އެ 2 މީހުން ވެސް ކައިވެނިކުރީ ވަރަށް ލޯބިން އެކުގައި އެތައް ދުވަހަކު އުޅުމަށްފަހުގައެވެ. ކައިވެންޏަށްފަހު ފުރަތަމަ 2 އަހަރުވެސް ހޭދަކުރީ ވަރަށް ލޯބިންނެވެ. ނަމަވެސް 3 ވަނަ އަހަރު ފިރިމީހާ އިތުރު ލޯބިވެރިން ގެންގުޅެން ފަށައިފިއެވެ. 1، 2 ވެސް ނޫނެވެ. 3،4 އެވެ. އޭނާއަކީ ތަނަވަސް މީހަކަށްވުމުން އެއީ އެއްވެސް މައްސަލައަކަށް އޭނާއަކަށް ނުވެއެވެ.
ނަމަވެސް އަނބިމީހާ ދިއައީ ކަރުނައަޅައި ރޮމުންނެވެ. ކެތްތެރިވާން ަމސައްކަތްކުރާވަރަކަށް ނަފްސްދިއައީ ބަލިކަށިިވަމުންނެވެ. އެފަދަ ޙާލެއްގައި އުޅެމުން ގޮސް އެއްދުވަހު ބޭރުން ގެއަށް އައިއިރު ފިރިމީހާ އޮތީ ލޯބިވެރިއަކު ގޮވައިގެން އެނދުގައެވެ.
ބާރަށް ރޮއިގަނެވުނެވެ. ތިއަގޮތަށް ކަންތައް ކުރުމަކީ އިންޞާފުތޯ އަނބިމީހާ ސުވާލުކުރުމުން ފިރިމީހާ ބުނީ އިންޞާފަކީ މީހާގެ ހިތްހަމަޖެހުން ކަމަށާއި އޭނާ ހުރިހާ ކަމެއްވެސް ކުރަނީ ވަރަށް އިންޞާފުން ކަމަށެވެ. އަދި އަނބިމީހާ ހުރީ ވަރިކޮށްފައި ކަމަށާއި ހަމަ ވަގުތުން ގެއިން ނުކުމެގެން ދިއުމަށެވެ. އެހެން ބުނުމުން ލޯބިވެރިޔާ އުފަލުން އޭނާގެ ގައިގައި ބައްދައި އަނބިމީހާގެ ކުރިމްތީގައި ދޮންދީ ހެދިއެވެ. އަނބިމީހާ ރޮމުން ރޮމުން ނުކުމެގެން ދިއައީއެވެ.
ދެމީހުން ކައިވެނިކުރިއެވެ. ހައަކަމަސްފަހުން އަނބިމީހާ ގެއަށް އައިއިރު ހަމަ އެނދުގައި ފިރިމީހާ އޮތީ އެހެން ލޯބިވެރިއަކު ގޮވައިގެންނެވެ. އަނބިމީހާއަށް ކުރެވުނީ ހަމަ އެއް ސުވާލެކެވެ. " ތިއަގޮތަށް ކަންތައް ކުރުމަކީ އިންޞާފުތޯ؟"އެވެ. ފިރިމީހާގެ ޖަވާބަކަށްވީ ވެސް ހަމަ އެއް ޖަވާބެކެވެ. އިންޞާފަކީ މީހާގެ ހިތްހަމަޖެހުން ކަމަށާއި އޭނާ ހުރިހާ ކަމެއްވެސް ކުރަނީ ވަރަށް އިންޞާފުން ކަމަށެވެ. އަދި އަނބިމީހާ ހުރީ ވަރިކޮށްފައި ކަމަށާއި ހަމަ ވަގުތުން ގެއިން ނުކުމެގެން ދިއުމަށެވެ.
އެވަގުތު އަނބިމީހާ ތިއައީ ޖަންގަލީގެ އިންޞާފުކަމަށްބުނެ ފިރިމީހާގެ ގައިގައި ތަޅައިގަންނަން މަސައްކަތްކުރުމުން އެކަން ހުއްޓުވާފައި ފިރިމީހާ ބުންޏެވެ. "ބަލަ މިއަދު މިޖަވާބު ދިނީމާ ރުޅިގަދަވެ ތަޅައިގަންނަން ތިއައުޅެނީ ކީއްވެގެން ހެއްޔެވެ؟ މީގެ ދުވަސްކޮޅެއްކުރިން ކުރީގެ އަނބިމީހާ ހަމަ ތިއަ ސުވާލުކުރުމުން ހަމަ މިޖަވާބުދިނުމުން އަހަރެންގެ ގައިގައި ބައްދައި ދޮންދިނީ ކަލެއް ނޫންހެއްޔެވެ؟ މިއަދުވެސް އަހަރެން ހީކުރީ ހަމަ އެގޮތަށް ބައްދާލާފައި ދޮންދޭންފަށާނެ ކަމަށެވެ."
އަނބިމީހާ ހުއްޓުމަކަށް އައެވެ. ބަސްހުއްޓުނެވެ. ތަލިން ކުޅުހިކުނެވެ. ފިރިމީހާ އެބުނީ ހަމަ ޙަޤީޤީ ތެދަކަށްވާތީއެވެ. އެހެންވެ އަނގައިންވެސް ނުބުނެ ހުރެ ރޮމުން ގެއިން ނުކުމެގެންދިއައީއެވެ. ތިމާ ފޭއްސި އިލޮށިގަނޑު ތިމާގެ ލޮލަށް ހެރުނީއެވެ. ހެރުމުންވާނެތަދު އިޙްޞާޞްކުރެވުނެވެ. އެހެން މީހުންގެ ދިރިއުޅުމުގެ ތެރެއަށް ވަދެގަތުމުން އަނިޔާލިބޭ އަނބިމީހާއަށް ކުރާނެ އަސަރު އިޙްޞާޞްކުރެވުނެވެ.
މިއީ އަޅުގަނޑުގެ ވަރަށް ގާތް އެކުވެރި އަންހެން ކުއްޖަކަށް ވަރަށް ފަހުން ދިމާވި ކަމެކެވެ. އޭނާ މޮޔަނުވެ ސަލާމަތްވީވެސް ހަމަކިރިޔާއެވެ. ހުރިހާ އެކުވެރިން އެކަމަށްޓަކައި ކުރި މަސައްކަތުންނެވެ.
މިވާހަކަކޮޅު ކިތަންމެ ކުރުނަމަވެސް މިއީ ދެމަފިރިންގެ ދޭތެރެއަށް ވަދެގަންނަ އަންހެނުންނަށް ވަރަށް ގިނައިން ކުރަންޖެހޭ ތަޖުރިބާއެކެވެ. ޤަޞްދުގައި ވާހަކަކުރުކޮށްލީއެވެ. މިގެނެސްދިނީ މިހާދިސާއިން ލިބޭ ޢިބްރަތުގެ މެސެޖް އެކަންޏެވެ.
އަޅުގަނޑަށް އެނގޭ މިފަދަ ހުރިހާ ހާދިސާތަކެއްގައިހެން ކޮންމެވެސް ސިފައެއްގައި ކަންކަން ހިނގާފައި ހުންނަނީ ހަމަ މިފަދަ ގޮތަކަށެވެ. ހިނގާގޮތް ތަފާތުވެދާނެއެވެ. ތިމާފަދަ އެހެން އަންހެނަކު ރޮއްވާފައި އުފަލުގައި އުޅެވުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ބޭރަށް ނުދެއްކި ނަމަވެސް އަބަދުހެން ހުންނަން ޖެހެނީ ކަރުނަ އަޅައަޅައެވެ.
އަޅުގަނޑުގެ މިބަސްކޮޅުން މިއަދުނޫހުގެ ކިޔުންތެރިންނަށް ފައިދާއެއް ކުރާނެކަމަށް އުންމީދުކުރަމެވެ.
- ޝަޒްލާ / މިއަދުނޫހުގެ ކިޔުންތެރިއެއް