ކިތަންމެ ގިނައިން އެކައުންޓަށް ޖަމާކުރިޔަސް ގިނަނުވަނީތަ؟ މައްސަލަ ހައްލުކުރަން ބޭނުންތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ކިތަންމެ ގިނައިން އެކައުންޓަށް ޖަމާކުރިޔަސް ގިނަނުވަނީތަ؟ މައްސަލަ ހައްލުކުރަން ބޭނުންތަ؟

ބައެއް މީހުން ބުނެއެވެ. "އެކައުންޓަށް ފައިސާ ޖަމާކުރަމުން ގޮސް ތަންކޮޅެއް ގިނަކުރެވޭ އިރަށް އޮންނަނީ ކޮންމެވެސް ކަމެއް ޖެހިގެން ނަގަން ޖެހިފައެވެ. ދުވަހަކުވެސް ގިނަވާނެ ގޮތެއް ނުވެއެވެ."

ބައެއް މީހުން ތަނަވަސްކަމުގެ ދަހިވެތިކަމުގައި ބަލަނީ އެމީހާގެ އެކައުންޓަށް ވީހައި ގިނަ ފައިސާ ޖަމާކުރެވޭތޯއެވެ. އަމިއްލަ އެކައުންޓުގައި ފައިސާ އިތުރުވާން އެދޭ ނަމަވެސް ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވެދިނުން ގިނަ ކުރާށެވެ! އެކަމަށް ތިބާ ހޭދަކުރާ މިންވަރު އެތައް ގުނައަކަށް ﷲ ތަޢާލާ ތިބާއަށް ގިނަކޮށް ދެއްވަވާނެތެވެ. އިން ޝާ ﷲ

އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ މީހުންނަށް އެހީތެރިކަން ފޯރުކޮށް ނުދީ އެކައުންޓަށް ގިނަކުރުމެއް ނެތެވެ! އެގޮތަށް ފައިސާ ގިނަކުރާނަމަ ވަރަށް ގިނަ ފަހަރު އެކައުންޓުގައި ހަރެއް ނުލާނެއެވެ. އަބަދު ވެސް އޮންނާނީ ނަގަން ޖެހިފައެވެ! ނަމަވެސް ހޭދަކުރަން ޖެހޭ ފަރާތްތަކަށް ހޭދަކޮށްފައި އިތުރުވާ ފައިސާކޮޅު ޖަމާކުރާނަމަ ޖަމާއެކުރެވެނީ އެންމެ ބަރަކާތް ލެއްވިގެންވާ ބައެވެ. އެބައި އެކައުންޓުގައި ހަރުލާނެއެވެ!

ވީމާ ތިބާގެ އެކައުންޓުގައި ފައިސާ އިތުރުވުމަށް އެދޭނަމަ މައިންބަފައިންނަށާއި އަނބިދަރިންނަށާއި ޢާއިލާގެ މީހުންނަށާއި ވީވަރަކުން ފަޤީރުންނަށްވެސް ޞަދަޤާތްކުރާށެވެ! އަހަރު ނިމޭއިރު އެކައުންޓުން ހެޔޮ ބަދަލެއް ފެންނާނެއެވެ! އަދި ކީއްހެއްޔެވެ؟ ތިބާ ﷲ އަށްޓަކައި ހޭދަކުރި މިންވަރު ތިބާ އާއި ޤިޔާމަތް ދުވަހު ބައްދަލުކުރާނީ ފުނިފުނީގެ ގޮތުގައެވެ! އިން ޝާ ﷲ

އެމީހަކަށް މޮޅު ގޮތްތައް މިންވަރު ކުރެއްވެވުމަށް އެދޭ މީހާ މަސައްކަތްކުރަންވީ އެހެންމީހުންނަށް އެހީތެރިވުމަށެވެ. އެހެނީ މީސްތަކުންނަށް އެހީތެރިވުމުން އެމީހަކަށް ﷲ ތަޢާލާ އެހީތެރިވެވޮޑިގަންނަވާނެތެވެ! އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން