ދުޢާއިން ޙާޞިލު ނުކުރެވޭނެ އެއްވެސް ކަމެއް ނެތެވެ! ޑޮކްޓަރުން އުންމީދު ކަނޑާލާފައިވާ ކިތައް ބަލި މީހުން ގަދަވޭހެއްޔެވެ؟ އަދި ކީއްހެއްޔެވެ؟ ދުޢާގެ ސަބަބުން އިންސާނާގެ ޢުމުރުވެސް އެކަލާނގެ އިރާދަކުރައްވަވައިފި އަޅަކަށް ދިގުކޮށް ދެއްވަވަތެވެ! ދުޢާއަކީ ތަޤްދީރު ބަދަލުކޮށްދެއްވަވާ ކަމެއް ކަމަށް ބުނެވެނީ މި ފަދަ ސަބަބުތަކަށްޓަކައެވެ.
ވީމާ ދުޢާ ކުރުމުގައި ސާބިތުވާށެވެ! ހިންމަވައި ދެއްވަވާނެ ކަމުގެ ޔަޤީންކަމާއިއެކު ދުޢާކުރަމުން ގެންދާށެވެ! ނަތީޖާ ފެންނާނެއެވެ! އިން ޝާ ﷲ
ކަމަކަށް އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި ދުޢާކުރާނަމަ އެކަމުގައި ސާބިތުވެ ހުންނާށެވެ! މާޔޫސްވެ ދުޢާކުރުން ހުއްޓައިނުލާށެވެ! ދުޢާ ކުރުމުގައި ސާބިތުވެ ހުންނަ މީހާގެ ބޭނުންތައް އާދަފޫއަޅުވައިލަނިވި ގޮތަކުން ނަމަވެސް ﷲ ތަޢާލާ ފުއްދަވައި ދެއްވަވާނެތެވެ!
ވަރަށް ގިނަ ފަހަރު ދިމާވާ ކަމަކީ ދުޢާކުރުމުގައި ސާބިތު ނުވެވުމެވެ. ދުޢާ އިޖާބަކުރައްވަވައި ތިމާ އެދޭ ކަންކަން ހިންމަވައި ދެއްވަވާނެ ކަމުގެ ޔަޤީންކަން ކުޑަވުމެވެ. ބައެއްފަހަރު ޔަޤީންކަން ނެތިގެންވެސް ދެއެވެ.
ދުޢާ އިޖާބަ ނުވެ ލަސްވަމުންދާނަމަ އެންމެ ބޮޑަށް ބަލަން ޖެހޭ އެއްކަމަކީ އެމީހާގެ އަމަލުތަކުގެ ސާބިތުކަމެވެ! އެމީހަކު ކުރަން ޖެހޭ އަޅުކަން ފުރިހަމައަށް އަދާކުރެވޭތޯއެވެ! ކައިބޮއި ހެދެނީ ހަމަ ޙަލާލުތަކެތިތޯއެވެ! ތިމާއަށް ލިބޭ އާމްދަނީ ޚަރަދުކުރެވެނީ ހަމަ ރަނގަޅު ގޮތުގައިތޯއެވެ! އެހީތޔެރިކަން ފޯރުކޮށްދޭން ޖެހޭ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެވޭތޯއެވެ! މިފަދަ ކަންކަމަކީ ހަމަ ޗެކްލިސްޓުގައި ހިމނައި ބަލައި ޗެކްކުރަން ޖެހޭ ކަންކަމެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން