ނަބިއްޔާ ﷺ ހަދީޘްކުރެއްވިއެވެ. "ޖަނާޒާ އަވަސް ކުރާށެވެ. ފަހެ އޭނާ އެއީ ސާލިޙް އަޅެއް ނަމަ ތިއަބައިމީހުން އޭނާ ތިއަ ގެންދަނީ ހެވަކާއި ދިމާއަށެވެ. އަދި އެނޫން މީހެއްނަމަ ތިއަބައިމީހުންގެ ކޮނޑުން ބޮޑު މަސްއޫލިއްޔަތެއް ކެނޑި ދިއައީއެވެ. - އިމާމް ބުޙާރީ އަދި މުސްލިމް-
މީހަކު މަރުވެއްޖެ ނަމަ އޮތީ ޖަނާޒާގެ ކަންކަން ވީހައި އަވަސްކޮށް އެމީހަކު ވަޅުލުމެވެ. ރަސޫލް (ﷺ) ވަނީ އެކަމަށް ޙަދީޘްފުޅު ކުރައްވަވައިފައެވެ. ވީމާ ކޮންމެހެން ލަސްކުރަން ޖެހޭ ޙާލަތެއްގައި މެނުވީ ޖަނާޒާގެ ކަންކަން ލަސްނުކުރާށެވެ!
މީހަކު މަރުވުމުން އެމީހަކަށްޓަކައި ކޮށްދެވޭނެ އަދި އެކަން ކުރާ މީހާއަށްވެސް އެންމެ ފައިދާކުރާނެ އެއް ކަމަކީ ކަށުނަމާދުގައި ބައިވެރިވެ ހެޔޮ ދުޢާ ކުރުމެވެ! އެއްވެސް ސަބަބެއް މެދުވެރިވެގެން ކަށުނަމާދުގައި ބައިވެރިނުވެވިއްޖެ ނަމަ ވެސް އެމީހަކަށްޓަކައި ހެޔޮ ދުޢާކުރާށެވެ! އަދި އެކަން ވީހައި ގިނައިން ކުރާށެވެ!
މިހާރަކަށް އައިސް މީހަކު މަރުވެ ޖަނާޒާގެ ކަންކަން ނިމުމުން އެމީހާގެ މަތިން ހަނދާން ކުރަނީ ޢާއިލާގެ މީހުންގެ ތެރެއިންވެސް ވަރަށް މަދު މީހެކެވެ. އެހެން ނުހަދާށެވެ! ދުނިޔޭގައި ހުރިއިރު އަޚާ ދެކެ ލޯބިވީ ފަދައިން މަރުވުމުން ލޯބިވާށެވެ! އެގޮތުން ކުރެވޭނެ ކަންކަމުގެ ތެރޭގައި މަރުވި މީހާގެ ދަރަންޏެއް އޮތް ނަމަ އަދާކޮށްދިނުމާއި، އަނބިދަރިން ދޫކޮށްފައި ތިބި ނަމަ އެމީހުްނަށް އެހީތެރިވުމާއި މަރުވި އަޚާގެ މައްޗަށް ހެޔޮ ދުޢާކުރުން ގިނަކުރުން ފަދަ ކަންކަން ހިމެނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން