ސައިންސްވެރިންނަށް ކީރިތި ޤުރްއާނުގައިވާ ކަންކަން އެނގުމުން އިސްލާމްވަނީއެވެ. މިހައިތަނަށް އިސްލާމްވެފައިވަނީ އެކަކު ދެމީހެއް ނޫނެވެ. އެތައް ބައެކެވެ. އެކަމަކު ސައިންސްވެރިންނަށް ނުވާ ނުވަތަ ސައިންސް ނުވެސް އެނގޭ މީހުން މިބުނަނީ ޤުރްއާނުގައި ބަޔާންވެގެންވާ ކަންކަމަށް ސައިންސުން ހެކިދެއްކުމަށެވެ. މިވަނީ ކިހިނަކުން ހެއްޔެވެ؟
ސައިންސްވެރިންނަކީ މާ ކުރިއަރާފައިވާ ބައަކު ކަމަށް ބުނާ ނަމަ ނިކަން ﷲ ތަޢާލާ ކީރިތި ޤުރައާނުގައި ބަޔާންކުރައްވަވާފައިވާ މިފަދަ އެއްވެސް ކަމަކަށް ގޮންޖަހައިލަބަލާށެވެ!
"ހަނދު އަތުލައިގަތުމަކީ، އިރަށް އެކަށީގެންވާ ކަމެއްނޫނެވެ. އަދި ދުވާލަށްވުރެ ރޭގަނޑު ކުރިއަރައި ދާކަމަކަށްވެސް ނުމެވޭމެއެވެ. އަދި އެއިން ކޮންމެ އެއްޗެއްމެ ފަލަކެއްގައި ހިނގަހިނގާ ހުރެތެވެ." (ޔާސީން: 40)
އިރު އެރުމުންވެސް ހަނދުގެ އަލިކަން ނުގެއްލޭނެ ގޮތެއް ހަދަންވީ ނޫން ހެއްޔެވެ؟ ރޭދުވާ ތަކުރާރުވަމުންދާ ނިޒާމު އެންމެ ދުވަހަކަށް ނަމަވެސް ބަދަލުކޮށްލަންވީ ނޫން ހެއްޔެވެ؟ ޑިމޮކްރސީގެ ތެރެއިން އެންމެން ހަމަކޮށްލަން ދުވާލުގެ ވަގުތުތައް ﷲ ތަޢާލާ ގިނަ ކުރައްވަވާފައިވާ ސަރަހައްދަކަށް، ޤައުމަކަށް ދުވާލުގެ ވަގުތުތައް މަދުކޮށްލައި ހުރިހާ ޤައުމަކަށް އެއްގޮތް ކޮށްލަންވީ ނޫން ހެއްޔެވެ؟
މިފަދަ އެއްވެސް ކަމެއް ނުކުރެވޭނެއެވެ! ދުނިޔެ ނިމެންދެންވެސް ހުރިހާ ކަމެއްވެސް ހިނގަމުން ދާނީ ހަމަ ﷲ ތަޢާލާ މިންވަރުކުރައްވަވާފައިވާ ގޮތަށެވެ!
އިސްލާމް ދީނުގައި ބަޔާންވެގެންވާ ކަންކަމަށް ސައިންސުން ހެކި ހޯދަން ބޭނުންވާނަމަ އެކަމުން އަނގައި ދެނީ އެމީހާގެ ސިކުނޑީގައި އެއްވެސް ބާރެއް ނެތް ކަމެވެ. އެހެނީ ސައިންސްވެރިންނާއި ސައިންސްގެ ޢިލްމު އުފެއްދެވީވެސް ﷲ ތަޢާލާ ކަމުގައިވާ ކަމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން