ވަރަށް ލޯބިން އެކުގައި ދިރިއުޅެމުން އައި ދެމަފިރިންނެވެ. ކައިވެނީގައި 7 އަހަރުވުމަށްފަހު 2 ދަރިންވެސް ލިބިފައިވަނިކޮށް ފިރިމީހާ ލީބިވެރިއަކު ހޯދައި ގުޅުންބަދަހިކުރިއެވެ. އަނބިމީހާއަށް އެކަން އެނގޭއިރުގައިވެސް ދިއައީ ކެތްތެރިވަމުންނެވެ.
އަނބިމީހާގެ ކެތްތެރިކަމުގެ ފިރިމީހާ ނެގީ އަނބިމީހާ އޭނާ ކުރާހައިކަމަކަށް ފުދިގެން އިންނާނެ ކަމަށެވެ. އެހެންވެ ހަފްތާބަންދުތަކުގައި ގޭގައި އުޅުމުގެ ބަދަލުގައި ލޯބިވެރިޔާއާއިއެކުގައި އުޅެންފެށިއެވެ. ދުވަސްކޮޅަކުން ހަފްތާއެކުގައިވެސް ގެއަށް ނުގޮސް ލޯބިވެރިޔާއާއިއެކުގައި ހޭދަކުރަން ފެށިއެވެ.
އެގޮތުން ހަފްތާއެއްވަންދެން ލޯބިވެރިޔާއާއިއެކުގައި އުޅެފައި ގެއަށް އައި ދުވަހެކެވެ. ގެއަށް އައުމުން އަނބިމީހާ އަނގައަކުން ނުބުންޏެވެ. ފިރިމީހާ ގޭގައި އުޅޭކަން އެނގޭކަމަކަސްވެސް ނުހެދިއެވެ. ކައްކައެވެ. ނަމަވެސް ކާންހަދައެއް ނުދެއެވެ. އެއްޗެތި އިސްތިރިކޮށެއްވެސް ނުދެއެވެ.
ފިރިމީހާއަށް އެކަންކަމަށް ކެތްނުކުރެވިގެން ސުވާލުކުރުމުން ބުނީ ދެން ރަނގަޅުވާނީ ލޯބިވެރިޔާއާއިއެކުގައި ހުރިހާ ދުވަހަކުވެސް ދިރިއުޅުން ކަމަށެވެ. ވީމާ ލޯބިވެރިޔާގާތަށް ދިއުމަށް އެދޭކަމަށެވެ. މިހާރު އޮންނާނީ ވަރިވާން ކޯޓަށް ފޯމުލާފައި ކަމަށާއި އެހެންވީމާ ރަނގަޅުވާނީ އަވަހަށް ގެއިން ނުކުމެގެން ދިއުން ކަމަށެވެ.
ފިރިމީހާއަށް އެވަރުންވެސް ވިސްނައެއް ނުލެވުނެވެ. އަނބިމީހާގެ އަގު ވަޒަނެއް ނުކުރެވުނެވެ. މާފަށް އެދުމުގެ ބަދަލުގައި ގެއިން ނުކުމެގެން ލޯބިވެރިޔާގެ ގާތަށް ދިއައީއެވެ. އެއީ ރޭގަނޑު 11 ޖެހިވަގުތެވެ. ދޮރުހުޅުވީ ބެލްޖަހާތާ އެތައްއިރެއްވީފަހުންނެވެ. ހުޅުވާފައި ބުނީ 2 ދުވަސްފަހުން އައުމަށެވެ. އޭނާއަށް ޝައްކުތަކެއްވެގެން ގެއަށްވަންނަން ގަދަދެއްކުމުންވެސް ނުވައްދައި ދޮރުލައްޕާފައި ތަޅުލީއެވެ.
ކުރެވޭނެ ކަމެއް ނެތުމުން މަގުމައްޗަށް ނުކުތްތަނާ ބައްދަލުވި އަވަށްޓެރިއަކު ކިޔައިދިނެވެ. "ކަލެއަށް ލޯބިވެގެން ތިއައުޅެވޭ އަނހެންމީހާއަކީ އެތައް ބައިވަރު ފިރިހެނުން ގެއަށް ވައްދައިގެން ގެންގުޅެ އެއެންމެންގެ އަތުން ފައިސާ ހޯދައިގެން އުޅޭ އަންހެނެކެވެ. މިވާހަކަ ކަލޭގާތު ބުނަން ވަރަށް މަސައްކަތްކޮށްފީމެވެ. ނަމަވެސް ފުރުޞަތު ނުލިބުނީއެވެ. މިރޭ ކަލޭގެ މޫނުމަތިން ވަރަށް ދެރަވެފައި ހުރިކަން އެނގޭތީ ހަމަބުނެލީއެވެ. ގެއަށް ނުވެއްދީދޯއެވެ! ނުވައްދާނެ ނޫންހެއްޔެވެ؟ މިރޭ 8 ޖެހިއިރު ވެއްދި މީހާ އަދި ނުނުކުމެއެވެ. އޭނަ އައި ސައިކަލް މިހިރީއެވެ!"
ސައިކަލަށް ބަލައިލިއިރު އޭނާގެ އެންމެ ގާތް އެކުވެރިޔާގެ ސައިކަލެވެ. އެކުވެރިޔާއަށް ގުޅައިގުޅައިވެސް ފޯނެއް ނުނެގިއެވެ. އެނބުރި އަނބިމީހާގެ ގެއަށް ގޮސް ބެލްޖަހައިޖަހައިވެސް ދޮރު ނުހުޅުވުމުން ޖެހުނީ ދާށެވެ.
ދުވަހު ކުއްޔަށް ކޮޓަރިއެއްހިފައިގެން އެރޭ ނިދީ އެކޮޓަރީގައެވެ. ނިދަން އުޅެއުޅެވެސް ނުނިދުނެވެ.
"އަހަރެންނަށް ﷲ ދެއްވެވީ ހާދަ ރަނގަޅު އަންތބެކެވެ. ރީތި އަންހެނެކެވެ. ގެދޮރުހުރި ތަނަވަސް އެކަމަކުވެސް ހިތްތިރި އަންހެނެކެވެ. އަހަރެންދެކެ ލޯބިވި، އަހަރެންނަށް އަޅައިލި، ތެދުވެރި ވަފާތެރި އަންތބެކެވެ. ހުރިހާ ގޯހެއް މިހެދުނީ އަހަރެންނަށެވެ.
އަނެއްދުވަހު އޮފީސް ނިމިގެން އަނބިމީހާގެ ގެއަށް ގޮސް ދަރިންނާއި ބައްދަލުކުރަން ކަމަށް ބުނުމުން އަނބިމީހާ ބުނީ ކޯޓުން ވަރީގެ މައްސަލަ ނިމުނީމާ ނޫނީ ދަރިންދެކެންވެސް ގެއަށް ނުވައްދާނެ ކަމަށެވެ. "އަހަރެން ބޭނުމެއް ނޫން ދަރިންދުށުމުގެ ނަމުގަ އައިސް މާފަށް އެދޭއަޑުއަހާކަށް. ތިއައީ މަކަރުވެރިއެއް! ބޮޑު ޣައްދާރެއް! ﷲ ދެއްވަވާ ނިޢްމަތަށް ޝުކުރުކުރަން ނުދަންނަ މީހެއް! ދަރިންދެކެ ލޯބިވާނަމަ ދަރިން ލިބުނީމާ އުޅޭނީ ތިއަ ވައްތަރަކަށް ނޫން! ދެން މިގެއަށް ކަލޭ ވައްދާނީ ވަރިވެ ޢިއްދަވެސް ހަމަވީމަ! ދަރިން ދެކެން ބޭނުމިއްޔާ ސްކޫލަށް ގެންގޮސް ގެނެސްދެވިދާނެ! ކުދިން ރީތިކޮށްފައި ނެރޭނަން! ގެންގޮސްފައި ގެނެސް ގެއަށް ވައްދާފަ ދިއައިމަ ނިމުނީ! ގެންގޮސް ގެނެސްހަދަން ކާރުވެސް ދޭނަން! އެކަމަކު މިގެއަކަށް ނުވަދެވޭނެ! މަށަކާ ވާހަކައެއްވެސް ނުދެއްކޭނެ!"
"މިހައިތަނަށް ކެތްތެރިވެގެންހުރި އަނބިމީހާގެ ވާހަކައިގައި މިއަދު ހުރީ ހަރުކަށިކަމެވެ. ބުނެވޭނެ އެއްޗެއް ނެތެވެ. އޭނާގެ ހިތް ހަރުކަށިކޮށް ދަގަނޑަށް ހެދީ އަމިއްލައަށެވެ. ހުރިހާވެސް މައްސަލައަކީ ތިމާގެ ކިބައިގައި ތެދުވެރިކަން ނެތުމާއި ދެއްވެވި ނިޢްމަތަށް ޝުކުރުވެރިވާން ނުއެނގުމެވެ. ޝައިޠޯނާގެ މަގުން ހިނގަން ފެށުމެވެ. އަނބިމީހާގެ ކެތްތެރިކަމަކީ އޭނާގެ ބަލިކަށިކަން ކަމުގައި ދެކެވުނުކަމެވެ."
އޭނާއަށް ލިބޭ މުސާރައިން ތަނެއް ކުއްޔަށް ހިފައިގެން މާލޭގައި އުޅެވެން ނެތުމުން އަނބިމީހާ ވަރިކޮށްފައި ރަށަށް ދިއައީއެވެ. މިހައިތަނަށް އުޅެމުން އައި ތަނަވަސް ދިރިއުޅުމާއިމެދު ހިތާމަކުރަމުންނެވެ. ލިބުނު މުސާރަ އެކުގައި ހިލޭ އަންހެނަކަށް ޚަރަދުކުރުމުގެ އިތުރުން އެތައްހާސް ރުފިޔާއަކުން ދަރަނަވެރިވެސް ވެގެންހުރެއެވެ.
އަޅުގަނޑު މިކިޔައިދިނީ އަޅުގަނޑުގެ ވަރަށް ގާތް އެކުވެރި ދެމަފިރިއެއްގެ ފުރަތަމަ ކައިވެނީގައި ކަންކަން މެދުވެރިވިގޮތެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް ޢިބްރަތަކަސްވާނެ ކަމުގެ އުންމީދުގައެވެ.
އަޅުގަނޑު ބުނެލަން ބޭނުންވަނީ ކަމެއްވާއިރަށް ކޮންމެ އަންހެނަކު ހާމުންޑިކުކުޅެއް ފަދައިން ގަޔަށްބޮލަށް އަރައިނުގަތްނަމަވެސް ކެތްތެރިކަން ކޮޅުންލީމާ އަޅަންޖެހޭ ފިޔަވަޅު އަޅާނެއެވެ. ދެރަ ލިބުނީމާ މާފަށް އެދި އާދޭސްކުރުމަކުން ފައިދާއެއް ނުކުރާނެއެވެ. އަނބިން އެފަދަ ކަންކަން ކުރާނަމަ ތިމާއަށް ކުރާނެ އަސަރު ހިތަށްއަރާނަމަ މިބާވަތުގެ ގޮތްގޮތަކަށް ނުއުޅޭނެއެވެ.
- ފަހީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް