ބައިވެރިޔާ، އަނބިދަރިން ނުވަތަ އެހެން ބައަކަށްނަމަވެސް ކިތަންމެ ގިނަ ޢަދަދެއްގެ ފައިސާ ހޭދަކުރިނަމަވެސް ހިތުގެ ލޯބި ޙާޞިލެއް ނުކުރެވޭނެއެވެ! އެކަމަށް ވިސްނައިލަމާ ހިނގާބަލާށެވެ!
ފުރަތަމަ ކަމަކަށް ހިތްހެޔޮކަމާއިއެކު ބަސް ބުނެ އޯގާތެރިކަމާއި ތެދުވެރިކަމާއިއެކު ކަންކޮށްދިނުމަކީ އަތުން އެއްވެސް ޚަރަދެއް ކުރަންޖެހޭ ކަމެއް ނޫނެވެ. ނަމަވެސް އެންމެ ގިނަ ޒަމާންތަކަށް ދެމިހުންނާނީ ހިތްހެޔޮކަމާއި އޯގާތެރިކަމާއި ތެދުވެރިކަމާއިއެކު ކޮށްދެވޭ ކަންކަމުގެ ހަނދާންތަކެވެ. އަތުން ދެވޭ ގިނަ ގިނަ ފައިސާތަކަކަށްވުރެ މިކަންކަމުން އަނެކާއަށް ލިބޭ ހިތްހަމަޖެހުމާއި އުފާވެރިކަން މާބޮޑެވެ!
ނަމަވެސް ގިނަ ބައަކަށް މިއަދު އެންމެ ކުރަން އުނދަގޫ ކަމަކަށްވެފައި އޮންނަނީ ހިތްހެޔޮކަން ޢަމަލުން ދެއްކުމެވެ. އޯގާތެރިކަމާއި ތެދުވެރިކަމާއިއެކު ކަންކަން ކޮށްދިނުމެވެ. ސުވާލަކީ އަތުން އެއްވެސް ޚަރަދެއް ނުކޮށް ކޮށްދެވެން ހުރި މިކަންކަން ކޮށް ނުދެނީ ކީއްވެގެންހެއްޔެވެ؟ ހިތްހެޔޮކަމާއި އޯގާތެރިކަމާއި ތެދުވެރިކަން އިސް ނުކުރަނީ ކީއްވެގެން ހެއްޔެވެ؟
އަހަރެންގެ ނަޒަރުގައި ޖަވާބަކީ ތެދުވެރިކަން ނެތުމެވެ. އިޚްލާޞްތެރިކަން ފިލައި ދިއުމެވެ!
ރަނގަޅަށް ބަލާށެވެ! ގިނަ ބައެއްގެ ޢާއިލީ ދިރިއުޅުންވެސް ރޫޅެމުން މިދަނީ ހަމަ މިކަންކަމުގެ ސަބަބުންނެވެ. ހިތްހެޔޮކަމާއި އޯގާތެރިކަމާއި އިޚްލާޞްތެރިކަން ނެތިގެންދިއުމުންނެވެ. ނަތީޖާއަކަށް ވެގެންދަނީ އަތުން ކިތަންމެ ބޮޑެތި ޚަރަދުތަކެއް ކުރި ނަމަވެސް މިކަންކަން ނެތުމުން ހިތުގެ ލޯބި ކެނޑިގެންދިއުމެވެ. ވީމާ ދެމަފިރިންގެ އާއި ޢާއިލީ ލޯބި ދެމެހެއްޓުމަށްޓަކައި ވެސް މިކަންކަމަށް ސަމާލުކަން ދޭށެވެ!
ހިތްހެޔޮކަމާއި އޯގާތެރިކަމާއި އިޚްލާޞްތެރިކަން ނެތް ނަމަ އެ ޙަޔާތަކީ މަރުވެފައިވާ ޙަޔާތެކެވެ! އެފަދަ ޙަޔާތެއްގައި އެއްވެސް ދިރުމެއް ނުވާނެއެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން