ޢަލީ އާއި މަހީދަކީ ވަރަށް ގާތް ދެއެކުވެރިންނެވެ. ޢަލީއަކީ ވަރަށް ފަޤީރު ދިރިއުޅުމެއް އުޅެންޖެހިފައިވާ ޒުވާނެކެވެ. ނަމަވެސް ޢަލީގެ ކައިވެނީގެ ޙަޔާތަކީ ވަރަށް އުފާވެރި ޙަޔާތެކެވެ. ދެމަފިރިން ދިރިއުޅެނީ ވަރަށް ލޯބިންނެވެ. މަހީދަކީ ތަނަވަސް މީހެކެވެ. ނަމަވެސް ޢުމުރުން 30 އަހަރުވީއިރު ވަނީ 3 އަނބިން ވަރިކުރަން ޖެހިފައެވެ.
މިކަމާއި ގުޅިގެން ދެއެކުވެރިންގެ މެދުގައި ދެކެވުނު ވާހަކައެއްގައި ޢަލީ ބުނީ ކައިވެނިތައް އެހައި ފަސޭހައިން ރޫޅެނީ ފައިސާގެ ދަޅަދައްކައިގެން ކައިވެނިކުރާތީކަމަށެވެ. މަހީދު ބުނީ ފައިސާއަށް ނުހެއްލޭނެ އަނހެނަކު ނުހުންނާނެ ކަމަށެވެ. ޢަލީ އެކަން ޤަބޫލުނުކުރުމުން މަހީދު ބުނީ ޢަލީގެ އަނބިމީހާވެސް ފައިސާއަށް ހެއްލޭނެ ކަމަށެވެ.
މިވާހަކަ ކުރިއަރަމުންގޮސް މަހީދު ޢަލީއަށް އިނާމެއް ހުށަހެޅިއެވެ. އިނާމު ހޯދަން ޢަލީ ޖެހެނީ އަނބިމީހާ ގާތުގައި މާލެއިން ފުރާކަމަށްބުނެ 7 ދުވަސްވަންދެން ގެއަށް ނުގޮސް ހުންނާށެވެ. އަދި އެދުވަސްތަކުގައި ޙާލު ބަލަން މަހީދު އަންނާނެ ކަމަށްވެސް ބުނަން ޖެހެއެވެ. 7 ދުވަސްތެރޭ ޢަލީގެ އަނބިމީހާ، މަހީދަށް ކާމިޔާބު ނުކުރެވިއްޖެ ނަމަ އިނާމަކަށް މަހީދުގެ 4 ފިހާރައިން ފިހާއެއްދޭން އެއްބަސްވިއެވެ.
ޢަލީ އެކަން ޤަބޫލުކުރިއެވެ. މަހީދުގެ ޚަރަދުގައި ގެސްޓްހައުސްއަކުން ކޮޓަރިއެއް ކުއްޔަށް ހިފައިދިނުމުން ޢަލީ ހުރީ ކޮޓަރީގައެވެ. 7 ދުވަސްވުމުން ގެއަށް ގޮސް އަނބިމީހާ ގާތުގައި މަހީދު އައިތޯ ސުވާލުކުރުމުން ބުނީ ކޮންމެ ރެއަކުވެސް އައި ކަމަށާއި ދެން މަހީދު ދުވަހަކުވެސް މިގެއަށް ނުއަންނާނެ ކަމަށެވެ.
"އޭނާ ފުރަތަމަ ރޭ އައިސް ވަރަށް ރީތިކޮށް ވާހަކަ ދައްކާލާފަ ދިއައީ. ރެއަކަށްވުރެ ރެއަކު ނުބައި ވާހަކަދެއްކުން ގިނަކުރަމުން އައިސް ރޭ އައީ ބޮޑެތި ފައިސާބޮނޑިތަކެއް ހިފައިގެން. ބުނީ ރޭ އެކަނި އޭނާ އާއި އެކަހެރިކޮށް ބައްދަލުކޮށްލައިފިނަމަ ފައިސާތައް ދޭނެ ކަމަށް. ވަރަށް ގިނަ ވަސްވާސްތައް އެކި ގޮތްގޮތުން ދިނުމުންވެސް އިންކާރުކުރިން. ބުނިން މިލިއަނުން ދިނަސް ﷲ ޙަރާމްކުރައްވަވާފައިވާ ކަމެއް ނުކުރާނަމޭ. ފިރިމީހާއަށް ބޭވަފާތެރިއެއް ނުވާނަމޭ. އެހެން ރޭރޭ ގޭގެ ޚަރަދަށް ދިން 500 ރުފިޔާގަ ހިފިން. ރޭ ވެސް 500 ރުފިޔާދޭން ވަރަށް މަސައްކަތްކުރި. ބުނިން މިހާރު ކަލޭގެ ނިޔަތަކީ ނުބައި ނިޔަތެއްކަން އެނގިއްޖެއޭ. ވީމާ ނުހިފާނަމޭ. މިގެއަށްވެސް ދެން އައިސްގެން ނުވާނެއޭ. ޢަލީ އާއިއެކުގައިވެސް އައިސްގެން ނުވާނެއޭ. ތިއައީ ކަމުދާ އެކުވެރިއެއް ނޫނޭ."
ޖަވާބުގައި ބުނީ ހަމައެކަނި "އިމްތިޙާނުން ފާސްވެއްޖެ" ކަމަށެވެ. އިތުރު ވާހަކައެއް ނުބުނެއެވެ.
ޢަލީ ފެންވަރައި ރީތިވެލިތަނާ މަހީދު ގޮސް އެދުނީ ދެމަފިރިން އެކުގައި އޭނާއާއިއެކު ތަނަކަށް ގޮސްލުމަށެވެ. އަނބިމީހާ ވަރަށް ދެކޮޅުހެދިއެވެ. ނަމަވެސް ޢަލީ ވަރަށް އާދޭސްކުރުމުން ޤަބޫލުވެ މަހީދުއާއިއެކު ކާރުގައި ދިއައެވެ.
މަހީދުގެ އެއް ފިހާރަށް މަޑުކޮށްފައި ދެމަފިރިން ގޮވައިގެން ވަދެ މުވައްޒިފުން ގާތުގައި ބުންޏެވެ. "މިރޭގެ ހިސާބު ނިންމާނީވެސް ޢަލީއެވެ. މިވަގުތުން ފެށިގެން މިއީ މިދެމަފިރިންގެ ފިހާރައެކެވެ. ކަލޭމެންނަކީ މިދެމަފިރިންގެ މުވައްޒިފުންނެވެ. ޢަލީ އަކީ އަހަރެންނަށްވުރެވެސް އަޚްލާޤް ރަނގަޅު މީހެކެވެ. ވީމާ ކަލޭމެންނަށް އެއްވެސް ދަތިކަމެއް މެދުވެރިއެއް ނުވާނެއެވެ.!"
އެހެން ބުނުމަށްފަހު 3 މީހުން އެކުގައި ދިއައީ ރެސްޓޯރަންޓަކަށެވެ. އެތަނުގައި ކާން ތިބެގެން ހިނގައިދިއަ ކަންތައްތަކުގެ ޙަޤީޤަތް އަނބިމީހާއަށް ކިޔައިދިނެވެ. އަނބިމީހާ ވަރަށް ޙައިރާންވެފައި އަޑުއަހަން އިނެވެ.
ކޮންމެއަކަސް އެހިށާބުން ދެމަފިރިންނަށް ތަނަވަސްކަން ލިބުނީ އެވެ. މިހައިތަނަށް ދިރިއުޅެމުން އައި ދަތީޙާލުން އަރައިގަނެވުނީއެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ މިއީ 2006 ވަނައަހަރު ހަމަ މިމާލޭގައި ހިނގައި ދިއަ ކަމެކެވެ. މިވާހަކަ ވާހަކައެއްގެ ގޮތުގައި މިގެނެސްދިނީ ޢަލީގެ އަނބިމީހާގެ އެއިރުގެވެސް މިހާރުގެވެސް އެންމެ ގާތް އެކުވެރިޔާއެވެ.
މިވާހަކަ ކިޔުންތެރިންނާއި ޙިއްޞާ މިކުރީ މިއަދުނޫހުގައި ޝާއިޢުކުރާ "ޙަޤީޤީ ޙާދިސާ" ސިލްސިލާގައި ލިޔެފައި ހުންނަ ވާހަކަތަކަށް ކޮމެންޓްކުރާއިރު އެކިއެކި ކަންކަމާއި ގުޅިގެން ހުރިހާ އަންހެނުންނަށް ނިޞްބަތްވާ ގޮތަށް ކޮމެންޓްކޮށްފައި ހުންނާތީއެވެ. ފިރިހެނުންގެ ތެރޭގައިވެސް ހުރިހާ ބާވަތެއްގެ ފިރިހެނުންވެސް އުޅޭ ފަދައިން އަންހެނުންގެ ތެރޭގައިވެސް ހުރިހާ ބާވަތެއްގެ އަންހެނުންވެސް އުޅޭނެއެވެ. ވީމާ މިހާރުގެ އަންހެނުންނޭ ކިވައި ހުރިހާ އަންހެނުންނަށް އެއްވެސް ކަމެއް ނިޞްބަތް ނުކުރާށެވެ. އަޅުގަނޑުގެ އެކުވެރިޔާ ފަދަ އެތައް ބައިވަރު އަންހެނުން އުޅޭނެކަން ޔަޤީނެވެ. ހަމަ ޔަޤީނުން އަޅުގަނޑުވެސް މިހުރީ ހަމަ އެކުވެރިޔާ ފަދަ އަންހެނެއްގެ ގޮތުގައެވެ.
- ޢާޠިފާ / މިއަދުނޫހުގެ ކިޔުންތެރިއެއް