ޙަޤީޤަތުގަ އެންމެ ރީތި އަނބިންނަކީ އަދި ފިރިންނަކީ ކޮބާ؟ ޔަޤީނުންވެސް ބޭރުފުށުގެ ސިފަ ރީތިވުމެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ޙަޤީޤަތުގަ އެންމެ ރީތި އަނބިންނަކީ އަދި ފިރިންނަކީ ކޮބާ؟ ޔަޤީނުންވެސް ބޭރުފުށުގެ ސިފަ ރީތިވުމެއް ނޫން!

އުފާވާޒާތުގެ ހުވަފެން ފެނުމުންވެސް އަދި އެފަދަ ޚިޔާލުތައް ކުރެވުމުންވެސް ހިނިތުންވެވެއެވެ. ހިތަށް އުފާވެރިކަންވެސް އިޙްޞާޞްކުރެވެއެވެ. ނަމަވެސް އެއީ ޙަޤީޤީ އުފާވެރިކަމަކަށް ނުވާނެ ނޫންހެއްޔެވެ؟ ވީމާ އިތުރަށް ވިސްނާލަމާ ހިނގާށެވެ!  

ދުނިޔޭގެ އެންމެ މުއްސަނދި މީހާ ކަމަށް ވެވުނު ނަމަވެސް ދުނިޔޭގެ އެންމެ ރީތި އަނބިން ނުވަތަ ފިރިން ލިބުނު ނަމަވެސް އެކަމުން ޙާޞިލުކުރެވޭނެ އެއްވެސް ޙަޤީޤީ އުފަލެއް ނެތެވެ! އެކަން ވާނީ ބަލައިލެވޭ ފިލްމަކަށެވެ. ފެންނަ ހުވަފެނަކަށެވެ! 

އިންސާނާއަށް ޙަޤީޤީ އުފާވެރިކަމެއް ޙާޞިލުކުރެވުނުކަމަށްވާނީ ނަރަކައިން ސަލާމަތްވެވި ސުވަރުގެ ވަދެވޭ އަޅަކު ކަމުގައި ވެވިއްޖެ ނަމައެވެ. 

އެހެނީ ކޮންމެ މީހަކުވެސް މަރުވާނެއެވެ! މަރުވުމުން ދުނިޔޭގައި އެއްކުރި ޚަޒާނާތަކުގެ އެއްވެސް ބޭނުމެއް ނުހިފޭނެއެވެ! ބަލައިލި ފިލްމް ފަދައިން ނުވަތަ ފެނުނު ހުވަފެން ފަދައިން ގެއްލި ދިއައީއެވެ. ޙަޤީޤީ ފައިދާއެއް ކުރާނީ ﷲ ތަޢާލާ ދެއްވެވި ތަނަވަސްކަމުގެ ބޭނުން ﷲ ތަޢަލާ އަންގަވާފައިވާ ގޮތުގައި ހިފިނަމައެވެ. ޒަކާތް ދައްކައި ޞަދަޤާތްދީފައިވާ ނަމައެވެ. މަދު މިންވަރެއް ފިޔަވައި އަތުގައި ނުބަހައްޓައި ޞަދަޤާތްކޮށް ހުސްކުރި ނަމައެވެ. 

އަނބިންގެ ރީތިކަމުން ފައިދާއެއް ކުރާނީ ތިބާއަށް ލިބުނު އާމްދަނީން ފުއްދަން އެހީތެރިވެ ލިބުނު ދަރިންނަކީ ﷲ ތަޢާލާއަށް ބިރުވެތިވާ ދަރިންގެ ގޮތުގައި ތަރުބިއްޔަތުކުރެވުނު ނަމައެވެ. ﷲ ތަޢާލާއަށް އަޅުކަން ކުރަން ތިބާއަށް ވާގިވެރިވެފައިވާ ނަމައެވެ. ފިރިންގެ ރީތިކަމުން ފައިދާއެއް ކުރާނީ ދެމަފިރިން އެކުގައި ސުވަރުގެ ދިއުމަށް ގަދައަޅައި މަސައްކަތްކޮށްފައިވާ ނަމައެވެ. 

މި ކަންކަން ޙާޞިލުކުރަންވެސް ފިރިންގެ ނުވަތަ އަނބިންގެ ގޮތުގައި ކޮންމެހެން ދުނިޔޭގައި ތިބި އެންމެ ރީތި އަންހެނުން ނުވަތަ ފިރިހެނުން ހޯދާކަށް ނުޖެހެއެވެ! 

ވީމާ ތަނަވަސްކަން އިތުރުވުމާއި އަނބިން، ފިރިން ރީތިވުމުގެ ފައިދާ ޙަޤީޤަތުގައި ތިމާއަށް ކުރާނެ ގޮތަށް މަސައްކަތްކުރާށެވެ! ނޫން ނަމަ ތަނަވަސްކަން އިތުރުވުމާއި ރީތި ބައިވެރިން ލިބުމަކީ އެއްވެސް އުފަލެއް ނޫނެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

 

 

މިއަދު އޮންލައިން