ޢަލީ އިޙްޞާން ފިރާޤް
ސުލްޠާން މުރާދުޚާން ގެފުޅު ބިނާކުރެއްވުން:
ހިޖްރައިން 1039 ވަނަ އަހަރުގެ ޝަޢުބާންމަހުގެ 19 ވީ ބުދަ ދުވަހުގެ ތެރޭގައި މައްކާއަށް ވަރަށް ބޮޑު ވިއްސާރަގަނޑެއް އައެވެ. އެދުވަހު ވެހެން ފެށި ވާރޭ މެދުކެނޑުމެއްނެތި، ބުރާސްފަތި ދުވަހުގެ ހަވީރާ ހަމައަށް ވެހުނެވެ. އެއީ އޭގެ ކުރިން މައްކާއަށް ނުވެހޭ ވަރަށް ވާރޭ ވެހި ފެންބޮޑުވި ފަހަރެކެވެ. އެފަހަރު ވާރޭ ވެހި ކަޢުބާގެ ފާރުގެ މެދާ ހަމައަށް ފެންބޮޑުވިއެވެ. އޭގެ ސަބަބުން ގެފުޅުގެ ފާރުކޮޅުތައް ވެއްޓިއްޖެއެވެ.
އޭރު އިސްލާމީ ދުނިޔޭގެ ވެރިކަން ހިންގަމުން ގެންދިޔައީ ޢުޘްމާނީ ޚިލާފަތުންނެވެ. އެދުވަސްވަރު ރަސްކަލެއްކަމުގައި ހުންނެވީ ސުލްޠާން މުރާދުޚާން އައްޘާނީއެވެ. އެމަނިކުފާނު ވަރަށް ޚާއްޞަ ސަމާލުކަމެއްދެއްވައިގެން އަލުން ކަޢުބާ ބިނާކުރެއްވިއެވެ. ގެފުޅަކަށް އެއްވެސް އުނިއިތުރެއް ނުގެންނަވައެވެ. މި މަސައްކަތްކޮށް ނިމުނީ، ހިޖްރައިން 1040 ވަނަ އަހަރުގެ ތެރޭގައެވެ. މިހާރު ފެންނާން މިހުރީ އެމަނިކުފާނު ކުރެއްވި ބިނާއެވެ.