މިއަހަރުގެ އާޝޫރާ ދުވަހުގެ ރޯދަ އަޅުގަނޑަށް ގެއްލޭނެހެން ވަރަށް ހީވެއެވެ! އަޅުގަނޑަށް ފަހުން ޤަޟާކުރެވިދާނެތޯއެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
މިއަހަރުގެ އާޝޫރާ ދުވަހުގެ ރޯދަ އަޅުގަނޑަށް ގެއްލޭނެހެން ވަރަށް ހީވެއެވެ! އަޅުގަނޑަށް ފަހުން ޤަޟާކުރެވިދާނެތޯއެވެ؟

އަޅުގަނޑަކީ ސުންނަތް ރޯދަތައް ހިފުމަށް ވަރަށް ބޮޑަށް ސަމާލުކަންދޭ އަނހެނަކީމެވެ. ނަމަވެސް މިއަހަރުގެ އާޝޫރާ ދުވަހުގެ ރޯދަ އަޅުގަނޑަށް ގެއްލޭނެހެން ވަރަށް ހީވެއެވެ! އަޅުގަނޑަށް ފަހުން ޤަޟާކުރެވިދާނެތޯއެވެ؟ 

ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބޭނެ ކަމަށް އުންމީދުކުރަމެވެ. 

ސުންނަތުގެ ދެ ވައްތަރެއްވެއެވެ. އެއީ ސަބަބެއްވާ ސުންނަތްތަކާއި ސަބަބެއް ނުވާ ސުންނަތްތަކެވެ. ސަބަބެއްވާ ސުންނަތްތަކުގައި، ސަބަބު ފާއިތުވުމުން އެ ސުންނަތްވެސް ފާއިތުވީއެވެ. އަދި ޤަޟާކުރުމެއް ނުވެއެވެ. 

އޭގެ މިޘާލަކީ: ތަޙިއްޔަތުލް މަސްޖިދެވެ. މީހަކު މިސްކިތަށް އައިސް އިށީނދެ، ގިނައިރުތަކެއްވީ ފަހުން ތަޙިއްޔަތުލް މަސްޖިދު ކުރަން ބޭނުންވިނަމަވެސް، ދެން އެއީ ތަޙިއްޔަތުލް މަސްޖިދަކަށް ނުވާނެއެވެ. އެހެނީ އެކަމަށް ސަބަބެއްވެއެވެ. އަދި އެނަމާދުވަނީ އެސަބަބާ ގުޅިފައެވެ. ފަހެ ސަބަބު ފާއިތުވުމުން ދެން އެއީ ކުރުން ޝަރުޢުވެގެންވާ ކަމަކަށް ނުވެއެވެ. 

އަދި ޢަރަފާތްދުވަހާއި ޢާޝޫރާދުވަހުގެ ރޯދަވެސްވަނީ އެފަދައިންނެވެ. ޢުޛުރަކާ ނުލާ މީހަކު އެދުވަހު ރޯދަ ނުހިފާ ފަސްކުރިނަމަ، ދެން އޭނާއަށް އެ ރޯދަ ޤަޟާކުރުމެއްނުވެއެވެ. އަދި ޤަޟާކުރިކަމުގައިވިޔަސް، އެއިން ފައިދާއެއް ނުކުރާނެއެވެ. އެބަހީ: ޢާޝޫރާދުވަސް ނުވަތަ ޢަރަފާތުދުވަސް ފަދައިން ފައިދާ ނުކުރާނެއެވެ. 

އަދި ދަންނައެވެ. މީހަކު ޢުޛުރުވެރިވެފައިވާ ޙާލު – މިޘާލަކަށް: ބަލިމީހުން ނުވަތަ ޙައިޟުވެރިންނާއި ނިފާސްވެރިވެފައިވާމީހުން – ޤަޟާކުރުމެއް ނުވެއެވެ. އެހެނީ މިކަން ޚާއްޞަވެގެންވަނީ ވަކި ދުވަހަކަށެވެ. އެދުވަސް ފާއިތުވުމުން އޭގެ ޙުކުމް ފާއިތުވާނެއެވެ. 

މަސްދަރު: ދިސަލަފިއްޔާ


ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙު އަލްޢުޘައިމީން رحمه الله

مجموع فتاوى ورسائل ابن عثيمين (20 / 43)

 

މިއަދު އޮންލައިން