ތިމާއަކީ ތިމާގެ ކިބައިން ރަސޫލް ޞޢވ, ބަރީޢަވެވަޑައިގެންފައިވާ މީހަކަށް ވެވިއްޖެނަމަ- ތިމާގެ ޙާލަކީ ކޮބާ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ތިމާއަކީ ތިމާގެ ކިބައިން ރަސޫލް ޞޢވ, ބަރީޢަވެވަޑައިގެންފައިވާ މީހަކަށް ވެވިއްޖެނަމަ- ތިމާގެ ޙާލަކީ ކޮބާ؟

މިދައްކާ ވާހަކަކޮޅު ރަނގަޅަށް އަޑުއަހާށެވެ! މިކިޔައިދޭ ޙަދީޘްފުޅުތަކަށް ވިސްނައިލާށެވެ! ކޮންމެ މީހަކަށް ނަމަވެސް ހިތްދަތިކަމާއި އުފާވެރިކަން މިންވަރުކުރައްވަވަނީ ﷲ ތަޢާލާއެވެ! އަހަރެމެން އެންމެން މިތިބީ އެކަން ހިތުގެ އަޑިން ފުރިހަމައަށް ޤަބޫލުކޮށްގެންނެވެ. އެހެންކަމާއިއެކުވެސް ހިތާމައިގެ ވަގުތުތަކުގައި އިޙްޞާޞްތައް ބަންޑުންކޮށްލެވޭ މީހުން އުޅެއެވެ. 

އެއްބައަކު ރުއިމުންނެވެ. އަނެއްބައަކަށް އަތުން ކުރެވޭ ޢަމަލުތަކުންނެވެ. އަނެއް ބައަކަށް ދުލުން ބުނެވޭ ބަސްތަކުންނެވެ. އެހެންކަމުން ހިތާމައިގެ ވަގުތުތަކުގައި ޢަމަލުކުރަން ރަސޫލް () ޙަދިޘްފުޅު ކުރައްވަވާފައިވާ ގޮތް އެނގުމަކީ ވަރަށް މުހިންމު ކަމެކެވެ. 

"(ހިތާމައެއް މެދުވެރިވުމުން) ކޯތާފަތުގަ ތަޅާ މީހުންނާއި، ކަރުވަޅު ވީދާ މީހުންނާއި، ޖާހިލިއްޔަ ޒަމާނުގެ ގޮވެލިފަތި ގޮވާ މީހުންނަކީ ތިމަންމެން އުޅޭ ގޮތަށް އުޅޭ ބައެއް ނޫނެވެ!": ޙަދީޘް (ޞަޙީޙް ބުޚާރީ: 1294) 

"...ހަމަކަށަވަރުން ރަސޫލް () ވަނީ (މުޞީބާތެއް ޖެހުމުން) އަޑުލާ ރޯ މީހާ އާއި ހެދުން ވީދާ މީހާގެ ކިބައިން ބަރީޢަވެވަޑައިގެންފައެވެ!" (ޞަޙީޙް ބުޚާރީ: 1296)

ވީމާ ކިތަންމެ ހިތްދަތި ޙާލަތެއް ކުރިމަތިވި ނަމަވެސް ގައިގެ ފޭރާން ވީދައި ތަންތަނުގައި ތަޅައި ރޮއި އަޑުގަދަކޮށް ގޮވެލިފަތި ގޮވައި ނުހަދާށެވެ! އެއީ ޖާހިލިއްޔަ ޒަމާނުގައި ކަންކަން ކޮށް އުޅުނު ގޮތެވެ. އެގޮތަށް އަމަލުކުރުމުން ރަސޫލް (ޞޢވ)ގެ އުންމަތުން ބޭރުވެދާނެކަން މި ޙަދީޘްފުޅުން މިއޮތީ އެނގޭށެވެ! 

"އެއުރެންނީ އެއުރެންނަށް މުޞީބާތެއް ޖެހިއްޖެނަމަ، ހަމަކަށަވަރުން ތިމަންމެންނީ، ﷲ އަށް މިލްކުވެވޮޑިގެންވާ ބައެެކޭ، އަދި ހަމަކަށަވަރުން ތިމަންމެންނީ، އެކަލާނގެ ޙަޟްރަތަށް އެނބުރިދާނޭ ބައެކޭ ބުނާ މީހުންނެވެ." (އަލްބަޤަރާ: 156) 

إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ ކިޔާށެވެ! މުސްލިމުން ޢަމަލުކުރަން ޖެހޭ ގޮތަކީ މިއީއެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން