އޮގަސްޓަ މަހުގެ ޢުމުރާ ދަތުރުިތަކަށް މާދަމާ ރާއްޖެއިން ޢުމުރާޢަށް ފުރަން ފަށާނެއެވެ! ތަނަވަސްކަން އަދި ނެތުމުންނާއި އެހެންވެސް ސަބަބުތަކާއިހުރެ ޢުމުރާޢަށް އަދި ދެވެން ނެތް އެންމެން ތިރީގައިވާ ލިޔުން ވިދާޅުވެލައިފިނަމަ ހާދަހާ ފައިދާއެއް ކުރާނެއެވެ!
ކުރަން އޮތް ކަމަކީ ފަތިހު 4.15 ހައިއިރު ހޭލައި ކޮފީތަށްޓެއްވެސް ބޯލައިގެން ފެންވަރާލައިގެން އިމާމް މީހާ ބަންގިގޮވަންވާއިރަށް މސްކިތަށް ދިއުމެވެ. ފަތިސްނަމާދުގެ ބަންގި މިރޭ ގޮވާނީ 4.47 ގައެވެ. ވީމާ 4.15 ގައި ހޭލިނަމަވެސް ކޮފޯފޮދެއް ބޮއިލައި ފެންވައި ރީތިވެލައިގެން ބަންގިއަށް މިސްކިތަށް ދެވޭނެއެވެ.
ދެން އޮތްބައި ދަރުސުން ވިދާޅުވާށެވެ!:
ކީރިތި ޤުރްއާން ކިޔެވުމުގެ ފުރިހަމަ ހިތްޖެހުން ގިނަބައަކަށް ލިބިގެންދާނީ ރޭގަނޑުގެ ވަގުތުތަކުގައި ކިޔެވުމުންނެވެ. އެހެނީ ދުވާލުގެ ވަގުތުތަކުގައި އެތައް ބައިވަރު މަސައްކަތްތަކެއް ކުރުމުގެ ތެރޭގައި އުޅޭއިރު އެކަންކަމުގެ ފިކުރުތައް ސިކުނޑީގައި އެނބުރޭނެއެވެ. އެކަމުގެ ސަބަބުން ކިޔަވާ އެއްޗަކަށް ދެވޭ ސަމާލުކަން ކުޑަވާނެއެވެ!
ރޭގަނޑުވުމުން ސިކުނޑިއަށް ވަރަށް ބޮޑު ލުއިކަމެއް ލިބިގެންދާނެއެވެ. އެދުވަހު ކުރަން ހުރި މަސައްކަތްތައް ނުކުރެވިގެން ސިކުނޑިއަށް ލިބޭ ބުރަކަމުން ސަލާމަތްވެވޭނެއެވެ! ވީމާ ރޭގަނޑުގެ ވަގުތުތަކުގައި ކިޔެވުމުން ކިޔެވުމަށް ދެވޭ ސަމާލުކަން އިތުރުވެގެންދާނެއެވެ!
އިރާކޮޅުގެ ވަގުތުގައި ނަމަވެސް މެންދަމުގެ ވަގުތުގައި ނަމަވެސް އަދި ފަތިސް ވަގުތުގައި ނަމަވެސް ކީރިތި ޤުރްއާން ކިޔަވާށެވެ! ބޮޑަށް ރަނގަޅީ މެންދަމާއި ފަތިސް ވަގުތެވެ! އެހެނީ އެވަގުތުގައި މަގުމަތިން އިވޭ އަޑުތައްވެސް މަދުވާނެތީއެވެ. ކިޔަވާއިރު އިތުރު އަޑުތައް ނުއިވުމަކީ ކިޔަވާ އެއްޗަކަށް ދެވޭ ސަމާލުކަން އެތައް ގުނައަކަށް އިތުރުވެގެންދާނެ ކަމެކެވެ.
ހަމަ އެއާއިއެކު އެހެން މީހުން ކަންނެތްވެ ނިދާފައި ތިއްބައި ތިބާ އަމިއްލައަށް ހޭލައިގެން ﷲ ތަޢާލާއަށް ލޯބިން ކުރާ އަޅުކަމަށް ﷲ ތަޢާލާ ދެއްވަވާ ސަވާބާއި ދަރުމަ އެތައް ގުނައަކަށް އިތުރުވެގެންދާނެއެވެ! ރޭގަނޑުގެ ވަގުތުތަކުގައި ހޭނުލެވޭނަމަ ފަތިސް ނަމާދަށްފަހު އިރުއަރަންދެން ކީރިތި ޤުރްއާނާއިއެކު ވަގުތު ހޭދަކުރާށެވެ!
ޖަމާޢަތުގައި ފަތިސް ނަމާދުކޮށްގެން އިރުއަރަންދެން ކީރިތި ޤުރްޢާން ކިޔެވުމާއި ޛިކުރުކުރުމުގައި ވަގުތު ހޭދަކޮށް، އިރު އަރައި 10 ވަރަކަށް ފަނަރަވަރަކަށް މިނިޓްވުމުން ޞުޙާ ނަމާދުކުރުމުން ޙައްޖަކާއި ޢުމުރާއެއްގެ ސަވާބު ދެއްވަވަތެވެ! ގޭގައި ނަމާދުކުރާ އަންހެނުންނަށްވެސް ބަންގިގޮވުމުން ފަތިސް ނަމާދުކޮށް މިބުނި ފަދައިން ކަންތައް ކޮށްފިނަމަ ހަމަ އެ ނިޢްމަތް ދެއްވަވާނެ ކަމަށް ޢިލްމުވެރިން ބަޔާން ކުރައްވަވައެވެ.
މިމަތިވެރި ސަވާބު ލިބިގަތުމަށްޓަކައި ފަތިސް ނަމާދުގެ ބަންގިން ފެށިގެން ޖުމުލަ ހޭދަކުރަން ޖެހޭނީ ދޮޅުގަޑިއެއްހައި އިރެވެ. އެއިގެ ތެރެއިން ފަތިސް ނަމާދުގެ ޖަމާއަތަށް 30 މިނިޓް އުނިކުރުމުން އިތުރަށް ހާދަކުރަން ޖެހޭނީ 45 މިނިޓް ހައި ކުޑަ ވަގުތުކޮޅެކެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން