ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ކަންބޮޑުވާނެ އެއްކަމަކީ ރިޒްޤު ލިބުމަށް ދަތިވުމެވެ. އެހެނީ ކެއިން ބުއިމަކީ ދިރިހުރުމުގެ އެންމެ ބޮޑު އަސާސެވެ. ތިމާ ކުރަންޖެހޭ ކަންކަން ކުރެވޭނީ ގައިގައި ބާރުހުރެގެންނެވެ. ގައަށް ބާރުލިބޭނީ ކާންބޯން ލިބިގެންނެވެ.
ހަމައެފަދައިން ކޮންމެ މީހަކުވެސް އެންމެ ދެރަވާނީ ތިމާގެ ބެލުމުގެދަށުގައިވާ އަނބިދަރިންނަށާއި މައިންބަފައިންނަށް އަދި އެނޫންވެސް މީހުންނަށް ކާންބޯން ނުދެވޭނަމައެވެ. ބަނޑުހައިވެގެން ދަރިން ރޯއަޑު އިވޭނަމައެވެ.
"ދުވަހުގެ ރިޒްޤް ތަނަވަސްވެ އިތުރުވުމަށް އެދޭ މީހާ ފުރަތަމަކަމަކަށް ފަރުޟުނަމާދުތަކަށް ރައްކައުތެރިވާށެވެ. ޚާއްޞަކޮށް ފަތިސްނަމާދުގެ އިހުސުންނަތާއި ފަތިސްނަމާދު ޖަމާޢަތުގައި ކުރަން މަސައްކަތްކުރާށެވެ! ކަންނެތްވެ ނިދަން ނުއޮވެ ނިދީން ހޭލައި ދަމުނަމާދުކޮށް ދުޢާކުރާށެވެ!"
އަދި ކީއްހެއްޔެވެ؟ ނަމާދުގެ އިހު ސުންނަތާ އިމާމް މީހާގެ ޤަމަތާ ދޭތެރޭ އެ ލިބެނީ ވެސް ދުޢާ ކުރަން ރަނުގެ ފުރުޞަތެކެވެ! އަދި ފަތިސް ނަމާދަށްފަހު ވެސް ދުޢާ ކުރާށެވެ! ޤުރްއާން ކިޔެވުމުން ދުވަސްފަށާށެވެ! ހިންމަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ
ﷲ ތަޢާލާގެ ރަޙްމަތް އިތުރުވުމަށް އެދޭމީހާއަށް އޮތީ ވީހައި ގިނައިން ހެޔޮ ޢަމަލުތައް ކުރުމެވެ. އެކަލާނގެ ރުހިވޮޑިގަތުން ހޯދަން ގަދައަޅައި މަސައްކަތްކުރުމެވެ. އެމަސައްކަތުގައި ހީވާގިވީވަރަކަށް ނިޢްމަތްތައް އިތުރުކުރައްވަވައިދެއްވަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން