އެއީ ޢުމުރުން 16 އަހަރުގެ އަންހެންކުއްޖެކެވެ. ވަރަށް ހެޔޮލަފާ ތަޤްވާވެރި އަންހެން ކުއްޖެކެވެ. އޭނާއަށް ފެންނަ ވަރަށް ގިނަ ހުވަފެންތައް ދިމާވެއެވެ. އެހެންވެ އަވަށުގެ ގިނަ ބައަކު އޭނާގެ ގާތަށްގޮސް އެމީހުންނަށް ކަންބޮޑުވާ ކަންކަމުގައި ހުވަފެނެއް ފެނޭތޯ މަސައްކަތްކޮށްދިނުމަށް އެދެއެވެ. ބައެއް ކަންކަމުގައި ފެނެއެވެ. އަނެއްބައި ކަންކަމުގައި ނުފެނެއެވެ.
ކޮންމެއަކަސް މިކުއްޖާވީ އަވަށުގެ ސިހުރުވެރިންނަށް ވަރަށް ބޮޑު ބިރަކަށެވެ. އެއީ އެމީހުންގެ ކިބައިން ކަންކަމަށް އެދިގެންދާ މީހުން މަދުވުމާއި ލިބޭ އާމްދަނީ މަދުވުމެވެ. އެހެންވެ ހުރިހާ ޞިހުރުވެރިން ސައްލާކޮށްފައި ކުއްޖާގެ މަންމަ އާއި ބައްޕަ އެންމެ ބޮޑު ޞިޙުރުވެރިޔާގެ ގާތަށް ގެންދިއައެވެ.
އޭނާ ބުނީ ކަލޭމެންގެ ދަރިފުޅަކީ ވަރަށް ނުބައި ޖިންނިއަކާއި ގުޅިފައިވާ ކުއްޖެއްކަމަށާއި އޭނާ އަވަހަށް މަރާނުލިނަމަ ވަރަށް އަވަހަށް ދެމަފިރިން އެކުގައި ވަރަށް އަވަހަށް މަރުވާނެ ކަމަށެވެ. އެހެންވެ ދެމަފިރިން ގެއަށް އައީ އެކަމުގައި ޢަމަލުކުރާނެ ގޮތަކާއިމެދު ވަރަށް ބޮޑަށް ކަންބޮޑުވެގެން ތިބެއެވެ.
ދަރިފުޅަކީ ވަރަށް ހެޔޮލަފާ ތަޤްވާވެރިކުއްޖެއްކަން ދެމަފިރިންވެސް ޤަބޫލުކުރާތީ ދަރިފުޅު މަރާލުންވީ ވަރަށް އުނދައުނދަގޫ ކަމަކަށެވެ. އަނެއްކޮޅުން ޞިޙުރުވެރިޔާ ބުނާގޮތުން ދެމަފިރިންގެ ފުރާނައެވެ. ވީމާ އެއީވެސް ކުޑަކަމެއް ނޫނެވެ.
އަނެއްދުވަހު ހެނދުނު ދެމަފިރިން ހޭލިއިރު ދަރިފުޅު ގެއަކު ނެތެވެ. ހޯދަހޯދައިވެސް ނުފެނުމުން ގޮސް އެވާހަކަ ބޮޑު ޞިޙުރުވެރިޔާގެ ގާތުގައި ބުނުމުން އޭނާގެ އަމުރަށް އަވަށުގެ ގިނަ ބައަކު ނުކުމެ އެކުއްޖާ ހޯދުމުގެ މަސައްކަތްފެށިއެވެ. ކޮންމެ ދުވަހަކު އެމަސައްކަތްކުރާތާ 7 ދުވަސްވީފަހުން މިސްކިތު ފާރު ކައިރީގާ ކުއްޖާ ހުއްޓާ ފެނިގެން ރަށުގެ އެންމެންހެން އެތަނަށް ޖަމާވުމުން ކުއްޖާ ބުންޏެވެ.
"އިހަށް ހުރިހާ އެންމެން އަހަރެން މިދައްކާ ވާހަކަ ރަނގަޅަށް އަޑުއަހައިބަލާށެވެ. އެއްވެސް ކުށެއް ނެތި އަހަރެން މަރާލުމުގެ ކުރިން ތިއަ ހުރިހާ ސިހުރުވެރިން ނިކަން އަހަރެންގެ ކުރިމައްޗަށް ގެނެސްބަލާށެވެ! އަހަރެން އެމީހުންނާ ކުރަންހުރި ސުވާލު އެބަހުއްޓެވެ. އެސުވާލުތައް ކުރުމުގެ ފުރުޞަތު ނުދީ އެމީހުންގެ ބަހަށް އަހަރެން މަރާލައިފިނަމަ އަވަށުގެ އެންމެންނަށް އެކަމުގެ ހިތާމަ ފަހުން ކުރަންޖެހިދާނެއެވެ."
ރައްޔިތުންގެ ބައަކު ގޮސް އެވާހަކަބުނުމުން ޞިޙުރުވެރިން އެކަމަށްކުރީ އިންކާރެވެ. ނަމަވެސް އެމީހުން ބުނީ އިންކާރުކޮށްގެން ފަރުނުޖެއްސޭނެ ކަމަށާއި ޖެހޭނީ ދާންކަމަށެވެ. އެހެން ބުނެފައި ގަދަކަމުން އެމީހުން މިސްކިތް ކައިރިއަށް ގެންދިއުމުން ކުއްޖާ ސުވާލުކުރަން ފެށިއެވެ؟
"ކަލޭމެންނަށް ޣައިބު ތިއަހާ މޮޅަށް އެނގޭނަމަ އަހަރެން މަރާލަން މަންމަ އާއި ބައްޕަގެ ގާތުގަ ބުނިކަން އަހަރެންނަށް އެނގުނީ ކިހިނަކުން ހެއްޔެވެ؟ ނިކަން ޖަވާބު ދީބަލާށެވެ!"
ޞިހުރުވެރިންނަކަށް ޖަވާބެއް ނުދެވުނެވެ.
"އަހަރެން މިއަވަށަކުން ބޭރަކަށް ނުދަމެވެ. ކަލޭމެންނަށް ޣައިބު އެނގޭނަމަ އަހަރެން ފިލައި ހުރިތަނެއް ނުއެނގުނީ ކީއްވެގެން ހެއްޔެވެ؟"
އެސުވާލަށްވެސް ޞިޙުރުވެރިންނަކަށް ޖަވާބު ނުދެވުމުން ކުއްޖާ ބުންޏެވެ. "އިތުރު ސުވާލެއް ކުރުމުގެ ބޭނުމެއް ނެތެވެ. އެމީހުންނަކީ އެއްވެސް ކަމެއް އެނގޭ ބައެއް ނޫންކަމާއި އެއީ ބޮޑެތި ދޮގުވެރިންކަން ބުއްދި ސަލާމަތުން ހުރި ކޮންމެ މީހަކަށް މިހާރު ހަމަ ވަރަށް ރަނގަޅަށް ޤަބޫލުކުރެވޭނެއެވެ. އެމީހުން ތައުބާވުމަށް ފުރުޞަތުދޭށެވެ. ނުވިނަމަ ދީނުގައި އަމަލުކުރަން އޮތް މަގުން ޢަމަލުކުރަން ޖެހޭކަން ފަނޑިޔާރުންނަށް ރަނގަޅަށް އެނގޭނެއެވެ. އަހަރެން އެއްވެސް ބަހެއް ބުނާކަށް ނެތީމެވެ."
ބައަކު ގޮސް ބޮޑުފަނޑިޔާރު ގެނެސް މައްސަލަ ހުށަހެޅުމުން ފަނޑިޔާރުގެ ބަހަކަށްވެސްވީ ހަމަ ކުއްޖާގެ ބަހެވެ. އެހިސާބުން ކުދިސިޙުރުވެރިންގެ ބައަކު ތައުބާވިއެވެ. ބޮޑެތި ޞިޙުރުވެރިން ބުނީ ތައުބާނުވާނެ ކަމަށާއި އެމީހުން ތިބީ ޙައްޤުގޮތުގައި ކަމަށެވެ. އެހެން ބުނުމުން ތައުބާނުވި މީހުން މަރަން ފަނޑިޔާރު ޙުކުމްކުރިއެވެ.
މިއީ ކުރީ ޒަމާނުގައި ހިނގާފައިވާ މިފަދަ ކަންކަމުގެ ވާހަކަތައް ލިޔެފައިވާ ފޮތަކުން އަޅުގަނޑު ކިޔާފައިވާ ވާހަކައެކެވެ. ޞިޙުރުވެރިންނާއި ފާލަބަލާމީހުންގެ އެހީތެރިކަން ހޯދާ މީހުންނަށް އަދި އެންމެންނަށްވެސް މިއީ ޢިބްރަތްތެރިވާހަކައަކަށްވާތީ މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކޮށްލީއެވެ.
- އިބްރާހީމް / މިއަދުނޫހުގެ ކިޔުންތެރިއެއް