ކިތަންމެ ހެޔޮނަމަވެސް އަނބިދަރިންނާއެކު ވަގުތު ހޭދަކުރަން ހުރަސް އަޅައި ކޮފީމޭޒުދޮށުގަ ހިފަހައްޓާނަމަ އެއީ ދުޝްމިނެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 52ސ
ކިތަންމެ ހެޔޮނަމަވެސް އަނބިދަރިންނާއެކު ވަގުތު ހޭދަކުރަން ހުރަސް އަޅައި ކޮފީމޭޒުދޮށުގަ ހިފަހައްޓާނަމަ އެއީ ދުޝްމިނެއް!

ކޮންމެ ރައްޓެއްސަކީވެސް ތަފާތު މީހެކެވެ. ބައެއް ރައްޓެހި ރަޙްމަތްތެރިންގެ ތެރޭގައި ވަރަށް ހެޔޮ މީހުން އުޅެއެވެ. ނަމަވެސް އެފަދަ ބައެއް މީހުން ރަޙްމަތްތެރިޔާގެ އާއިލީ ގުޅުން ދަމަހައްޓަން ހިތްވަރުދީ ވާގިވެރިވެ އެހީތެރިވެދިނުން ފަދަ ކަންކަމެއް ނުކުރެއެވެ. އަދި ޢާއިލީ ގުޅުމަށް ބުރޫއަރާނެ ކަންކަމަށް ވާގިވެރިވެސް ވެއެވެ. އެފަދަ މީހަކީ ތިމާއަށް ކިތަންމެ ހެޔޮ މީހަކު ނަމަވެސް ޙަޤީޤަތުގައި އެއީ ދުޝްމިނެކެވެ. އެފަދަ މީހުންނާއި އޮތީ ދުރުހެލިވުމެވެ.

އެހެނީ އިންސާނާގެ ދިރިއުޅުމުގެ އެންމެ މުހިންމު ބާރަކީ ޢާއިލީ ދިރިއުޅުމެވެ. ހަމަޖެހޭ ޢާއިލީ ދިރިއުޅުމެއް ނެތް މީހަކީ ޒަވާޖީ ޙަޔާތެއް އޮތް ނަމަވެސް ޙަޔާތުގައި އެއްވެސް ދިރުމެއް ނެތް މީހެކެވެ. ކުރިއެރުން މަރުވެފައިވާ މީހެކެވެ.

އެހެންކަމުން އެފަދަ މީހުންގެ ދިރިއުޅުން ބައެއް ޢިލްމުވެރިން ސިފަކުރައްވަނީ ނާމާންކަމުން ފުރިގެންވާ ކަށިކުނބުރު ޖަންގައްޔެއްގެ ގޮތުގައެވެ. އެއަތަށް ޖެހިލި ނަމަވެސް މިއަތަށް ޖެހިލި ނަމަވެސް ކަށިހެރިހެރި ހުންނަ ފަދަ ހާލަތެއްގައި ދުނިޔޭގައި އުޅެން ޖެހިފައިވާ މީހެއްގެ ގޮތުގައެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އެއްވެސް މީހަކީ ތިމާއަށް ހެޔޮ އެދޭ މީހަކު ނަމަ އެންމެ ބޮޑު ސަމާލުކަމެއް ދޭނީ ޢާއިލީ ގުޅުން ބަދަހިކުރަން އެހީތެރިވުމަށެވެ. ޢާއިލާ އާއިއެކު ވީހައި ގިނަ ވަގުތު ހޭދަކުރަން ފުރުޞަތު ފަހިކޮށްދިނުމަށެވެ. ތިބާ ގޮވައިގެން ކޮފީމޭޒުތަކުގައާއި އެނޫންވެސް ކަންކަމުގައި ވަގުތު ބޭކާރެއް ނުކުރާނެއެވެ. ބަލާނީ ތިބާ ވީހައި އަވަހަށް ޢާއިލާ ގާތަށް ފޮނުވޭތޯއެވެ! އެގޮތަށް އެކަން ނުކުރާނަމަ އެމީހަކީ ތިބާގެ ވެސް ތިބާގެ އަނބިދަރިންގެވެސް ބޮޑު ދުޝްމިނެކެވެ.

މުހިންމު ކަމަކު އެކުގައި ބޭރުގައި ވަގުތުކޮޅެއް ހޭދަކޮށްލިނަމަވެސް އެކަމެއް ވީހައި އަވަހަކަށް ނިންމައި ތިބާ ޢާއިލާ ގާތަށް ފޮނުވަން ބާރުއަޅާނަމަ އެއީ ރަނގަޅު އެކުވެރިއެކެވެ. ހެޔޮއެދޭ މިތުރެކެވެ. އެފަދަ އެކުވެރިން އަބަދުވެސް ބާރުއަޅާނީވެސް ޢާއިލީ ގުޅުން ބަދަހިކުރުމަށެވެ. އަދި އެކަމުގައި އެހީތެރިވެސް ވާނެއެވެ! ހެޔޮ އެދޭދޭ ޙަޤީޤީ އެކުވެރިންނަކީ ހަމަ އެއީއެވެ. އެފަދަ މީހަކީ ހަމަ ޚަޒާނާއެކެވެ. ނަމަނަމަ ދޫކޮށްނުލާށެވެ!

ޢާއިލީ ގުޅުމަށް ރަސޫލް (ﷺ) ދެއްވެވި ސަމާލުކަމުން ޢިބްރަތް ޙާޞިލުކުރާށެވެ! ރަސޫލް (ﷺ) ޙަޔާތްޕުޅުގެ ވަގުތުތައް ހޭދަ ކުރެއްވެވިގޮތް ނަމޫނާއަކަށް ބަލާށެވެ! ދިރިއުޅުން އުފާވެރިކޮށް އުޖާލާ ކުރެވޭނީ އެއިރުންނެވެ.

އަނބިދަރިންނަށް ބޭނުންވާނީ ގެއަށް އައިސް ދައްކާ މޮޅު ވާހަކަތަކެއް ނޫނެވެ. އެކުގައި ވަގުތުހޭދަކޮށް ލޯބިދިނުމެވެ. އެކަން ނުކުރެވޭމީހާއަށް އެދެވެނީ ޢާއިލާއާއި ދުރަށެވެ. ވަކިހިސާބަކުން އެކުގައި ގެއްލޭނެއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން