މިއާޔަތަށް ވިސްނާށެވެ!
"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކެތްތެރިކަމާއި ނަމާދުން ތިއަބައިމީހުން ވާގި އެދޭށެވެ! ހަމަކަށަވަރުން اﷲ ވޮޑިގެންވަނީ ކެތްތެރިންނާ އެކުގައެވެ." (އަލްބަޤަރާ: 153)
ﷲ ތަޢާލާ، ތިމަން ﷲ ވޮޑިގެންވަނީ ކެތްތެރިންނާއިއެކުގައި ކަމަށް ވަޙީ ކުރެއްވެވުމުން އެކަމުގެ ދަރަޖައިގެ މަތިވެރިކަމާއި ﷲ ތޢާލާގެ ޙަޟްރަތުގައި ކެތްތެރިކަމަށް ލޮބުވެތިކަން ބޮޑުވެގެންވާ މިންވަރު މިއޮތީ ހާމަވާށެވެ!
މިއަދުގެ ޙާލަތަށް ބަލައިފިނަމަ މީސްތަކުން އެންމެ ބޮޑަށް ދުރިހެލިވަމުންދަނީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ޢަމަލާއިއެވެ! ނަމަވެސް ބޭނުންވަނީ ﷲ ތަޢާލާ އާއި ވީހައި ބޮޑަށް ކުއްތަންވުމަށެވެ. ބޭނުންވި ނަމަވެސް ކުއްތަން ވެވޭނީ ކިހިނަކުން ހެއްޔެވެ؟
އަހަރެމެން ކުރަން ބޭނުންވާ ކަމެއް ޙާޞިލުކުރަން ކިތަންމެ ވަރަކަށް މަސައްކަތްކުރި ނަމަވެސް އެކަން ޙާޞިލުކުރެވެން އޮތީ ﷲ ތަޢާލާ އެކަމެއް މިންވަރު ކުރެއްވެވުމުންނެވެ. ވީމާ ކޮންމެ ކަމަކަސް ވެސް މިއޮތީ ﷲ ތަޢާލާގެ ޙަޟްރަތުން ވާގި އެދުމެވެ. އެ ސަބަބަށްޓަކައި ﷲ ތަޢާލާ ހަމަ މިއާޔަތުގައި އެވަނީ ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދެން އޮތް މަގު ވެސް ބަޔާންކުރައްވަވައިފައެވެ. އެއީ ނަމާދުކުރުމެވެ!
ހިތާމައަކީ ނަމާދުކުރުމާއި ކެތްތެރިވުމާއި މި 2 ކަންތަކާއިވެސް މީސްތަކުންނަށް ދުރަށް ޖެހެވޭ މިންވަރު ބޮޑުވަމުން އަންނަ ކަމެވެ. މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. ކޮންމެ މީހަކުވެސް ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދެއެވެ. ނަމަވެސް ނަމާދެއް ނުކުރެއެވެ. ﷲ ތައާލާ އާއި ކުއްތަންވުމަށް ބޭނުންވެއެވެ. ނަމަވެސް ކެތްތެރިކަމެއް ނެތެވެ! އެހެންކަމާއިއެކުވެސް އެދޭ ކަންކަން ޙާޞިލު ނުކުރެވި ލަސްވުމުން ޝަކުވާވެސް ކުރެއެވެ!
މިއާޔަތަކީ އެންމެން ވެސް ވަރަށް ރަނގަޅަށް ދަންނަ އާޔަތަތެކެވެ. ހުކުރު ޚުޠުބާތަކުގައި އެންމެ ގިނައިން ހަނދާންކޮށްދެވޭ އެއް އާޔަތްވެސްމެއެވެ. ޝަކުވާ ކުރުމުގެ ކުރިން މި އާޔަތުގައިވާ ކަންކަމަށް ތިމާއަށް ޢަމަލުކުރެވޭ މިންވަރާއިމެދު ވިސްނައިލާނެ ނަމައެވެ.
ﷲ ތަޢާލާ ވަނީ އަހަރެމެން ޢަމަލުކުރަންވީ ގޮތް ކީރިތި ޤުރްއާނުގައި ބަޔާން ކުރައްވަވައިފައެވެ. ވީމާ ފުރަތަމަ ކަމަކަށް ތިމާ ކިޔަމަންތެރިކަން އަދާކުރާށެވެ! ﷲ ތަޢާލާގެ ރުއްސެވުމާއި ލޯބިވެވޮޑިގަތުން ލިބޭނީ އެއިރުންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން