ޔަޤީންކުރަންވީ ﷲ ގެ މިލިސްޓަށް އަރައިފިނަމަ ރުހުނަސް ނުރުހުނަސް ނަރަކައަށް ވަނުން ނޫން ގޮތެއް ނޯންނާނެކަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
ޔަޤީންކުރަންވީ ﷲ ގެ މިލިސްޓަށް އަރައިފިނަމަ ރުހުނަސް ނުރުހުނަސް ނަރަކައަށް ވަނުން ނޫން ގޮތެއް ނޯންނާނެކަން!

އަހަރެމެންގެ ތެރެއިން ބައެއް މީހުންނަށް މިއަދު ކީރިތި ޤުރްއާން މުހިންމެއް ނޫނެވެ. ﷲ ތަޢާލާގެ ވަޙީބަސްފުޅުތަކާއި ރަސޫލް ﷺ ގެ ޙަދީޘްފުޅުތައްވެސް މުހިންމެއް ނޫނެވެ. މުހިންމުވަނީ ދުނިޔެއިން އެމީހަކު ޙާޞިލުކުރަންބޭނުންވާ ލަނޑުދަނޑިތައް ޙާޞިލުވުމުވެ.

"ޤިޔާމަތް ދުވަހާމެދު ހަނދާން ނައްތާލައި ﷲ ތަޢާލާގެ އާޔަތްތަކާ ދެކޮޅުވެރިވާ މީހުން، ޤިޔާމަތް ދުވަހުން ﷲ ތަޢާލާ އެބައިމީހުންނާ މެދު ހަނދުމަނައްތާލައްވާ ހުއްޓެވެ".

"އެއުރެންނީ، އެއުރެންގެ ދީން، ފޫހިފިލުވުމެއް ކަމުގައްޔާއި، ކުޅިވަރެއް ކަމުގައި ހަދައި، ދުނިޔޭގެ ދިރިއުޅުން އެއުރެން ހެއްލުންތެރިކޮށްފައިވާ މީހުންނެވެ. ފަހެ، އެއުރެން މިދުވަހާ ބައްދަލުވާނެކަން ހަނދާން ނައްތާލި ފަދައިން، އަދި ތިމަންރަސްކަލާނގެ އާޔަތްތަކާ ދެކޮޅު ހަދައި އުޅުނުކަމަށްޓަކައި އަދު ތިމަންރަސްކަލާނގެ އެއުރެންގެ މަތީން ހަނދުމަނެތި ކުރައްވާ ހުށީމެވެ."

(އަލް އަޢްރާފް: 51) 

ނިކަން ބުނެބަލާށެވެ! މިއާޔަތުގައިވާ ފަދައިން ތިބާގެމަތިން ﷲ ތަޢާލާ ޤިޔާމަތްދުވަހު ހަނދުމަނެތިކޮށްލައްވަވައިފިނަމަ ތިބާގެ ޙާލަކީ ކޮބައިހެއްޔެވެ؟ ވީމާ ފުރަތަމަކަމަކަށްވެސް ޔަޤީންކުރަންވީ ތިމާއަކީ "އެއުރެންނީ، އެއުރެންގެ ދީން، ފޫހިފިލުވުމެއް ކަމުގައްޔާއި، ކުޅިވަރެއް ކަމުގައި ހަދައި، ދުނިޔޭގެ ދިރިއުޅުން އެއުރެން ހެއްލުންތެރިކޮށްފައިވާ މީހުން"ގެ ތެރެއިން ނުވުމަށެވެ. 

އެކަންނުކުރެވިއްޖެނަމަ "ފަހެ، އެއުރެން މިދުވަހާ ބައްދަލުވާނެކަން ހަނދާން ނައްތާލި ފަދައިން، އަދި ތިމަންރަސްކަލާނގެ އާޔަތްތަކާ ދެކޮޅު ހަދައި އުޅުނުކަމަށްޓަކައި އަދު ތިމަންރަސްކަލާނގެ އެއުރެންގެ މަތީން ހަނދުމަނެތި ކުރައްވާ ހުށީމެވެ." ބަޔާންކުރައްވަވާފައިވާ މީހުންގެތެރެއިން ހިމެނިގެން ހިނގައިދާނެއެވެ. އެއިރުން ތިބާ އަށް ސަލާމަތްކަން ދެވޭނެ ހަމައެކަކުވެސް ނުހުންނާނެއެވެ! 

ވީމާ ކުރިން ބަޔާންކުރިފަދައިން ތިބާއަކީ ޤިޔާމަތްދުވަހު ތިބާގެމަތިން ﷲ ތަޢާލާ ހަނދުމަނެތިކޮށްލައްވަވާނެ އަޅަކު ކަމުގައި ނުވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ. އެކަމަށް އެދިގެން ކުރަން ހުރި ކަންކަމުގެ ތެރޭގައި ދުނިޔެއާއިމެދު ޣާފިލްވެ، ﷲ ގެ އަމުރުފުލުތަކަށް ޢަމަލުނުކުރާ މީހަކު ކަމުގައިވުމުން ސަލާމަތްވާންޖެހެއެވެ. ނޫންނަމަ ވަރަށް ފަސޭހައިން މިބިރުވެރި ގޮޅިއަށް އެމީހަކު ފިތިގެން ހިނގައިދާނެއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން