެބޭކަލުން ގެފުޅު ބިނާކުރެއްވީ ރަތް ޔާޤޫތުންނެވެ. އެކަމެއް ހިނގީ އާދަމުގެފާނަށްވުރެ ކުރީންނެވެ. ނޫޙުގެފާނުގެ ޒަމާނުގައި ގެފުޅު އުފުއްލެވުނެވެ. ދެވަނައަށް ގެފުޅު ބިނާކުރެއްވީ އިބްރާހީމުގެފާނެވެ. ތިންވަނައަށް ގެފުޅު ބިނާކުރީ ޤުރައިޝުންނެވެ. އޭރު މާތް ރަސޫލާ صلّى اللّـه عليه وسلّم  ގެ އުމުރުފުޅަކީ 35 އަހަރުފުޅެވެ. ހަތަރުވަނައަށް ގެފުޅު ބިނާކުރެއްވީ ޢަބްދުﷲ ބިން ޒުބައިރު ރަޟިޔަﷲ ޢަންހުއެވެ. ފަސްވަނައަށް ގެފުޅު ބިނާކުރީ ޙައްޖާޖެވެ. މިހާރު މިހުރީ އެބިނާއެވެ.

{ އިމާމުލް އާލޫސީ، ތަފްސީރުލް އާލޫސީ} 

تفسير القرطبي  ގައިވާ ރިވާޔަތެއްގައިވެއެވެ. މާތް މަލާއިކަތް ބޭކަލުންނަށް ވަޙީ ކުރެއްވިއެވެ. [ހަމަކަށަވަރުން ތިމަންރަސްކަލާނގެ ބިމުގައި ޚަލީފާއަކު ލައްވާހުށީމެވެ.] މިކަމާމެދު މަލާއިކަތްބޭކަލުން ނުރުހުންފާޅު ކުރައްވައި ވިދާޅުވިއެވެ. [އަޅަމެން އިބަރަސްކަލާނގެއަށް حمد އާއެކު تسبيح ކިޔައި، އިބަރަސްކަލާނގެއަށް تقديس ކޮށްކޮށް ތިއްބައި، އެ ބިމުގައި ފަސާދަ އުފައްދައި ލޭއޮހޮރުވާނޭ ބަޔަކު އިބަރަސްކަލާނގެ އެ ބިމުގައި ލައްވަނީތޯއެވެ؟] 

މަލާއިކަތްބޭކަލުންގެ މި ޖަވާބާ މެދު އަރަހުށި މާތްﷲ ރުހިވޮޑިނުގެންނެވިކަން، އެބޭކަލުންނަށް އެނގިވަޑައިގެންނެވުމުން އެކަމާ އެބޭކަލުން ނުހަނު ހިތާމަފުޅު ކުރެއްވިއެވެ. 

މާތްގެ ރުހިވޮޑިގަތުން އެދި މާތް ގެ ޢަރުޝިވަށައި ހަތްފަހަރު ތަވާފުކުރެއްވިއެވެ. ދެން އެބޭކަލުންނަށް މާތް ރުއްސަވައިވޮޑިގެންނެވިއެވެ. އެއަށް ފަހު މާތްމަލާއިކަތުންނަށް އެންގެވިއެވެ. [އާދަމުގެދަރިންގެ  ތެރެއިން ތިމަން ނުރުއްސަވައިފައިވާ އަޅުން ތިމަން ގެ ރުހިވޮޑިގަތުމަށް އަދައިގެން އައިސް ތިޔަބައިމީހުން ތިމަން ގެ ޢަރުޝި ވަށައިގެން ތަވާފު ކުރިފަދައިން ތަވާފުކޮށް އުޅުމަށްޓަކައި ތިޔަބައިމީހުން ތިމަންގެ ރަސްކަންފުޅަށްޓަކައި ބިމުގައި ގެއެއް ބިނާކުރާށެވެ. ތިޔަބައިމީހުންނަށް ތިމަން ރުއްސުންލެއްވިފަދައިން އެބައިމީހުންނަށް ރުއްސުންލެއްވުމަށްޓަކައެވެ.] ދެން މަލާއިކަތުން ގެފުޅު ބިނާކުރެއްވިއެވެ.

{ތަފްސީރުލް ޤުރްތުބީ، ބަޤަރާ ސޫރަތުގެ 127 ވަނަ އާޔަތުގެ ތަފްސީރު} 

އަދިވެސް އިމާމު ޤުރްޠުބީ ލިޔުއްވައިފައިވެއެވެ. އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވާ ކަމަށް، އިމާމު މާވަރުދީ ބަޔާން ކުރައްވައިފައިވެއެވެ. ސަލާމްލެއްވި އާދަމުގެފާނު ސުވަރުގެއިން ބިމަށްވަޑައިގަތްހިނދު މާތް އެކަލޭގެފާނަށް އެންގެވިއެވެ. ތިމަން ރަސްކަންފުޅަށްޓަކައި ގެފުޅެއް ކަލޭގެފާނު ބިނާކުރައްވާށެވެ. ތިމަން ގެ އަރުޝި ވަށައިގެން މަލާއިކަތުން ތަވާފު ކުރައްވައި ތިމަން ގެ ނަންފުޅު ގަންނަވާ އުޅުއްވިފަދައިން އެގެފުޅު ވަށައިގެން ކަލޭގެފާނު ތަވާފުކުރައްވައި ތިމަން ގެ ނަންފުޅުގެން އުޅުއްވާށެވެ. 

ދެން އާދަމުގެފާނު ދަތުރުކުރައްވަމުން ވަޑައިގެންނެވިއެވެ. ކަޢުބަތު ގެފުޅު ހުންނަތަނާއި ހަމައަށް ވަޑައިގަތުމާއިއެކު ޖިބުރީލުގެފާނު ވަޑައިގެން އެކަލޭގެފާނުންގެ ދެފިޔަފުޅުން ބިމުގައި ޖެއްސެވިއެވެ. އެހިނދު ބިމުގެ އަޑީން ފެށިގެން ސާބިތުވެ ހަރުލައިހުރި ބިންގަލެއް ފާޅުވެގެންދިޔައެވެ. ދެން، އެބިންގަލުގެ މައްޗަށް ބިނާކުރައްވަމުން ގެންދެވިއެވެ. ބިނާކުރައްވާނެ ހިލަ މަލާއިކަތުން ގެނެސްދެއްވިއެވެ. އެއިން ކޮންމެ ހިލައަކީ ތިރީސްމީހުންނަށްވެސް އުފުލައިނުލެވޭ ވަރުގެ ހިލައެވެ. 

عَطَاء ވިދާޅުވެފައިވެއެވެ. ގެފުޅު ބިނާކުރައްވައިފައިވަނީ ފަސްފަރުބަދައެއްގެ ހިލައިން ނެއެވެ. އެއީ حِرَاء، طُور زَيْنَا ، طُور سِينَا، لُبْنَان، جُودِيّ މިފަސް ފަރުބަދައެވެ. ގެފުޅުވަށައިގެން ބިންގާ އެޅުއްވީ حِرَاء ފަރުބަދައިގެ ހިލައިންނެވެ.

{ތަފްސީރުލް ޤުރްތުބީ، ބަޤަރާ ސޫރަތުގެ 127 ވަނަ އާޔަތުގެ ތަފްސީރު} 

މިދެންނެވީ އިބްރާހީމުގެފާނުގެ ކުރީން ގެފުޅު  ބިނާކުރިކަމަށް ބުނާ ރިވާޔަތްތަކެވެ. އެއީ ޞަޙާބީންނާއި ޠާބިޢީންގެ ބަސްފުޅުތަކެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم  ގެ ޙަދީޘްފުޅުތަކެއް ނޫނެވެ. އަލްޙާފިޡް އިބްނު ޙަޖަރު ވިދާޅުވެފައިވަނީ، އިބްރާހީމުގެފާނުގެ ކުރީން ގެފުޅު ބިނާކުރެއްވި ކަމަށް ދަލީލު ކުރާ އެއްވެސް ޞައްޙަ ދަލީލެއް މާތް ރަސޫލާ صلّى اللّـه عليه وسلّم  ގެ އަރިހުން ރިވާވެގެން އައިސްފައި ނުވާކަމުގައެވެ. 

މިއަދު އޮންލައިން