ޢަލީ އިޙްޞާން ފިރާޤް
އިބްރާހީމުގެފާނު ގެފުޅު ބިނާކުރެއްވުން:
ޤުރްއާނުގެ ނައްޞުން ދަލީލު ލިބޭ ގޮތުގައި އެންމެ ފުރަތަމަ ގެފުޅު ބިނާ ކުރެއްވީ އިބްރާހީމުގެފާނާއި އިސްމާޢީލުގެފާނެއެވެ. އެދެބަފައިކަލުން ގެފުޅު ބިނާ ކުރެއްވި ވާހަކައަށް އިޝާރާތް ކުރައްވައި އަރަހުށި މާތްﷲ ބަޤަރާ ސޫރަތުގެ 127 ވަނަ އާޔަތުގައި ވަޙީ ކުރައްވައިފައިވަނި މިދަންނަވާ ފަދައިންނެވެ.
وَإِذْ يَرْفَعُ إِبْرَاهِيمُ الْقَوَاعِدَ مِنَ الْبَيْتِ وَإِسْمَاعِيلُ رَبَّنَا تَقَبَّلْ مِنَّا ۖ إِنَّكَ أَنتَ السَّمِيعُ الْعَلِيمُ ﴿١٢٧﴾
މާނައީ: އަދި إبراهيم ގެފާނާއި إسماعيل ގެފާނާ ދެބަފައިކަލުން ގެފުޅުގެ ބިންގާ އުފުއްލަވައި ބިނާކުރައްވަމުން ގެންދެވިހިނދު، ހަނދުމަކުރާށެވެ! (އެހިނދު دعاء ކުރެއްވިއެވެ.) އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ކިބައިން (މިކަން) قبول ކުރައްވައިފާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
ޞައްޙަ ޙަދީޘުން ސާބިތުވާ ގޮތުގައި އިބްރާހީމުގެފާނަށް އިސްމާޢީލުގެފާނު ލިބިވަޑައިގެންނެވުމުން، އެ ތުއްޕުޅު ދަރިކަލުންނާއި، ހާޖަރުގެފާނު މައްކާގައި ވަޒަންވެރި ކުރެއްވިއެވެ. އޭރު އެތަނަކީ ގަހެއް ރުކެއްނެތްތަނެކެވެ. އެއްވެސް މީހަކު ނޫޅޭތަކެވެ. ނަމަވެސް މަރުވެފައިވާ ރައްތައް ދިރުއްވާ ކަށަކުޅަދުންވަންތަ ރަސްކަލާނގެ މައްކާގެ ބިން ދިރުއްވައި އެތަން އާބާދު ކުރެއްވީ އާދަޔާ ޚިލާފުގޮތަކަށެވެ.
އޭގެ ދެކަނބަލުން މައްކާގެ ބިމަށް ދޫކުރައްވައިފައި އިބްރާހީމުގެފާނު ވަޑައިގެންނެވީ ޝާމުކަރައަށެވެ. އިބްރާހީމުގެފާނު ގެފުޅު ބިނާކުރެއްވީ އިސްމާޢީލުގެފާނު ބޮޑުފުޅުވެވަޑައިގެންނެވުމަށްފަހުގައެވެ. އިސްމާޢީލުގެފާނު އަމަލީގޮތުން އެކަލޭގެފާނުގެ މާތް ބައްޕާފުޅަށް ގެފުޅު ބިނާ ކުރުމުގައި އެހީތެރިވެވަޑައިގެންނެވިއެވެ.
އިމާމު ބުޚާރީ ރިވާކުރައްވައިފައިވެއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. ކަޢުބަތު اللَّهِގެފުޅު ބިނާކުރެއްވުމަށް އިބްރާހީމުގެފާނަށް އަމުރުކުރެއްވުމުން، އެކަލޭގެފާނު ދަތުރުކުރައްވައި މައްކާއަށް ވަޑައިގެން ދަރިކަލުން އިސްމާޢީލުގެފާނާ ބައްދަލުކުރައްވައި އެ ޚަބަރު ދެއްވިއެވެ. ޖަވާބުގައި ދަރިކަލުން އިސްމާޢީލުގެފާނު ދެންނެވިއެވެ. ބައްޕާގެ އިލާހަށް ކިޔަމަންތެރިކަން އަދާކުރައްވާށެވެ. އިބްރާހީމުގެފާނު ވިދާޅުވިއެވެ. އެކަލާނގެ އަމުރުކުރައްވަނީ ދަރިފުޅުވެސް މިކަމުގައި ބައްޕައަށް އެހީތެރިވުމަށެވެ. އިސްމާޢީލުގެފާނު ދެންނެވިއެވެ. އަޅުގަނޑު އެހީތެރިވާހުށީމެވެ.
އެ ދެބަފައިކަލުން އެމަސައްކަތް ފެއްޓެވިއެވެ. އިސްމާޢީލުގެފާނު ހިލަތައް ގެނެސްދެއްވަމުން ގެންދެވިއެވެ. އަދި އިބްރާހީމުގެފާނު ގެފުޅު ބިނާކުރައްވަމުން ގެންދެވިއެވެ. އެ ދެބަފައިކަލުން މި ދަންނަވާ ދުޢާކުރައްވަމުން ގެންދެވިއެވެ.
[އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ކިބައިން (މިކަން) ޤަބޫލުކުރައްވައިފާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.]
އަދި ގެފުޅުގެ ބިނާ އުސްވެ، އިބްރާހީމުގެފާނު އެހިލަތައް އުފުއްލެވުމަށް ނުކުޅެދިވަޑައިގެންހިނދު، މިހިލަ (އެބަހީ: މަޤާމުއިބްރާހީމުގެ ނަންދެވިފައިވާ ހިލަ) އިސްމާޢީލުގެފާނު ގެންނެވިއެވެ. އެ ހިލަގެންނަވައި، އިބްރާހީމުގެފާނު އެ މައްޗަށް އަރާވަޑައިގަތުމަށްޓަކައި ބެހެއްޓެވިއެވެ. އެކަލޭގެފާނު އެ މައްޗަށް އަރާވަޑައިގެން ހުންނަވައެވެ. އިސްމާޢީލުގެފާނު ބައްޕާފުޅުގެ އަތްޕުޅަށް ހިލަތައް ފޯރުކޮށްދެއްވަމުން ގެންދެވިއެވެ. އަދި އެގޮތުގެމަތިން ގެފުޅުގެ ވަށައިގެން މަސައްކަތްކުރައްވަމުން، އިސްވެ ބަޔާންވެގެންވާ ދުޢާ ދެބަފައިކަލުން ވިދާޅުވަމުން ގެންދެވިއެވެ. { كتاب أحاديث الأنبياء، باب {يَزِفُّونَ} النَّسَلاَنُ فِي الْمَشْىِ}