ގެފުޅުގެ ތާރީޚް -5: ގެފުޅަށް ގެއްލުންދިނުމާ ގެފުޅުގަ އަލިފާނުގެ ޙާދިސާއެއް ހިނގުމާ އިބްނު ޒުބައިރު ގެފުޅު ބިނާކުރެއްވުން

ކިޔުމަށް ހޭދަވާނީ 2މ 43ސ
ގެފުޅުގެ ތާރީޚް -5: ގެފުޅަށް ގެއްލުންދިނުމާ ގެފުޅުގަ އަލިފާނުގެ ޙާދިސާއެއް ހިނގުމާ އިބްނު ޒުބައިރު ގެފުޅު ބިނާކުރެއްވުން

ޢަލީ އިޙްޞާން ފިރާޤް

 

އިބްނު ޒުބައިރު ގެފުޅު ބިނާކުރެއްވުން:

އިބްނު ޒުބައިރު ރަޟިޔަﷲ ޢަންހުއަކީ އަބޫބަކުރުގެފާނުގެ ކާފަދަރިކަލެކެވެ. އެކަލޭގެފާނުގެ ބައްޕާފުޅަކީ ޒުބައިރުގެފާނެވެ. މައިކަނބަލުންނަކީ އަސްމާގެފާނެވެ. ބޮޑުދައިތާފުޅަކީ ޢާއިޝަތުގެފާނެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم  އާއި އަބޫބަކުރުގެފާނަށްފަހު ޢާއިޝަތުގެފާނު އެންމެ ލޯބިފުޅުވެވަޑައިގަންނަވަނީ އިބްނު ޒުބައިރުދެކެ ކަމަށް ޞަޙީޙު ބުޚާރީގައި ރިވާވެގެން އައިސްފައިވެއެވެ. 

މުޢާވިޔަތުގެފާނު އަވަހާރަވުމަށްފަހު އިސްލާމީ ޚިލާފަތުގެ ލަގަން ލިބިވަޑައިގެންނެވީ ޔަޒީދަށެވެ. ޔަދީޒުގެ ވެރިކަމުގައި އޭނާގެ ސިފައިންވަނީ މާތް ރަސޫލާ صلّى اللّـه عليه وسلّم  ގެ ކާފަދަރިކަލުން ވަރަށް އިހާނެތިކޮށް ޝަހީދުކޮށްފައެވެ. މިދެންނެވި ހާދިސާއަށްފަހު އިބްނު ޒުބައިރު ހިޖާޒުކަރައިގައި އެކަލޭގެފާނުގެ އަމިއްލަފުޅު ވެރިކަމެއް ޤާއިމުކުރެއްވިއެވެ. ނަތީޖާއެއްގެ ގޮތުން ޔަޒީދު، އިބްނު ޒުބައިރުއާ ހަނގުރާމަ ކުރަން ބޮޑު ލަޝްކަރެއް ތައްޔާރުކޮށްފައި ފޮނުއްވިއެވެ. ޔަޒީދުގެ ލަޝްކަރުކޮށް މައްކާ ޙިޞާރުކުރިއެވެ. އިބްނު ޒުބައިރު އާއި އެކަލޭގެފާނުގެ އެކުވެރިންނަށް ޙަމަލަދޭންފެށިއެވެ.

މަންޖަނީގު (catapult) ބޭނުންކޮށްގެން ބޮޑެތި ހިލަ އުކިއެވެ. އެކަންތައްތަކުގެ ތެރޭގައި ކަޢުބާއަށްވެސް ހަމަލަތައް އަމާޒުވެ ވަރަށް ބޮޑަށް ގެއްލުންވިއެވެ. ހަމައެދުވަސްވަރު ގެފުޅުގައި އަލިފާނުގެ ހާދިސާއެއްވެސް ހިނގިއެވެ. ބައެއް ރިވާޔަތްތަކުގައިވަނީ ގެފުޅުގައި އަލިފާން ހިފީ ހިލަ އަލިފާނަށްލައިގެން ދޮންކޮށްފައި ގެފުޅާ ދިމާއަށް އުކުމުންނެވެ. ނަމަވެސް އެބައިމީހުން އެގޮތަށް އުކީ ގެފުޅު ތަޅާ ސުންނާފަތި ކުރާކަށް ނޫނެވެ. އިބްނު ޒުބައިރުގެ ދުވަސް ދުއްވައިލުމަށެވެ. 

އެކަމުގެ ސަބަބުން ގެފުޅުގެ ފާރުކޮޅުތައް ހުރީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. ޔަޒީދުގެ ސިފައިން މައްކާ ޙިޞާރު ކުރިތާ މާގިނަ 17 ވަނަ އަށްވީދުވަހު ޔަޒީދު އަވަހާރަވެއްޖެއެވެ. އެހެންކަމުން އެބައިމީހުން އެނބުރި ޝާމުކަރައަށް ދިޔައީއެވެ. 

އެބައިމީހުން ދިޔުމުން އިބްނު ޒުބައިރު، އެޒަމާނުގެ ޢިލްމުވެރިންނާ ވާހަކަފުޅު ދައްކަވައިގެން އަލުން ގެފުޅު ތަޅާލައްވައިފައި ރޭނުއްވިއެވެ. އިބްނު ޒުބައިރުގެފާނު ގެފުޅު ބިނާކުރެއްވީ އިބްރާހީމުގެފާނުގެ ބިންގަލުގެ މައްޗަށެވެ. ޤުރައިޝުން ދޫކުރެއްވި 6 މުށް ގެފުޅުގެ ތެރެއަށް ލެއްވިއެވެ. ގެފުޅުގެ ދޮރުކޮޅު ތަޅާލައްވައި، ބިންގަނޑާ އެއްލެވަލަކަށް ގެފުޅުގެ ދޮރުކޮޅު ހެއްދެވިއެވެ. ގެފުޅުގައި ދެ ދޮރުކޮޅު ލެއްވިއެވެ. އެކަލޭގެފާނު ގެފުޅު 27 މުށަށް އުސްކުރެއްވިއެވެ. 

އިބްނު ޒުބައިރު ރަޟިޔަﷲ ޢަންހު މިފަދައިން ގެފުޅު ބިނާކުރެއްވީ، އެކަލޭގެފާނުގެ ބޮޑުދައިތާފުޅު އުއްމުލް މުއުމިނީން ޢާއިޝަތުގެފާނުގެ ފަރާތްޕުޅުން ލިބިވަޑައިގެންނެވި އިރްޝާދުފުޅެއްގެ ސަބަބުންނެވެ. އެހެނީ އެއްފަހަރަކު މާތް ރަސޫލާ صلّى اللّـه عليه وسلّم ، ޢާއިޝަތުގެފާނުގެ އަރިހުގައި ޙަދީޘްކުރެއްވިއެވެ.

[އޭ ޢާއިޝާއެވެ. ކަމަނާގެ ޤައުމުގެ މީސްތަކުން ޖާހިލިއްޔަ ޒަމާނާ ގާތުގައި ނުވާނަމަ ތިމަންކަލޭގެފާނު ގެފުޅު ތަޅާލައްވައި، އެގެފުޅުން އުނިކުރެވިފައިވާ ބައި ގެފުޅުގެ ތެރޭގައި ހިމެނުއްވީމުހެވެ. ތިމަންކަލޭގެފާނު ގެފުޅުގެ ދޮރުކޮޅު ބިމާ އެއް ލެވެލްއަކަށް ތިރިކުރައްވައި ގެފުޅުގައި ދެ ދޮރު ލެއްވީމުހެވެ.] 

އިބްނު ޒުބައިރު، ގެފުޅު ބިނާކުރެއްވީ މިދެންނެވި ޙަދީޘް ބަސްފުޅުގެ މައްޗަށް ބުރަވެވަޑައިގެން ހުންނަވައެވެ.

 

 

މިއަދު އޮންލައިން