ޢިލްމްވެރިއަކު ވިދާޅުވެފައިވެއެވެ.
"މީހަކު ދެކެ ލޯބިވާނަމަ އެމީހަކާއި ބެހޭ ހުރިހާ މައުލޫމާތެއް ހޯދަމުއެވެ. އެމީހާ ރުޅިއަންނަ ކަންތައްތަކާ ދުރުހެލިވަމުއެވެ. އެމީހާ ލޯބިކުރާ ކަންކަން ކުރުން ގިނަ ކުރަމުއެވެ! އޭނާގެ ރުހުން ހޯދަން ގަދައަޅައި މަސައްކަތްކުރަމުއެވެ. ﷲ އާއި އިސްލާމް ދީން ދެކެ ލޯބިވާނަމަ ދީން އުނގެނޭށެވެ! ދީނުގައި މަނާކަންކަން ނުކުރާށެވެ! ﷲ ލޯބިވެވޮޑިގަންނަވާ އަމަލުތައް ކުރުން ގިނަކުރާށެވެ!"
ޢިލްމުވެރިޔާ ކުރުކުރުކޮށްލައްވަވާފައި އެވަނީ ވަރަށް އަގުހުރި ވަރަށްގިނަ ވާހަކަތަކެކެވެ. އެވާހަކަކޮޅު ދެބައިކޮށްލަމާ ހިނގާށެވެ!
މީހަކުދެކެ ލޯބިވީމާ:
"މީހަކު ދެކެ ލޯބިވާނަމަ އެމީހަކާއި ބެހޭ ހުރިހާ މައުލޫމާތެއް ހޯދަމުއެވެ. އެމީހާ ރުޅިއަންނަ ކަންތައްތަކާ ދުރުހެލިވަމުއެވެ. އެމީހާ ލޯބިކުރާ ކަންކަން ކުރުން ގިނަ ކުރަމުއެވެ! އޭނާގެ ރުހުން ހޯދަން ގަދައަޅައި މަސައްކަތްކުރަމުއެވެ."
ﷲ އާއި އިސްލާމްދީންދެކެ ލޯބިވާނަމަ:
"ﷲ އާއި އިސްލާމް ދީން ދެކެ ލޯބިވާނަމަ ދީން އުނގެނޭށެވެ! ދީނުގައި މަނާކަންކަން (ކުރުން ހުއްދަ ނޫން ކަންކަން) ނުކުރާށެވެ! ﷲ ލޯބިވެވޮޑިގަންނަވާ އަމަލުތައް ކުރުން ގިނަކުރާށެވެ!"
ކޮންމެ މީހަކުވެސް ބުނާނީ އެންމެ ބޮޑަށް ލޯބިވަނީ ﷲ އާއި ރަސޫލާ ﷺ އާއި އިސްލާމްދީން ދެކެކަމަށެވެ. ނަމަވެސް އަހުރެންގެ ސުވާލަކީ އެކަމުގެ ހެކިދެއްކޭނެ ހެއްޔެވެ؟ އެއްވެސް ޙާލެއްގައި ހެއްކަކީ ހަމައެކަނި ދުލުން ބުނެލާ ބަހެއް ނޫނެވެ. ހެކިދައްކަންޖެހޭނީ އެމީހާކުރާ ޢަމަލުތަކުންނެވެ. އެހެންކަމަށްވާއިރު ޢިލްމްވެރިޔާ ވިދާޅުވެފައިއެވާ ފަދައިން ތިމާގެ ޢަމަލުތައް ބެހެއްޓޭހެއްޔެވެ؟ ބެހެއްޓޭނަމަ އެކަން އެންމެ ރަނގަޅަށް އެނގޭނީވެސް ހަމަ އެމީހަކަށެވެ. އެހެންމީހަކަށް ނޫނެވެ.
އަހުރެންގެ އާދޭހަކީ ތިމާއަކީ އެންމެ ބޮޑަށް ﷲ ތަޢާލާ ދެކެ ލޯބިވާ މީހަކަށްވުމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން