ޙަޔާތް ކާމިޔާބުކުރަން އެންމެ ބޮޑަށް އެދެންޖެހޭ 2 ކަމަށް އެދި ގިނަގިނައިން މިފަދައިން ދުޢާކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
ޙަޔާތް ކާމިޔާބުކުރަން އެންމެ ބޮޑަށް އެދެންޖެހޭ 2 ކަމަށް އެދި ގިނަގިނައިން މިފަދައިން ދުޢާކުރާށެވެ!

އިންސާނާގެ ޙަޔާތް ކާމިޔާބުކުރުމަށްޓަކައި ﷲ ތައާލާގެ ޙަޟްރަތުން އެދެން ޖެހޭ 2 ކަމެއް ވެއެވެ. ފުރަތަމަ ކަމަކީ ދުނިޔޭގައި ކުރިމަތިކުރައްވަވާ ދަތިޙާލަށް ކެތްތެރިވެ އަދި ޝުކުރުވެރިވާ އަޅަކު ކަމުގައި ލައްވަވައިދެއްވެވުމެވެ. ދެވަނަ ކަމަކީ ސުވަރުގެ ލިބުމަށް ދަހިވެތިވާ، އެކަމަށް ކެތްމަދުވެފައިވާ މީހަކު ކަމުގައި ލައްވަވައި ދެއްވެވުމެވެ. 

މި 2 ކަންތައް ކާމިޔާބުކުރެވިއްޖެ ކޮންމެ މީހަކީ ދުނިޔޭގެ ޙަޔާތް ކާމިޔާބު ކުރެވިފައިވާ މީހެކެވެ! 

ދުނިޔޭގައި އެދެންވީ އުފާފާގަތިކަމަށާއި ތަނަވަސްކަމަކަށް ނޫނެވެ. އެކަންކަމުގެ ސަބަބުން މީހާއަށް މަގުއޮޅި ﷲ ތަޢާލާ އާއި ދުރުވެވިދާނެ ކަމަށްޓަކައި ބިރުވެތިވާށެވެ! އެދެންވީ ކުރިމަތިކުރައްވަވާ ދަތިޙާލަށް ކެތްތެރިވެ އަދި ޝުކުރުވެރިވުމުގެ ކުޅަދާނަކަން ދެއްވެވުމަށެވެ. އެކަމުގެ ސަބަބުން މީހާ ދާނީ ﷲ ތަޢާލާ އާއި އިތުރަށް ކުއްތަންވެވެމުންނެވެ. 

ﷲ ތަޢާލާ އެންގެވި މަގުގައި ސާބިތުވެވޭނީ ސުވަރުގެ ލިބުމަށް ދަހިވެތިކަން ބޮޑުވީ ވަރަކަށެވެ. އެކަމަށްޓަކައި ކެތްތެރިކަން ކުޑަވީ ވަރަކަށެވެ. އަހުރެންގެ ވިސްނުމުގައި މި ނޫން ކަމަކަށް ކެތްތެރިކަން ކުޑަކުރުމެއް ނެތެވެ. އެހެން ހުރިހާ ކަންކަމުގައިވެސް އޮތީ ކެތްތެރިކަން އިތުރުކުރުމެވެ! 

މި 2 ކަންތައް އެދޭ މީހާ މިފަދަ ދުޢާތައް ކުރުން ގިނަކުރާށެވެ! 

"ޔާ ﷲ! ދުނިޔޭގައި މިއަޅާއަށް މިންވަރުކުރައްވަވާ ދަތިޙާލަށް ކެތްތެރިވެވޭ އަދި ޝުކުރުވެރިވާ އަޅަކު ކަމުގައި ވުމަށް މިންވަރުކޮށްދެއްވަވާނދޭވެ! މިއަޅާގެ ކެތް މަދުވެފައިވަނީ ސުވަރުގެ ލިބުމަށެވެ! ސުވަރުގެ ލިބުމަށް ކެތްމަދުވުން މިއަޅާއަށް އިތުރުކޮށްދެއްވަވާނދޭވެ!" އާމީން 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން