ޙަޤީޤީ ޙާދިސާ: މަންމަ ދަރިފުޅަށްކުރި ޖަވާހިރުފަދަ އަގުހުރި ވަޞިއްޔަތްތަކާ އުންމީދުކަނޑާނުލާ ވަޞިއްޔަތުގަ ސާބިތުވުމުން ރަންދުނިޔެއެއް ލިބުނު އަންހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 56ސ
ޙަޤީޤީ ޙާދިސާ: މަންމަ ދަރިފުޅަށްކުރި ޖަވާހިރުފަދަ އަގުހުރި ވަޞިއްޔަތްތަކާ އުންމީދުކަނޑާނުލާ ވަޞިއްޔަތުގަ ސާބިތުވުމުން ރަންދުނިޔެއެއް ލިބުނު އަންހެނެއްގެ ވާހަކަ-

އަޅުގަނޑަކީ ވަރަށް ލަދުވެތި އަންހެނަކީމެވެ. އުމުރުން 19 އަހަރުގައި މަންމަ ނިޔާވެއްޖެއެވެ. މަންމަ ދުނިޔޭގައި ހުރިއިރު އެންމެ ގިނައިން ކުރި ވަޞިއްޔަތްކުރީ ޢިއްފަތްތެރިކަން ޙިމާޔަތްކުރުމަށާއި ﷲ އަށް އަޅުކަންކުރުމުގައި ސާބިތުވުމަށެވެ. 

"ދަރިފުޅާއެވެ! އަނހެނެއްގެ ކިބައިގައިވާ އެންމެ އަގުބޮޑު މިލްކިއްޔާތަކީ ޢިއްފަތްތެރިކަމެވެ. އެއިގެ އަގު މިލިއަނުންވެސް ވަޒަން ނުކުރެވޭނެއެވެ. މިލިއަނުން ރުފިޔާ ގެއްލުނަސް މަސައްކަތްކޮށްގެން އަނބުރާ ހޯދިދާނެއެވެ. ނަމަވެސް ޢިއްފަތްތެރިކަން ގެއްލުވާލައިފިނަމަ ބިލިއަނުން ޚަރަދުކުރިނަމަވެސް އަނބުރައެއް ނުލިބޭނެއެވެ. 

ދަރިފުޅާއެވެ! މިޒަމާނުގައި ޢިއްފަތްތެރިކަމުގެ އަގު މީސްތަކުން ވަޒަން ނުކޮށްފާނެއެވެ. ނަމަވެސް ﷲ އަށް ބިރުވެތިވެ ޢިއްފަތްތެރިކަން ޙިމާޔަތްކޮށްފިނަމަ އެކަމުގެ އަގު ﷲ ވަޒަންކުރައްވަވާނެއެވެ. ޤިޔާމަތްދުވަހު ޢަރުޝީގެ ހިޔާވަހިކަން ދެއްވަވާނެއެވެ.

ދަރިފުޅާއެވެ! ވަޒީފާގައި އުޅުނަސް، ކައިވެނިކޮށްގެން ގޭގައި އިނަސް، ދަރިން ބަލަން ޖެހުނަސް، ކައްކަމުން ނަމަވެސް ފަރުޟު ނަމާދުތަކަށް ރައްކައުތެރިވާންވާނެއެވެ! ފަރުޟުނަމާދުތަކަށް ރައްކައުތެރިވުމަކީ ވަގުތު ޖެހުމުންވީހައި އަވަހަކަށް ނަމާދުކުރުމެވެ. ކޮންމެ ނަމާދެއްވެސް އެނަމާދުގެ ވަގުތުގައި ކުރުމެވެ. 

ދަރިފުޅާއެވެ! ދަމުނަމާދަށް ރައްކައުތެރިވާށެވެ! ދަމުނަމާދުކޮށްގެން ކުރާ ދުޢާއަކީ ޢިޖާބަ ކުރެއްވެވުން އެންމެ އަވަސް ދުޢާއެވެ. އެވަގުތު ﷲ އަށް ދަންނަވާ ދެންނެވުންތަކަކީ ﷲ ތަޢާލާ އާއި ކުރެވޭ ވަރަށް ޚާއްޞަ މުޢާމަލާތު ތަކެކެވެ. އެއީ ﷲ ބިމުގެ އުޑަށް ތަޖައްލީވެވޮޑިގެން ކަންކަމު އެދެނީ ކޮން ބައަކުތޯ އާއި އެދެނީ ކޮންކަމަކުތޯ ސުވާލުކުރައްވަވާ ވަގުތެވެ. އެވަގުތުގައި އެދިދަންނަވާކަންކަން ހިންމަވައިދެއްވަވާނެތެވެ. އިން ޝާ ﷲ" 

މިފަދަ އެތައް ބައިވަރު ވަޞިއްޔަތްތަކެވެ. މަންމަ ކުރި ހުރިހާ ވަޞިއްޔަތެއްގައިވެސް ހިފަހައްޓަން އެއިރުވެސް މިހާރުވެސް މަސައްކަތްކުރަމެވެ. އެހެންވެ ކައިވެނިކުރުންވީ ވަރަށް ދަތިކަމަކަށެވެ. ލޯބިވާކަމަސް ބުނާ މީހުންނާއި ކައިރިވާން ދެކޮޅުހަދާތީއެވެ. 

އުމުރުން 21 އަހަރުން ފެށިގެން ބައިވެރިއަކަށް ހުރީ ބޭނުންވެގެންނެވެ. ގެންދިއައީ ހެޔޮލަފާ ތަޤްވާވެރި އަޅުގަނޑުދެކެ ހިތުގެ އަޑިން ލޯބިވާނެ ބައިވެރިއަކު ދެއްވެވުން އެދި ދުޢާކުރަމުންނެވެ. 26 އަހަރު ފުރުނުއިރުވެސް ބައިވެރިއަކު ނުލިބުމުން ވަރަށް ބޮޑަށް މާޔޫސްވެސް ވިއެވެ. ނަމަވެސް ﷲ ގެ ޙަޟްރަތުން އުންމީދު ކަނޑައެއް ނުލަމެވެ. މަންމަގެ ވަޞިއްޔަތާއި އެއްގޮތަށް އައީ ޢަމަލުކުރަމުންނެވެ. 

އެގޮތުގައި ސާބިތުވެ ހުއްޓައި ޢުމުރުން 27 އަހަރުފުރި 28 ވަނަ އަހަރު އެއްދުވަހު މަސައްކަތްކުރާ އޮފީހުގެ ވެރިމީހާ އަޅުގަނޑު ގެންގޮސްފައި އަޅުގަނޑުގެ އަޚްލާޤަށް ތައްރީފްކޮށްފައި ބުނީ ކުއްލި ގޮތަކަށް އޭނާގެ އަނބިމީހާ ނިޔާވެއްޖެ ކަމަށާއި އަޅުގަނޑު ޤަބޫލުނަމަ ގުޅެން ޤަޞްދުކުރާ ކަމަށެވެ. 

އޭނާއަކީ އެއިރު 34 އަހަރުގެ ޒުވާނެކެވެ. މާލޭގެ ތަނަވަސް މީހެއްގެ ހުރި ހަމައެކަނި ފިރިހެންދަރިފުޅެވެ. އެވިޔަފާރިއަކީ އޭނާގެ ބައްޕަ އޭނާއަށް ދީފައިވާ ތަނަވަސްކަމުން ކުރާ ވިޔަފާރިއެކެވެ. އަދި އޭނާއަކީ ވަރަށް އަޚްލާޤް ރަނގަޅު ވެރިއެކެވެ. އެހުރިހާ ކަންކަމަށް ވިސްނާލާފައި ބުނީމެވެ. "ކައިވެނިކުރަން ނަމަ ރުހެމެވެ. ނަމަވެސް ލޯބިވެގެން އުޅެންނަމަ ބޭނުމެއް ނޫނެވެ." އޭނާ ބުނީ އެއީ އަޅުގަނޑުގެ ކިބައިން އޭނާ އުންމީދުކުރިވެސް ޖަވާބު ކަމަށެވެ. 

މަހެއްހައި ދުވަސްފަހުން ކައިވެނިކުރެވުނެވެ. އެކައިވެނީގައި މިހާރު 18 އަހަރުވީއެވެ. 4 ދަރިންވެސް ވަނީ ލިބިފައެވެ. އަޅުގަނޑު ބުނާނީ އަޅުގަނޑުގެ ފިރިމީހާ ފަދަ ހުރިހާ ގޮތަކުން ރަނގަޅު ފިރިއަކު ވަރަށް މަދުވާނެ ކަމަށެވެ.

އަޅުގަނޑުގެ ހަޔާތުގެ ވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާ މިކުރި އެންމެ ބޮޑު ބޭނުމަކީ މަންމަ އަޅުގަނޑަށް ކުރި ވަޞިއްޔަތްތައް ކިޔުންތެރިންނަށް ބުނެދިނުމެވެ. އަދި އެވަޞިއްޔަތުގައި ހިފެހެއްޓުމުން އަޅުގަނޑަށް ކުރި ފައިދާވެސް ޙިއްޞާކޮށްލުމެވެ. އެކަމުން މިއަދުނޫހުގެ ކިޔުންތެރިންނަށް ފައިދާ ކުރާނެ ކަމުގެ އުންމީދުގައެވެ.  

- އީނާޒް / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

މިއަދު އޮންލައިން