މިއަހަރުގެ އާޝޫރާ ދުވަސް އައިސްޖެހެނީ! އެއީ ނުހިފާ ދޫކޮށްލަން ހެޔޮވާވަރުގެ ރޯދައެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 59ސ
މިއަހަރުގެ އާޝޫރާ ދުވަސް އައިސްޖެހެނީ! އެއީ ނުހިފާ ދޫކޮށްލަން ހެޔޮވާވަރުގެ ރޯދައެއް ނޫން!

ޢާޝޫރާ ދުވަހަކީ ކޮން ދުވަހަކީ ކޮންމެ އަހަރެއްގެ މުޙައްރަމްމަހުގެ ދިހަވަނަ ދުވަހެވެ. މިއަހަރުގެ އާޝޫރާ ދުވަސް ދިމާވަނީ އޮގަސްތް މަހުގެ 8ވާ ހޯމަ ދުވަހަށެވެ. 

އެދުވަހުގެ ރޯދަހިފަނީ ކީއްވެ؟ 

އެދުވަހުގައި ފިރުޢައުނާއި އޭނާގެ ޤައުމުގެ ކިބައިން ﷲ ސުބްޙާނަހޫ ވަތަޢާލާ މޫސާ ޢަލައިހިއްސަލާމާއި އެކަލޭގެފާނުގެ ޤައުމުގެ މީހުން ނަޖާކުރެއްވި ކަމުގެ މައްޗަށް ﷲ ތަޢާލާއަށް ޝުކުރުވެރިވުމުގެ ގޮތުންނެވެ. 

އެދުވަހުގެ ރޯދައިގެ މާތްކަން: 

އަބޫ ޤަތާދާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ޢާޝޫރާ ދުވަހުގެ ރޯދަހިފުމާ ބެހޭގޮތުން ރަސޫލޫﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާ ސުވާލުކުރެވުނެވެ. ޙަދީޘްކުރެއްވިއެވެ. صِيَامُ يَوْمِ عَاشُورَاءَ أَحْتَسِبُ عَلَى اللهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ ޢާޝޫރާދުވަހުގެ ރޯދައިގެ ސަބަބުން ވޭތުވެދިޔަ އަހަރުގެ ފާފަތައް ﷲ ތަޢާލާ ފުއްސަވާދެއްވާނެކަމަށް ތިމަންކަލޭގެފާނު އުއްމީދުކުރަމެވެ – ރިވާކުރެއްވީ މުސްލިމް 

ރޯދަހިފިދާނެ ގޮތްތައް:

1- ޢާޝޫރާ ދުވަހުގެ ކުރީ ދުވަހާއި އެދުވަހާ ޖެހުނު ދުވަހުވެސް ރޯދަހިފުން (މުޙައްރަމް މަހުގެ ނުވައެއް، ދިހައެއް އަދި އެގާރަ ވަނަދުވަހުވެސް ރޯދަހިފުން)

2- ނުވައެއް އަދި ދިހައެއްގައި ރޯދަހިފުން.

3- ހަމައެކަނި ދިހަވަނަ ދުވަހު ރޯދަ ހިފުން. 

އެންމެ ދުވަހެއްގައި ރޯދަ ހިފައިގެން އެއް އަހަރުގެ ފާފަތައް ފުހެވުމަކީ އަހަރެމެންގެ މައްޗަށްވާ ﷲ ތަޢާލާގެ ފަޟްލުވަންތަކަމެވެ. ﷲ އީ ފަޟްލުވަންތަވެވޮޑިގެންވާ މަތިވެރިވެވޮޑިގެންވާ އިލާހެވެ. އަޚާއެވެ. މި މާތްކަން ލިބިގަންނާށެވެ. އައު އަހަރު ﷲ އަށް ކިޔަމަންތެރިވުމާއި ހެޔޮކަންތައްތައް ކުރުމުގައި ވާދަކުރުމުން ފަށާށެވެ. ހަމަކަށަވަރުން ހެޔޮކަންތައްތައް ނުބައިކަންތައްތައް ފުހެލައެވެ. 

އައްޝައިޚު މުޙައްމަދު ޝާފިޢު  

މަރާޖިޢު

1- ފަތާވާ އިސްލާމިއްޔާ – ޢަބްދުލް ޢަޒީޒް ބިން ޢަބްދުﷲ ބިން ބާޒް ރަޙިމަހޫﷲ

2- އައްޟިޔާއުއްލާމިޢް- މުޙައްމަދު ބިން ޢުޘައިމީން ރަޙިމަހުﷲ

3- އަލްޚުޠަބުލް މިންބަރިއްޔާ- އައްޝައިޚް ޞާލިޙުލް ފައުޒާން

 

މިއަދު އޮންލައިން