މީހަކު ތައުބާވެ ހެޔޮ ޢަމަލުކުރަން ފަށައިފިނަމަ އެކަން ބަލައިގަންނާށެވެ! އޭނާ ކުރިން އުޅުނު ގޮތަށް ބަލައި ބާކީކޮށްނުލާށެވެ! އެހެނީ ފާފަކުރުން ދޫކޮށް ތައުބާވުމުން އެމީހާ އެވަނީ ﷲ ގެ ތަނަވަސް ރަޙްމަތުގައެވެ.
މީހަކު ތައުބާވެ ހެޔޮ ޢަމަލުކުރަން ފަށައިފިނަމަ އެމީހާގެ މާޒީއަށް ނުވެސް ވިސްނާށެވެ! އޭނާ ދެން ޢަމަލުކޮށްފާނެ ގޮތް ﷲ ތަޢާލާއަށް ވަކީލުކުރާށެވެ! ހަމައެކަނި ޔަޤީންކުރަންވީ އޭނާގެ މިހާރުގެ ދިރިއުޅުމެވެ. އޭނާ މިހާރު ޢަމަލުކުރާ ގޮތެވެ!
އިސްލާމީ ސިޔަރަތަށް ބަލާށެވެ! ހުރިހާ ޞަޙާބީންނަކީވެސް ކުރިން މުސްލިމުންނެއް ނޫނެވެ! ނަމަވެސް ކަންތައް ނިމިގެން ދިއައީ ކިހިނަކުން ހެއްޔެވެ؟ އެއިގެ ތެރެއިން ބައެއް ބޭކަލުން ދުނިޔެ ދޫކުރެއްވެވުމުގެ ކުރިން ވަނީ ސުވަރުގެ ލިބިވަޑައިގަންނަވާނެ ކަމުގެ އުފާވެރި ޚަބަރު ލިބިވަޑައިގެންފައެވެ. އެއީ އެބޭކަލުން އިސްލާމްވެވަޑައިގަތުމަށްފަހު ދީނުގައި ސާބިތުލެވަޑައިގެންނެވި ބޮޑުކަމުންނެވެ!
ކުރިން ފާފަކުރެވުނު ނަމަވެސް ތައުބާވާ މީހުންނަށް ބަލާށެވެ! އެފަދަ ގިނަ މީހުން ފަހުން ވެގެންއެދަނީ މުޅި މުޖުތަމައުއަށް ނަމޫނާ ބައަކަށެވެ. މީހުންނަށް އެނގިގެން ނުބައި ޢަމަލެއް ނުކުރާ އެތައް ބައަކަށްވުރެ މާ ހެޔޮލަފާ މީހުންނަށެވެ.
ތައުބާވުމުން އެމީހާ ބަލައިނުގަންނަ ނަމަ އެމީހާ ދެރަވެ މާޔޫސްވާނެއެވެ! އަދި ބައެއް ފަހަރު އެ މާޔޫސްކަމުގައި އެނބުރި ކުޜިގެ ދިރިއުޅުމަށް ރުޖޫޢަވެ ފާފަތައް ކުރަންވެސް އެބަފަށައެވެ. މިއީ އިންސާނަކަށް ލިބޭނެ އެންމެ ބޮޑު ނިކަމެތިކަމެވެ.
މީހަކީ ކުރިން ގޯސްކޮށް އުޅުނު މީހެއްކަން މިއެނގެނީ އޭނާގެ ކުށެއް ފަޅާއެރުމުންނެވެ. ނުވަތަ ފައުޅުގައި ކުށްކުރާތީއެވެ. ވިސްނައިލަންވީ ތިމާގެ ކުށެއް ފަޅާނުއެރި ނަމަވެސް ތިމާއަށް ވެސް ފާފަތަކެއް ކުރެވިފައިވާ ކަމެވެ. ވީމާ ތައުބާވެގެން ހުންނަ މީހަކާއި ދިމާއަށް އިނގިލި ދިއްނުކުރާށެވެ! އޭނާއަކީ މިހާރު ﷲ ތަޢާލާގެ ޙަޟްރަތުގައި ތިބާއަށްވުރެ މާ އިތުރުކަންބޮޑު މީހަކަށްވެސް ވެދާނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން