ލޯބިވެގެން ނޫޅެ، ބައްދަލުނުކޮށް ކައިވެނިކުރަން ބުނިނަމަވެސް މިފަދަ ޒަމާނެއްގަ އެއީ ކުރެވޭނެ ކަމެއްތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 31ސ
ލޯބިވެގެން ނޫޅެ، ބައްދަލުނުކޮށް ކައިވެނިކުރަން ބުނިނަމަވެސް މިފަދަ ޒަމާނެއްގަ އެއީ ކުރެވޭނެ ކަމެއްތޯ؟

"ލޯބިވެގެން ނޫޅެ، ބައްދަލުނުކޮށް ކައިވެނިކުރަންބުނިނަމަވެސް މިފަދަ ޒަމާނެއްގަ އެއީ ކުރެވޭނެ ކަމެއްތޯ؟"

މިއީ ކިޔުންތެރއަކު ކޮށްފައިވާ ސުވާލެކެވެ. ޖަވާބުގައި ބުނެލަން އޮތީ ހުރިހާ ގޮތަކުން އެންމެ ކުރިއަރާފައިވާކަމަށްބުނާ އިނގިރޭސިވިލާތުގައިވެސް އެންމެ ކާމިޔާބުކަމަށް މިހާރު ދެކެނީ ދެމީހުން ހިފައި އޮޅުނުލައި ކުރާ ކައިވެނިތަކެވެ. ތިރީގައިވާ ލިޔުމުން އެކަން އެނގިގެންދާނެއެވެ!  

އިނގިރޭސިވިލާތުގައި އަލަށް އިސްލާމް ދީނަށް ވަންނަ މީހުންގެ ތެރޭގައި ގިނައީ އަންހެނުންނެވެ. އިސްލާމްވުމަށްފަހު ބައެއް އަންހެނުން އެމީހުންގެ ކުރީގެ ދިރިއުޅުން ދޫކޮށްލައެވެ. ނަތީޖާއެއްގެ ގޮތުން ކުރީގެ ގިނަ ރައްޓެހިންތައް ގެއްލިގެންދެއެވެ.

އަލަށް އިސްލާމްވާ ބައެއް އަންހެނުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކަށްވެފައި އޮންނަނީ އެމީހުންގެ ޙަޔާތުގެ ބައިވެރިއަކު ހޯދާނެ ގޮތެވެ. އެފުރުޞަތު އެހައި ފަސޭހަ ނުވެދާނެ ކަމެވެ. ސަބަބަކަށްވަނީ މިސްކިތްތަކުގައި ބާއްވާ ބައްދަލުވުންތަކުގައި އަންހެނުންނާއި ފިރިހެނުން ވަކިން ތިބުމެވެ. އެކުގައި މަސްހުނިވެ ނުއުޅުމެވެ. 

މިފަދަ ކަންބޮޑުވުމެއްގައި ހުރި އަންހެނަކު އޭނާގެ ކަންބޮޑުވުން އިމާމް އާއި ހިއްޞާ ކުރިއެވެ. އިމާމް އޭނާގެ ކިބައިން އޮޅުން ފިލުވީ ހަމައެކަނި އޭނާ ބޭނުންވާ ފިރިމީހާގެ ކިބައިގައި ހުންނަން ޖެހޭނެކަމަށް އޭނާ ޤަބޫލުކުރާ ސިފަތަކެވެ. އަދި ކައިވެނިކުރަން ބޭނުންވަނީ ކޮންއިރަކުންތޯއެވެ! 

ޖެހިގެން އައި ހުކުރު ދުވަހު އަންހެން އިމާމަކު އޭނާ އާއި ބައްދަލުކުރިއެވެ. އަދި 3 މީހެއްގެ ފޮޓޯ ދައްކާފައި އޭނާ އެންމެ ހިތްހަމަޖެހެނީ ކާކާއިތޯ ސުވާލުކުރިއެވެ. އޭނާއަށް އެންމެ ކަމުދިއަ މީހާ ދެއްކުމުން އެދެމީހުން ބައްދަލުކުރުވިއެވެ. އަދި ދެމީހުންގެ މެދުގައި މަޝްވަރާ ކުރެވި ޖެހިގެން އައި ހުކުރު ދުވަހު ދެމީހުންގެ ކައިވެނިކުރެވުނެވެ. 

ކައިވެންޏަށް އަހަރުވީ ދުވަހު ގާޑިއަން ނޫހަށް މައުލޫމާތު ދެމުން އަންހެން މީހާ ބުނެފައިވެއެވެ! "އަހަރެންގެ ފިރިމީހާއަކީ ފިރިއެއްގެ ހައިޞިއްޔަތުން ލާމަސީލު މީހެކެވެ. އަހަރެންނަށް ލިބުނު ޖަވާހިރެކެވެ. އަހަރެން އެންމެ ޙައިރާން ކުރުވި ކަމަކީ ކައިވެނީގެ ކުރިން ކޮންމެ ރެއަކު އެތައް ގަޑިއިރެއް ވަންދެން ދެމީހުން ވާހަކަ ދެއްކި އިރުވެސް އޭނާ އެންމެ ކުޑަމިނުން އަހަރެންނަށް ކޮފީއަކަށްވެސް އަދި ކެއުމަކަށްވެސް ދައުވަތު ނުދިން ކަމެވެ. ކައިވެނީގެ ފަހުން ހަފްތާއަކު 2، 3 ރޭ އަހަރެން ގޮވައިގެން ތަންތަނަށް ގޮސް ކާންދީ ހަދާ ކަމެވެ. އެކަމުން އަހަރެންނަށް އެނގުނީ އޭނާއަކީ ބޭރުން ކައި ހެދުމަށް ލޯބިކުރާ މީހެއް ކަމާއި ނަމަވެސް ކައިވެނީގެ ކުރިން އެފަދަ ގޮތަކަށްވެސް އަހަރެންނާއި ބައްދަލުކުރަންވެސް ބޭނުން ނުވީ ކަމެވެ! މިއީ އަހަރެން ކުރިން ހުރި ދީނުގައި އެއްގޮތަކަށްވެސް ކަންތައް ވާނެ ގޮތެއް ނޫނެވެ! އަހަރެން އިސްލާމް ދީނާއިމެދު އެންމެ ފަޚުރުވެރިވަނީ ޝައިޠޯނާއަށް ފުރުޞަތު ނުދީ ޢިއްފަތްތެރިކަމާއިއެކު ކައިވެނިކުރެވޭތީއެވެ." 

މިފަދަ ކަންކަމުން އެނގެނީ އަހަރެމެންގެ މުޖުތަމައުތަކުގައި ހަރުދަނާ މީހުންވެސް އެބަ ތިބިކަމެވެ! އަދި އެކަމުގެ ފައިދާ ހުރިހާ ގޮތަކުންވެސް ކުރަމުން އަންނަކަމެވެ. ބައިވެރިޔަކު ހޯދަން ދެމީހުން މަސްހުނިވެ ޝައިޠޯނާއަށް ފުރުޞަތު ނުދިން ނަމަވެސް ކާމިޔާބު ކައިވެނިތައް ކުރެވެމުން އަންނަ ކަމެވެ.

 

 

 

 

މިއަދު އޮންލައިން