"އަދި އެއުރެންގެ ވެރިރަސްކަލާނގެއަށް ތަޤްވާ ވެރިވިމީހުން، ބައިބައަށް ސުވަރުގެއާއިދިމާއަށް (މާތްކޮށް ހިތުމާއެކު) ލަވައި ގެންދަވާނެތެވެ...." ޙަޤީޤީ ޝަރަފުވެރިންނަކީ ޤިޔާމަތްދުވަހު ޢިއްޒަތާއި މާތްކޮށް ހިތުމާއިއެކު ސުވަރުގެއާއި ގެންދެވޭ މީހުންނެވެ!
"އަދި އެއުރެންގެ ވެރިރަސްކަލާނގެއަށް ތަޤްވާ ވެރިވިމީހުން، ބައިބައަށް ސުވަރުގެއާއިދިމާއަށް (މާތްކޮށް ހިތުމާއެކު) ލަވައި ގެންދަވާނެތެވެ. އަދި އެ ސުވަރުގޭގެ ކައިރިއަށް، އެއުރެންނަށް އާދެވޭހިނދު، އެތާނގެ ދޮރުތައް ހުޅުއްވާފައި ހުންނާނެތެވެ. އަދި އެތާނގެ ބަނޑޭރިން އެއުރެންނަށް ވިދާޅުވާނެތެވެ. ތިޔއަބައިމީހުންގެ މައްޗަށް ސަލާމްހުށްޓެވެ. ތިއަބައިމީހުން ރަނގަޅަށް އުޅެފީމުއެވެ. ފަހެ، އެ ސުވަރުގޭގައި ދެމިތިބެނިވިގޮތުގައި ތިއަބައިމީހުން އެތަނަށް ވަންނާށެވެ!" (އައްޒުމަރު: 73)
އުފާވެރިކަން ލިބުން އޮތް ހަމައެކަނި ގޮތަކީ އެމީހަކަށް ސުވަރުގެ ލިބުމެވެ. ސުވަރުގޭގެ ބަނޑޭރިން މަރުޙަބާ ވިދާޅުވެ ސަލާމް ވިދާޅުވާނެ މީހުންނެވެ! ދުނިޔޭގައި ހެޔޮ އަމަލުތައް ކުރުމުގެ ސަބަބުން ސުވަރުގޭގެ ދާއިމީ ނިޢްމަތް ލިބިގަންނަ މީހުންނެވެ!
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިދުނިޔޭގައި ހޭދަކުރްނަ ޖެހޭ ކުރު މުއްދަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފާށެވެ! ތިމާއަކީ މަލާއިކަތް ބޭކަލުންގެ ފައުޖުތައް ވަށައިގެން ތިއްބަވައި ސުވަރުގެ އާއި ދިމާއަށް ޢިއްޒަތާއިއެކުގައި ގެންދެވޭ މީހަކު ކަމުގައިވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ! މަސައްކަތްކުރަންވީ ދުނިޔޭގައި އޮނަރގާޑް ހޯދާކަށް ނޫނެވެ! އަސްކަރީންގެ ފައުޖެއްގެ މެދުގައި ހުރެ ހިނގާކަށް ނޫނެވެ! ގަދައަޅައި މަސައްކަތްކުރަންވީ މަލާއިކަތުންގެ ފައުޖުގެ މެދުގައި ހުރުމުގެ ޝަރަފާއި ސުވަރުގެ ވަދެވުމުގެ މަތިވެރި ނިޢްމަތް ޙާޞިލުކުރެވޭތޯއެވެ!
"އޮނަރގާޑް" އެރުވުމުން މިއަދު ވެރިންނާއި އެނޫން މީހުން ވެސް ވަރަށް ފަޚުރުވެރިވެއެވެ. ވަރަށް ބޮޑާވެ ކިބުރުވެރިވެ ހައިބަތު ދައްކައިގެން ރުސްތުމްގައި ތިބެއެވެ! ނަމަވެސް އެމީހުންނަކީ ޤިޔާމަތް ދުވަހުގެ ޝަރަފުގެ ހިނގާލުމުގެ ބައިވެރިއަކަށް ނުވެވިއްޖެ ނަމަ ދުނިޔޭގަ ބާއްވާ އޮނަރގާޑުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟
- އިސްލާމީ ތިލަފަތުގެ ދަރުސަކުން