އެއީ ވަރަށް ތަނަވަސް މީހެކެވެ. މިލިއަނަރުން ފެންވަރުގެ މީހެކެވެ. ކައިވެނިކޮށްގެން 5 ވަނަ އަހަރު އަނބިމީހާ ނިޔާވިފަހުން 4 ކައިވެނިކޮށްގެންވެސް ފޭލްވަނީއެވެ. ބޭވަފާތެރިވުމުގެ މައްސަލަތަކުގައެވެ.
އޭނާއަށް ވަރަށް ވަފާތެރި ކާދިމާއެއް ހުރެއެވެ. ޞާޙިބްމީހާ އަބަދު ދެރަވެފައި އިންނާތީ އޭނާ ޚިޔާލެއް ދިނެވެ. "ޞާޙިބްމީހާއެވެ. އަޅުގަނޑުގެ ޚިޔާލެއް އެބައޮތެވެ. އެއީ އަޅުގަނޑަށް ވިސްނޭގޮތުން އަނބިން އެގޮތަށް ބޭވަފާތެރިއެވަނީ ޞާޙިބާދެކެ ލޯބިނުވެ ޞާޙިބާގެ ތަނަވަސްކަންދެކެ ލޯބިވެގެން ކައިވެނިކުރާތީއެވެ. ގޮތް ބަލައިލަންވެސް ފަޤީރަކަށް ހެދިގެން އަނަހެނަކު ދެކެ ލޯބިވެބަލާށެވެ! އިރާދަކުރެއްވިއްޔާ ރަނގަޅު ގޮތެއް މެދުވެރިވެދާނެއެވެ."
އޭނާގެ ބަސް ޤަބޫލުކޮށްގެން ފަޤީރަކަށް ހެދިގެން ލޯބިވެރިއަކު ހޯދަން މަސައްކަތްކުރަމުން ދަނިކޮށް އެފަދަ އަންހެނަކާއި ބައްދަލުވެ ގުޅުން އުފެއްދިއެވެ. އޭނާ ގާތުގައި ބުނީ އޭނާއުޅެނީ އޭނާގެ ވެރިމީހާގެ ގޭގައިކަމަށެވެ. އެހެންބުނުމުންވެސް އޭނާގެ އެއްވެސް މައްސަލައެއް ނެތެވެ. ގެއަށް އައިސް ބައްދަލުކުރިއެވެ.
ދެމީހުން ވާހަކަދައްކަން ތިއްބާ "ގޭގެ ވެރި ތަނަވަސް މީހާ" ބޭރަށްދަމުން ދެމީހުންނާއި ބައްދަލުކުރެއެވެ. އަތުގައި ފައިސާހުރިތޯ ސުވާލުކުރުމުން ބުނީ އެއްވެސް ފައިސާއެއް ނެތް ކަމަށެވެ. ދެން އެމީހާ ފައިސާކޮޅެއްދީފައި ދިއުމުން ލޯބިވެރިޔާއަށް އެފައިސާކޮޅު ދިނުމުން ނުހިފައި ބުނީ ތީބެ ބޭނުން ކަލާއަށް މާބޮޑުކަމަށެވެ.
އެހިސާބުން ފުރަތަމަ އިމްތިޙާނުން ފާސްވިއެވެ. އިތުރަށް އިމްތިޙާންކުރުމަށްޓަކައި "ގޭގެ ވެރި ތަނަވަސް މީހާ" ލޯބިވެރިޔާގެ ގެއަށް ފޮނުވައެވެ. އޭނާ ބުނީ އޭނާ މިއައީ އޭނާއަށް އަނހެންމީހާ ރީތިވިކަމުން ކައިވެނިކުރަން ބޭނުންވެގެންކަމަށެވެ. ކައިވެނިކޮށްފިނަމަ ބޭނުންހައި ކަމެއްކޮށްދީގެން އުފަލުގައި ގެންގުޅޭނެ ކަމަށެވެ. އެވާހަކަބުނާއިރަށް އިތުރަށް ބަހެއްވެސް ނުބުނެ ފުރަގަސްދީފައި ދިއައީއެވެ.
ދެވަނަ އިމްތިޙާނުން ފާސްވީއެވެ. އެވަރުންވެސް ނުފުދިގެން 3 ވަނަ އިމްތިޙާނަށް "ގޭގެ ވެރި ތަނަވަސް މީހާ" އޭނާއާއި ބައްދަލުކުރީ ކާރުގެ ފަހަތު ސީޓުފުރެންދެން ފައިސާ ބަންޑެލިތަކެއް އަރުވައިގެން ގޮހެވެ. ފައިސާތައް ދައްކާފައި މިއީ މައިންބަފައިންނަށް ގެނައި ހަދިޔާއެއް ކަމަށްބުނެ ވާހަކަތައް ދެއްކުމުން ބުނީ އޭނާގެ ލޯބިވެރިއަކު އެބަހުރިކަމަށާއި އޭނާއާއި ނޫނީ ކައިވެނިނުކުރާނެ ކަމަށެވެ. އޭނާއަކީ ފަޤީރަކަށްވުމުން ދެރަނުވާކަމަށެވެ.
ތިންވަނަ ޓެސްޓުން ފާސްވީއެވެ. ހަތަރުވަނަ އަދި ފައިނަލް ޓެސްޓަކަށް ދެލޯބިވެރިން ބައްދަލުވެ ދެކެވުނު ވާހަކައެއްގައި "ގޭގެ ވެރި ތަނަވަސް މީހާ"ގެ ހުރި ތަނަވަސްކަމާއި އޭނާއާއި ކައިވެނިކުރުމުން ލިބޭނެ ތަނަވަސްކަމުގެ ދެއްކިއެވެ. އަޑުއަހަން އިނދެފައި އަންހެންމީހާ ބުނީ ތިއަޒާތުގެ ވާހަކަ ތިއަދައްކަނީ އޭނާދެކެ ލޯބިނުވާތީކަމަށެވެ. ތަނަވަސްކަމާއި ލޯތްބަކީ މުޅިން ތަފާތު ދެކަމެއް ކަމަށާއި އެއީ މަސްހުނިކުރެވޭނެ ދެކަން ނޫން ކަމަށެވެ.
ހަތަރުވަނަ އަދި ފައިނަލް ޓެސްޓުން ފާސްވީއެވެ. ދެމީހުން އެކުގައި ރެސްޓޯރަންޓުގައި ވާހަކަދައްކަން 2 ގަޑިއެއްހައިއިރު ތިބެފައި ފިރިހެން މީހާގެ ގެއަށް ދިއައިރު ކަމަކުދާކަށް ނެތެވެ. ގެ އޮތީ ކައިވެންޏަށް ތައްޔާރުކޮށްފައެވެ. އަނހެންުންތަކެއް އައިސް އަނހެންމީހާގެ އަތުގައި ހިފައިގެން ކޮޓަރިއަކަށް ގެންގޮސް ފެންވަރުވައި ނަލަހައްދުވައި ކައިވެނީގެ ހެދުން އަޅުވައިގެން ސިޓިންގރޫމަށް ގެނައިއިރު ފިރިމީހާ ހުރީ ލައިގެންހުރި ބައުހެދުން ބާލައި ކައިވެންޏަށް ފުރިހަމައަށް ތައްޔާރުވެގެންނެވެ. އެއިރަކުވެސް އަދި ކައިވެނިކުރެވެން މިއުޅެވެނީ މިލިއަނަރާއިކަމެއް ނުއެނގެއެވެ. ހީކުރީ "ގޭގެ ވެރި ތަނަވަސް މީހާ" ކަންކަން އިންތިޒާމުކޮށްދިނީކަމަށެވެ. އެއިރުން އަންހެންމީހާގެ މައިންބަފައިންނާއި ޢާއިލާގެ މީހުންވެސް ތިބީ ގެނެސްފައެވެ.
ކައިވެނިކޮށްނިމިގެން ކަންކަން ހަމައަކަށް އެޅުނު ފަހުން "ގޭގެ ވެރި ތަނަވަސް މީހާ" އައިސް ހުރިހާ ވާހަކަތަކެއް ކިޔައިދިނެވެ. އޭނާއަކީ ޞާޙިބް މީހާގެ މުވައްޒިފެއް ކަމަށާއި އެއީ ކުރެވުނު 2 އިމްތިޙާނުކަން ކިޔައިދިނުމުން އަންހެންމީހާ އިންތިހާއަށް ޙައިރާންވިއެވެ.
އޭނާއަށް ހިތުގެ އަޑިން ލޯބިވވިގެން ކައިވެނިކުރި ފަޤީރު މީހާއަކީ މިލިއަނަރުކަން އެނގުމުން ބުނީ ފަޤީރަސް މިލިއަނަރަކަސް ލޯބި އެއީ ބަދަލުވާނެ އެއްޗެއް ނޫން ކަމަށެވެ. ފަޤީރަކަށްވީނަމަވެސް އެކުގައި ހަމައުފަލުގައި ދިރިއުޅޭނެ ކަމަށެވެ. ކައިވެނިކުރީ އެކަން ޤަބޫލުކޮށްގެން އެގޮތަށް ދިރިއުޅެން ކަމަށެވެ.
މިއީ އަޅުގަނޑު ބަލާފައިވާ ފިލްމެއްގެ ކުރު ޚުލާޞާއެކެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ މިއީ ފިލްމަކަށްވީނަމަވެސް މިއީ ވަރަށް ޢިބްރަތްތެރިވާހަކައެއް ކަމަށެވެ. މިޒަމާނުގައި ގިނައީ ތަނަވަސްކަމަށް ލޯބިވާ އަންހެނުން ނަމަވެސް އެއީ އަދި ހުރިހާ އަންހެނުން ނޫން ކަމަށެވެ. ފައިސާއަށް ލޯބި ވިއްކައިނުލާނެ އަންހެނުންވެސް އެބަތިބިކަން ޤަބޫލުކުރަންޖެހޭނެ ކަމަށެވެ.
- ޒިހްޝާން / މިއަދުނޫހުގެ ކިޔުންތެރިއެއް