ﷲ ތަޢާލާގެ ޝަރީޢަތުގަ ލިވާޠުކުރުމާއި ޒިނޭ ކުރުމަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިން ހިމެނޭ ފާފަތަކެވެ. ރޭޕްކުރުމާ ކުޑަކުދިންނާމެދު އެފަދަ ޢަމަލުތައް ހިންގުމަކީ ޒިނޭކުރުމަށްވުރެ ވެސް ނުބައިކަން ބޮޑު ފާފައެކެވެ. ކުޑަކުއްޖެއްގެ ޙާލުގައި ކުއްޖާވަނިކޮށް ކުއްޖާގެ ޢިއްފަތް ފޭރިގަތުމަކީ ބޮޑުވެގެންވާ ފާފައެކެވެ. އެކަންކަން ކުރާ މުޖުރިބުމުންނަށް ދޭންޖެހޭނީ ބޮޑެތި އަދަބުތައް ކަމުގައި އިސްލާމް ދީނުގައި ވަނީ ބަޔާންވެގެންނެވެ.
އެކަންކަން ކުށްވެރިކޮށް އެބަ ވާހަކަދެކެވެއެވެ. އެއީ ބޮޑެތި ކުށްތައް ކަމަށް ވެސް އެބަ ބުނެއެވެ.
އެހެން ނަމަވެސް އެއީ ބޮޑުކުށަކަށް ވީތީ އެކަން ކުރާ މީހުންނަށް ދޭންޖެހޭ ޙައްޤު އަދަބު ދިނުމަށް ފަސް ޖެހެއެވެ. އަދަބު ދިނުމުގައި އެއީ ބޮޑު ކުށެއްކަން އަނގައިދެވޭފަދަ އަދަބުތަކެއް ނުދެއެވެ. ވާހަކައިން އެއީ ބޮޑެތި ކުށްތައް ކަމަށް ބުނެފައި އަދަބުތަކުން ދައްކަނީ އެއީ ވަރަށް ކުޑަކުޑަ ކަމެއްގެ ގޮތުގައެވެ.
އެފަދަ ކުށްތައް ކުރާ މުޖުރިމުންނަށް ދޭންޖެހޭނީ ބޮޑެތި އަދަބުތައް ކަމުގައި ﷲ ތައާލާ ކަނޑައަޅުއްވަވާފައި ވުމުން އެކަން ބަލައިގަންނަން މިއުޅެނީ ބައަކަށް ފަސޭހަނުވެގެންނެވެ. ބޭނުން ނުވެގެންނެވެ.
އެއީ ބޮޑުކުށެއްގެ ގޮތުގައި ކަނޑައެޅުމަށް މިއަދު އަލުން މަސައްކަތް ކުރަމުންދާއިރު ﷲ ތަޢާލާ ވަނީ މީގެ 1400 އަހަރުކުރިން އެއީ ބޮޑު ކުށެއްގެ ގޮތުގައި ޙުކުމް ބާވައިލައްވަވައިފައެވެ. މައްސަލައަކަށް ވެގެން މިއުޅެނީ ﷲ ތަޢާލާގެ އެއްކައުވަންތަކަން ޤަބޫލުކޮށްގެން ތިބި ޙާލުގައިވެސް އެ އިލާހުގެ ޙުކުމްފުޅުތައް ކަމުނިދިއުމެވެ.
މިކަންކަން ހިނގަމުން މިދަނީ އިސްލާމް ދީނުގެ އަސްލުތަކާއި ޙުކުމްތަކަކީ މާބޮޑު ބުދަނެއް ހުރި އެއްޗެއް ނޫންކަން ދެއްކުމަށެވެ. އެއީ ވަރަށް ހިތާމަހުރި ކަމެކެވެ.
-- ޝައިޚް ޢަބްދުﷲ މިފްޒާލްގެ ދަރުސަކުން