ހިތްހަމަޖެހިގެން ލޯބިން އެންމެ އުފަލުގަ އުޅެވެނީ ކުށް ޤަބޫލުކޮށް މާފަށް އެދޭ ދެމަފިރިންނަށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
ހިތްހަމަޖެހިގެން ލޯބިން އެންމެ އުފަލުގަ އުޅެވެނީ ކުށް ޤަބޫލުކޮށް މާފަށް އެދޭ ދެމަފިރިންނަށެވެ!

މިއަދު އެންމެ ގިނައިން އިވޭއަޑަކީ ކައިވެންޏަށްފަހު މައްސަލަތައްޖެހި ލޯބިގެއްލި ކަންކަން ގޯހުން ގޯހަށް ބަދަލުވަމުންދާ ވާހަކައެވެ. އއެގޮތަށް އެކަންކަން މެދުވެރިވާ ސަބަބުތަކާއިމެދު ވިސްނައިލެވެނީ ވަރަށް މަދުންނެވެ. ވަރަށް މަދު މީހަކަށެވެ. 

ދެމަފިރިންގެ ލޯބި އިތުރުކުރަން އެންމެ ފަސޭހަ އެއް މަގަކީ އެކަކަށް އަނެކަކު އިޙްތިރާމްކުރުމެވެ. ދިރިއުޅުމުގެ ކަންކަމުގައި ދެމީހުންނަކީވެސް ހަމަހަމަ ދެ މީހުންނެވެ. ޢާއިލާގެ އިސް މީހެއް ކަމުގައި ފިރިމީހާވުމަކީ އަނބިމީހާ ނުރުހޭ ކަންކަން ކުރަން ހުއްދަ ލިބޭ ސަބަބެއް ނޫނެވެ. "އިސް މީހާ" އެއީ ފިރިމީހާގެ ކިބައިގައި އޮންނަ މަސްއޫލިއްޔަތަށް ކިޔާނަމެކެވެ. އެ މަސްއޫލިއްޔަތު އަދާކުރުމުގައި ނަމޫނާ ދައްކާށެވެ! އެއިރުން އަނބިމީހާގެ ކިބައިން ވެސް ދާނީ އެކަން ފެންނަމުންނެވެ! 

އެންމެ ބޮޑު އެއްމަސައްލައަކީ ކުރެވޭ ކުށްތަކަށް އިޢްތިރާފް ނުވުމެވެ. ފުރަތަމަ ކަމަކީ ކުރެވޭ ކުށްތަކަށް އިޢްތިރާފް ނުވާނަމަ އެ ބަންދުކުރެވެނީ ސުވަރުގެ ދެވެން އޮތް މަގެވެ. ދެވަނަކަމަކަށް ކުރެވޭ ކުށް ނުވަތަ ފާފަ ނުކުރާ ކަމަށް ބުނުމުން އެހެދެނީ ދޮގެކެވެ. އެއީ ކުރެވޭ އިތުރު ފާފައެކެވެ. ވީމާ ފާފައެއް ކުރެވުނު ނަމަވެސް ޢާއިލާއަށް ކުށެއް ކުރެވުނު ނަމަވެސް އަދި އިޢްތިރާފްވެ އަވަހަށް މާފަށް އެދޭށެވެ! 

ފާފައެއް ކުރެވިއްޖެ ނަމަ އޮތީ ވީހައި އަވަހަކަށް ތައުބާވެ ހެޔޮ އަމަލުކުރުން ގިނަކުރުމެވެ. ޢާއިލާއަށް ކުށެއް ކުރެވިއްޖެ ނަމަ ވެސް އަވަހަށް އިޢްތިރާފްވާށެވެ! އަދި ކުރެވުނު ކުށުގެ ބަދަލުގައި ހެޔޮކަމެއް ކޮށްދޭށެވެ! އެއިރުން ދާނީ ލޯބި އިތުރުވަމުންނެވެ. އިތުބާރުވެސް ބޮޑުވަމުންނެވެ. 

ޢާއިލާއަށް ކުރެވޭ ކުށުގެ ތެރޭގައި އަނބިމީހާ ނުވަތަ ފިރިމީހާ ނުރުހޭ ކަންކަން ހިމެނެއެވެ. މަނާކޮށްފައިވާ ކަންކަން ހިމެނެއެވެ. ދެމަފިރިންނަށް އެކުގައި ލޯބިން ދިރިއުޅެވޭނީ އެކަކު މަނާކުރާ، ނުރުހޭ ކަންކަމަށް އަނެކަކުވެސް އިޙްތިރާމްކުރުމުންނެވެ. އެކަންކަން ނުކުރުމުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން