ޙަސަދަވެރިން ނެތީ ކާކުގެ ހެއްޔެވެ؟ އެންމެންގެވެސް ތިބޭނެއެވެ. އެކަމުން އެއްވެސް އިންސާނަކަށް ސަލާމަތްކަން ލިބޭނެ ނަމަ ރަސޫލާ ﷺ އަށް ލިބިވަޑައިގަތީހެވެ. އެކަމަކު ކަންކަންވީ ކިހިނަކުންހެއްޔެވެ؟ ބައެއްގެ ހިތުގައި އުފެދުނު ޢަދާވާތްތެރިކަމާއި ހަސަދަވެރިކަން ބޮޑުވެ ޤަތުލުކުރަން ނުނުކުމޭހެއްޔެވެ؟
ހަސަދަވެރިންނާއި ދުޝްމިނުން ކޮށްފާނެ ނުބައިކަންކަމަށް ވިސްނައި ރައްކައުތެރިވުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ. އެކަމުގައިވެސް ވިސްނަންވީ އަބަދު އެމީހުންނަށް ފާރަލުމަކަށް ނޫނެވެ. އޮތީ ދުޢާކުރުން ގިނަކުރުމެވެ! ﷲ ތަޢާލާގެ ޙިމާޔަތާއި ރައްކައުތެރިކަމުގައި ލައްވަވައި ދެއްވެވުން އެދިއެވެ.
އެކަމަށްއެދި ކުރަންވީ ކަންކަން ވެސް އަހަރެމެންނަށް ވަނީ އަންގަވައިދެއްވަވައިފައެވެ. ދެއިރު ކިޔަންހުރި ޛިކުރުތައް އެހެރީ ޙަދީޘްފުޅުތަކުން އެނގޭށެވެ! ކުރަންވީ އެކަމެވެ! ޙަސަދަވެރިންނަށް ފާރަލަމުން ދުވަންވީއެއް ނޫނެވެ!
އެމީހަކާއިއެކުގައި ﷲ ތަޢާލާ ވަނިކޮށް އެމީހަކު ދެރަކޮށް ނިކަމެތި ކުރެވޭނެ އެއްވެސް މީހަކު ނުހުންނާނެއެވެ! ވީމާ އެމަތިވެރިކަން ލިބިގަތުމަށްޓަކައި ކޮންމެ ކަމެއްގައިވެސް ތިމާ ތެދުވެރިވާށެވެ! ﷲ ތަޢާލާގެ އެންގެވުންތަކަށް ޢަމަލުކުރާށެވެ! އެއަށްފަހު ހަސަދަވެރިންނާއި ދުޝްމިނުންގެ ނުބައިކަމުން ސަލާމަތްކޮށްދެއްވެވުން އެދި ދުޢާކުރާށެވެ! ހިންމަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން